ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ތަރައްޤީ ކުރަމުންދާ ފްލެޓުތަކަށް ކުރިމަތިލުމަށް ފޯމު ދޫކުރަން ފަށަން ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 14:00 ގައި ކަމަށް ހައުސިންގ މިނިސްޓަރު ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓަރު ޑރ.މުޙައްމަދު މުއިއްޒު ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ފްލެޓް ފޯމް ދޫކުރަން ފަށަނީ މިއަދު މެންދުރުފަހު 02:00 ގައި" ކަމަށެވެ.

ފްލެޓް ފޯމު ދޫކުރަން ހަމަޖެހިފައިވަނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގަޔާއި އޮންލައިންކޮށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފޯމު ދޫކުރުން މެންދުރުފަހު ފެށުމަށް ހަމަޖެހިފައިވާއިރު، ސޯޝަލް ހައުސިން ޔުނިޓްތަކުގެ ފޯމް ދޫކުރުމުގެ އެކްސްޕޯ ފެށުމަށް ހަމަޖެހިފައިވަނީ, ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ ޕްރެސް ކޮންފަރެންސަކުންނެވެ. މި ޕްރެސް ކޮންފަރެންސްގައި ހިޔާ މަޝްރޫއާއި ބެހޭ ގިނަ މައުލޫމާތުތަކެއް މިނިސްޓަރު ދެއްވަވާނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ތަރައްޤީ ކުރަމުންދާ 7000 ފްލެޓް ދިނުމަށް ނިންމާފައިވާ 11 ދާއިރާއަކީ:

- ސިވިލް ސާވިސް: 1،000

- ކައިވެނިކޮށްގެން އުޅޭ 18-40 ދެމެދުގެ ރައްޔިތުންނަށް: 1،000

- މާލޭގެ ރަށްވެހިންނަށް: 1،000

- ޑޮކްޓަރުންނާއި ނަރުހުންނަށް: 475

- ޓީޗަރުންނަށް: 625

- ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް: 1،044

- ފުލުހުންނާއި ސިފައިންނަށް: 600

- އެކަނިވެރި މައިންނާއި ބަފައިންނަށް: 400

- ނުކުޅެދޭ އާއިލާތަކަށް: 200

- މާފަންނު ހުޅަނގު ދާއިރާގައި ވަރަށް ނިކަމެތިކޮށް އުޅޭ ބަޔަކަށް ހާއްސަ: 256

- ގުޅީފަޅުން ފްލެޓަށް ފައިސާ ދައްކައި ނުލިބުނު މީހުންނާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު މީހުންނަށް: 300 (ބަދަލުވުން އެކަށީގެންވޭ)

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފެއްޓެވި ބިޔަ މަޝްރޫއު، "ހިޔާ މަޝްރޫއު" ގެ ދަށުން ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގިނަ އަދަދެއްގެ ރެޒިޑެންޝަލް ޓަވަރު ދަނީ އަޅަމުންނެވެ. މި މަޝްރޫއުއަކީ ބޯހިޔާވަހިކަމުގެ މައްސަލަތައް ވަރަށް ބޮޑުތަން ކުޑަކުރާާނެ މަޝްރޫއުއެކެވެ.