ހިންމަންދޫގެ ކްލަބެއްގެ ހުރިހާ މެންބަރުންނަށް މި ރޯދަމަހު ފިޔާ ބިސް މުޅިން ހިލޭ ބަހަން ފަށައިފިއެވެ.

"ވަގުތު " އަށް މައުލޫމާތު ދެއްވަމުން އއ ހިންމަންދޫގައި ހިންގަމުން އަންނަ ކްލަބެއް ކަމަށްވާ ކްލަބް " ނިއު ފްރެންޑްސް " ގެ ރައީސް މުހައްމަދު އަކްރަމް އަހްމަދު ވިދާޅުވީ ކްލަބް ނިއު ފްރެންޑްސްގެ ކޮންމެ މެންބަރަކަަށް ބިސް ޓްރޭ އަކާ ފިޔާ ކިލޯއެއް މި ރޯދަމަހު ބަހަން ފަށައިފައިވާ ކަމަށެވެ.

" ރަށުގައި އުޅޭ މި ކްލަބުގެ މެންބަރުންނަށާއި އަދި ރަށުގައި ދިރިއުޅޭ ރަށުން ބޭރު ހުރިހާ މެންބަރުންނަށް އަޅުގަނޑުމެން ބިސް ޓްރޭ އަކާ ފިޔާ ކިލޯއެއް މި ރޯދަމަހު ބަހަން ވަނީ ނިންމާފައި, ތަކެތި ބަލާ އަންނަ އިރު އައިޑީ ކާޑު ގެންނެއްވުމުން ތަކެއްތި ހަވާލު ކުރެވޭނެ " އަކްރަމް ވިދާޅުވިއެވެ.

ހިމަންދޫ ކްލަބް ނިއުފްރެންޑްގެ ފަރާތުން މި އިނާޔަތް ރޯދަމަހާއި ގުޅުވައިގެން ބަހަމުންދާތާ މީ ތިންވަނަ އަހަރެވެ . މިއަހަރު 165 ފަރާތަކަށް މި އިނާޔަތް ލިބޭނެ ކަމަށް އެ ކްލަބުން ބުނެއެވެ.

ބަރަކާތްތެރި ރޯދަ މަސް ދިވެހިންނާއި ބަައްދަލު ކުރަން ދެ ހަފްތާއަށް ވެފައިވާއިރު ރާއްޖޭގެ އެކި ރަށް ރަށުގެ ކައުންސިލުން ތަކުން އެރަށު ރައްޔިތުންގެ ކަރަންޓު ބިލު، ރޯދަ މަހު ހިލޭކޮށްފައިވާއިރު ، އެކި ރަށްރަށުގެ ކައުންސިލުތަކުން، ރޯދައާ ދިމާކޮށް އެކި ހަދިޔާތައް ދެއެވެ.

އެގޮތުން މުޅި ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަވަނަ ދުވަހު، ރ. އުނގޫފާރުގެ ގޭބިސީތަކުން ބޭނުންކުރާ ކަރަންޓަރުގެ ޚަރަދުތައް، އެރަށު ކައުންސިލުން ދައްކައިދޭ ގޮތަށް އިއްޔެ ވަނީ ނިންމާފައެވެ.