ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމެޓީގައި ޓެކްސީ ޑްރައިވަރުންނާއި ގުޅޭ ގޮތުން ޓްރާންސްޕޯޓު މިނިސްޓްރީގެ އިސްވެރިން ދެއްވި މައުލޫމާތަކީ ތެދު މައުލޫމާތުތަކެއް ނޫން ކަމަށްބުނެ އެ މިނިސްޓްރީގެ އިސްވެރިން ދެއްވި ވާހަކަތައް ޓްރާންސްޕޯޓު ވޯކާސް ޔޫނިއަން އޮފް މޯލްޑިވްސް (ޓީޑަބްލިއުޔޫ) އިން ދޮގުކޮށްފިއެވެ.

އެ ޖަމިއްޔާއިން ނެރެފައިވާ ބަޔާނެއްގައި މިއަދު ބުނީ ޓެކްސީ ޑްރައިވަރުންނާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ކޮމެޓީއެއްގައި ޓްރާންސްޕޯޓު މިނިސްޓްރީގެ އިސްވެރިން ދެއްކެވި ވާހަކަތަކާއި ގުޅިގެން ކަންބޮޑުވާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ޓެކްސީ ޑްރައިވަރުންނަށް އިތުރު ނިކަމެތި ކަމެއް ލިބިގެންދާ ގޮތަށް ތެދު ނޫން މައުލޫމާތު ހިއްސާ ކުރުމުން އެ ޖަމިއްޔާއިން ވަނީ އެކަން ކުށްވެރިވެސް ކޮށްފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަލީ ޒުބައިރު ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކާއި ބައްދަލުކުރެއްވި ކަމަށް އެ ކޮމެޓީގައި ވިދާޅުވެފައިވާއިރު ޒުބައިރު ވަނީ ޑްރައިވަރުންނަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުއްވި ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ރިލީފް ޕެކޭޖުގައި ހިމެނުމަށް އެއްވެސް ވަރަކަށް ޓެކްސީ ޑްރައިވަރުން ހިޔާލު ހިއްސާ ކޮށްފައި ނުވާ ކަމަށް ޒުބައިރު ވިދާޅުވިއެވެ. އަދި ޓެކްސީ ޑްރައިވަރުންގެ ރައްކާތެރިކަމަށްޓަކައި މާސްކު ފަދަ ތަކެތި ހޯދައި ދިނުމަށް ޑްރައިވަރުން އެދުނު ކަމަށާއި އެކަންކަން ހައްލު ކޮށްދީފައިވާނެ ކަމަށް ޒުބައިރު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ޓީޑަބްލިއުޔޫ އިން ބުނީ މިހާތަނަށް ޓްރާންސްޕޯޓުގެ އިސްވެރިންނާއި އެކުގައި ކޮންމެ ބައްދަލުވުމެއްގައި ވެސް ރިލީފް ލޯނަށް ޓެކްސީ ޑްރައިވަރުންނަށް ވެސް ފުރުސަތު ހޯދައި ދިނުމަށް އެދިފައިވާނެ ކަމަށެވެ. މީގެއިތުރުން ޓްރާންސްޕޯޓު މިނިސްޓްރީން އެއްވެސް ޓެކްސީ ޑްރައިވަރަކަށް އަދި ސެންޓަރަކަށް ވެސް ރައްކާތެރިކަމުގެ ގޮތުން މާސްކެއް އަދި ސެނަޓައިޒާއެއް ދީފައި ނުވާ ކަމަށްވެސް އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.

މިހާތަނަށް ޓެކްސީ ޑްރައިވަރުންނާއި އެކުގައި ގިނަ ބައްދަލުވުންތަކެއް ބާއްވާފައިވާއިރު އޭގެތެރެއިން އެއް ބައްދަލުވުން ބާއްވާފައި ވަނީ ޓްރާންސްޕޯޓު މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށާއި ދެން ހުރި ހުރިހާ ބައްދަލުވުމެއް ވެސް ބާއްވާފައިވަނީ ޓެކްސީ ސެންޓަރުތަކުގެ އެދުމުގެ މަތިން ކަމަށް ބަޔާނުގައިވެއެވެ. ޓްރާންސްޕޯޓުން އެދިގެން ބޭއްވި ބައްދަލުވުމުގައިވެސް އެ މިނިސްޓްރީން އެދިފައިވަނީ ކަރަންޓީނުން ނިމިގެން އަންނަ މީހުން ގޮވައިގެން ދަތުރު ކުރުމަށް ބައެއް ޑްރައިވަރުން ޖެހިލުންވާތީ އެކަމަށް ހައްލެއް ގެނެސް ދިނުމަށް ކަމަށާއި އެކަމަށް ޓެކްސީ ސެންޓަރުތަކުންނާއި ޑްރައިވަރުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

ހަމަ އެ ބައްދަލުވުމުގައި ފްރަންޓުލައިންގައި މަސައްކަތް ކުރާ ޓެކްސީ ޑްރައިވަރުންގެ ރައްކާތެރިކަމަށްޓަކައި ބޭނުންވާ އާލާތްތައް ހޯދައި ދިނުމަށް ޓްރާންސްޕޯޓު މިނިސްޓްރީގައި އެދިފައިވާނެ ކަމަށާއި އަދި ރަމަޟާން މަސް އޭރު ކައިރިވެފައިވާތީއާ ކޮވިޑް-19 ގެ ސަބަބުން ޑްރައިވަރުންގެ އާމްދަނީ އަށް އަސަރު ކޮށްފައިވާތީ ޑްރައިވަރުންނަށް ރިލީފް ލޯނު ހަމަޖައްސައި ދިނުމަށް އެދިފައިވާނެ ކަމަށް ޓީޑަބްލިއުޔޫގެ ބަޔާނުގައިވެއެވެ. އޭގެފަހުންވެސް ބޭއްވުނު ބައްދަލުވުންތަކުގައިވެސް އެދިފައިވާނީ އެ ދެކަންތައް ކޮށްދިނުމަށް ކަމަށް ބަޔާނުގައިވެއެވެ. ނަމަވެސް ޓެކްސީ ޑްރައިވަރުން ރިލީފް ލޯނަށް ޝަރުތު ހަމަނުވާ ކަމަށާއި ބީއެމްއެލް އިން ދޫކުރާ ލޯނަކަށްވެސް ޝަރުތު ހަމަނުވާ ކަމަށް ޓްރާންސްޕޯޓުން ބުނި ކަމަށް ބަޔާނުގައިވެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ އެއްބާރުލުމެއް ނުލިބުމުން ޓެކްސީ ސެންޓަރުތަކުންނާއި ޑްރައިވަރުން އަންނަނީ އެމީހުންގެ ހައްގުތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކެނޑިނޭޅި ކުރަމުންނެވެ. އެގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) އާއި ބައްދަލުކުރައްވާ ޝަކުވާތަކާއި ކަންބޮޑުވުންތައް ހިއްސާ ކޮށްފައިވާއިރު އެކަންބޮޑުވުންތަކެއް އަޑުއަހާ އަނދުން ހުސައިން އެކަމަށް މަސައްކަތް ކޮށްދެއްވާފައިވާ ކަމަށް ޓީޑަބްލިއުޔޫ އިން ވަނީ ބުނެފައެވެ.

އެ ޖަމިއްޔާއިން ވަނީ ޖުމްހޫރީ ޕާޓީ މެދުވެރިކޮށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާ ބައްދަލުކުރެވޭނެ ގޮތެއް ހޯދުމަށްވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް މިނިސްޓަރު ރަށުގައި ނޫޅުއްވާތީ އެޕާޓީގެ ނާއިބު ރައީސް އަހުމަދު ސައުދާއި ބައްދަލުކުރައްވާ ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފައެވެ. އަދި ފަހުގެ ތާރީހެއްގައި މިނިސްޓަރާއި ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކުގެ ކަންބޮޑުވުން ހިއްސާކުރި ކަމަށް ސައުދު ވިދާޅުވި ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އޭގެފަހުން އެ ޖަމިއްޔާއިން ވަނީ ޓެކްްސީ ޑްރައިވަރުންނަށް ބޭނުންވާ ރައްކާތެރިކަމުގެ އާލާތްތައް އެސްޓިއޯ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް އޮފީހަށްވެސް ސިޓީއެއްވެސް މެއިލް ކޮށްފައެވެ.

ގައުމީ ތަރައްގީ ކޮމެޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދު ފުރަބަންދު ކޮށްފައި އޮތުމުން ގެއްލުންވި ޓެކްސީ ޑްރައިވަރުންނަށް ރަނގަޅު ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.

ނަހުލާ ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަކީ ބުރަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދަމުން އަންނަ ބައެއް ކަމަށާއި އަދި އެމީހުންނަކީ އާއްމުންނަށް ވަރަށް މުހިއްމު ހިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ ބައެއް ކަމަށެވެ. އެހެންކަމުން މި ހާލަތުގައި ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ދަތިތަކައް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެފަރާތްތަކައް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.

ނަހުލާ ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަށް ފޯރުކޮށްދެވޭނީ ކޮން އެހީތެރިކަމެއްކަން ދެނެގަނެ، ސަރުކާރުން އިއުލާންކޮށްފައިވާ ޕެކޭޖުތަކުގެ ތެރެއިން ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސައިދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެކަމުގައި ބޮޑު މަސައްކަތެއް ކުރަމުން ގެންދަނީ އިކޮނޮމިކް މިނިސްޓްރީން ކަމަށާއި އެހެންކަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި ވާހަކަދައްކަވައިގެން ކުރިޔަށް ދެވޭނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޓިޕީމީ

    އޭބަލަގަ އެއީ އޮޅުމަކުން ދެވުނު މައުލޫމާތެކޭ، ދެންކޮބާ މައްސަލައަކީ.

    32
  2. ބީރުމީހާ

    އެތަނަ ކީ ޓެ ކްސި ޑްރަވަރުންނަށް ވި ކިފަ އޮންނަތަނެއް ނަހުލާގެ އެ ކްސްވެސް އެއީ ކާރުދުއްވި ދްރައިވަރެއް

    15
    3
  3. އަހުމަދު

    ތިޔަ ޒުބޭރު މުޅި މިނިސްޓްރީ އެތެރެ ޚަރާބު ކޮށްފި މުވައްޒަފުން ވެސް އެންމެ ރުޅިއަރާ އެކަކު އެއީ މުވައްޒަފުންނަށް ވެސް ހިތު ހުރިގޮތެއް ހަދަނީ އެހެންނު ވާނީ އިސްލާމިކް މިނިސްޓްރީގެ މީޓިން ރޫމް ގެ މޭޒުމަތި ހަޑި ކުރި މީހަކީ މީނާ އަދި މިސްކިތުގެ ހުރުމަތް ވެސް ކެނޑި މިފަދަ މީހަކު ކޮންމެ ފަދަ ދޮގެއްވެސް ހަދާނެ އަލުން ސަރުކާރަށް ދެމިގަތީ ކޮން ވަޔެއް އަޅުވައިގެންބާ މިފަހަރު މިނިސްޓަރ ނަހުލާ ސަލާމަތް ވާނެބާ ... ގާސިމް ވަރަށް ވިސްނާތި .. ނަހުލާ މާ ގަޔާވާ މީހެކޭ މީނާ މީ.....

  4. ދަރިގެ ދަރި

    ބަލަ ޓެކްސީ ޑްރައިވަރުން ގެނައި ސަރުކާރެއްނު މީ އެކަމު އެމީހުންނަށް އެންމެ ހާލު ޖެއްސި ސަރުކާރު މީ އެމީހުންނަށް މިހާރު ތިބޭނެ ރާކަނި މަސް ކެވިފައި ޔާމިނު އިރުގައިވެސް މިވަރަށް ދޮގު ހަދާ އޮޅުވައެއް ނުލާ ... އަނެއް އިންތިހާބުގައި އެނެއްކާ ވޯޓް ލާން ހުރިހާ ޓެކްސީ މީހުން ތައްޔާރު ވޭ މިފަހަރު ސައްތައިން ސައްތަ އެމް ޑީ ޕީ އަށް ދޭތި އޭރުން ވާގޮތް އިނގޭނެ