ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 46 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

މިއަދު 6:00 އާއި ހަމައަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާއްމު ކުރި މައުލޫމާތަށް ބަލާއިރު، އިތުރު 46 މީހަކު ރަނގަޅުވެ ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީީ 763 އަށް އަރާފައެވެ.

އަދި ރާއްޖެއިން އިތުރު 18 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިއާއެކު ރައްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 1901 އަށް އަރާފައެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހަކު މިއަދު ހެނދުނު ވަނީ ނިޔާވެފައެވެ. އެއީ ބަންގްލަދޭޝް މީހެކެވެ. ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 8 އަށް އަރާފައެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ފަރުވާދެމުން ދަނީ 1128 މީހަކަށެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހޭ މީހުން ބަލީގެ އަލާމާތްތައް ނުފެންނަތާ ތިން ދުވަސް ވުމުން އިތުރު ޓެސްޓެއް ހެދުމެއް ނެތި ދޫކޮށްލަން މިހާރު ވަނީ ނިންމާފައެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ބަލިން ރަނގަޅުވާ މީހުންގެ އަދަދު އިތުރު ވެގެން ދާނެއެވެ.

މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑޮކްޓަރ ނަޒްލާ މުސްތަފާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިހާރު ކޮވިޑް-19 އިން ރަނގަޅު ވެއްޖެތޯ ބަލަން ޓެސްޓް ހަދަމުން ނުގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަޓޯ

    އެޗްޕީއޭ އިން މީހުން ރަގަޅުވީތޯ ޔަގީން ކުރަން ޓެސްޓް ނަހަދާ... ދެން ކިހިނެއް އިނގެނީ އެމީހަކު ގައިން ބަލި ނެތް ކަމެއް