ކޮވިޑް-19 އަށް ރާއްޖެއިން ފައްސި (ޕޮޒިޓިވް) ވާ މީހުންގެ މިންވަރު މަދު ކުރުމަށް ސުންކު (ސާމްޕަލް) ނަގާ މިންވަރު މަދުނުކުރާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އިން ބުނެފިއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފަހަކަށް އައިސް މަދު ބަޔަކު ފައްސިވަމުން އަންނާތީ އެކި ފަރާތްތަކުން އަންނަނީ ސަރުކާރުން އެ އަދަދު މަދު ކުރުމަށް މަދުން ސުންކު ނަގަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން މިރޭ އެންއީއޯސީގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، ރާއްޖެއިން ކޮވިޑް-19 ނެތިގެން ދިޔައީ ކަމަށް އެ ސެންޓަރުން ނުދެކޭ ކަމަށާއި ފައްސިވާ މިންވަރު މަދު ކުރުމަށް ސުންކު ނަގާ މިންވަރު މަދުކުރާ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން މިއަދުގެ 18:00 އަށް 5734 ސާމްޕަލެއް އެއް ނަގާފައިވާ ކަން ފާހަގަ ކުރަމުން މަބްރޫކު ވިދާޅުވީ ފުރަބަންދަށް ދީފައިވާ ލުޔާއި އެކީ ގިނަ މީހުން ފައްސި ނުވަތަ ނައްސިވާ ކަން އެނގޭނީ ދުވަސްކޮޅެއް ފަހުން ކަމަށެވެ.

"31 މޭ އިން ފެށިގެން 1 ޖޫންގެ ހަގަޑި ސުންމިނެޓާއި ހަމަޔަށް 835 ސާމްޕަލް، 56 ޕޮޒިޓިވް ކޭސް ފެނިފައިވޭ. 1 ޖޫން 6 ގަޑި ސުންމިނެޓުން ގެ 2 ޖޫން ހަގަޑި ސުންމިނެޓަށް 704 ސާމްޕަލް 12 ޕޮޒިޓިވް. 2 ޖޫން އިން 3 ޖޫންގެ ހަގަޑި ސުންމިނެޓާއި ހަމަޔަށް 618 ސާމްޕަލް، 9 ޕޮޒިޓިވް ކޭސް. 3 ޖޫން އިން 4 ޖޫންގެ ހަގަޑި ސުންމިނެޓާއި ހަމަޔަށް 685 ސާމްޕަލް، 24 ޕޮޒިޓިވް ކޭސް. 4 ޖޫން 5 ޖޫން ހަގަޑި ސުންމިނެޓަށް 957 ސާމްޕަލް، 11 ޕޮޒިޓިވް ކޭސް. 5 ޖޫން އިން 6 ޖޫން ގެ 6 ޖެހުމާއި ހަމަޔަށް 725 ސާމްޕަލް ނެގި 18 ޕޮޒިޓިވް ކޭސް ފެނިފައިވޭ." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް އައިޖީއެމްއެޗުގައި ގެންގުޅޭ ދެ އެކްސްޓްރެކްޝަން މެޝިނުގެ ތެރެއިން އެއް މެޝިން ހަލާކުވެފައިވާ ކަމަށާއި އެ މެޝިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ދެ މެޝިނުން މީގެ ކުރިން ދުވާލެއްގެ މައްޗަށް 700 ޓެސްޓް ހެދެއެވެ. އެހެން ނަމަވެސް މިހާރު ހެދެނީ 500 ވަރަކަށް ޓެސްޓެވެ. މިއީ ފައްސިވާ މީހުންގެ އަދަދު މަދުވާ ކަމަށްވެސް ދިމާވެދެނެއެވެ.

ރާއްޖެއިން މިއަދާއި ހަމައަށް ކޮވިޑް-19 އަށް 1901 މީހަކު ވަނީ ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 637 ދިވެހިންނާއި 1264 ބޭރު މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސަމާލު

  ތިބުނާ ސުންކެއް ނެގިޔަސް ޓެސްޓް ނެހެދެންޏާ ކީއްކު ރާނީ ޓެސްޓްހެދީމަތާ ޕޮޒިޓިވް/ނެގެޓިވް އެނގޭނީ

  17
 2. މޮހޮދު

  ހޫހޫން. މީ ބޮޑު އަނގައެއް

 3. އަޑަފި

  ނަގާ ސާމްޕަލްތައް ވާއެއް ނުވާއެއް ނޭގި ގެއްލޭ ވާހަކަވެސް އަޑުއިވޭ، ދުވާލަކު 5000 ސާމްޕްލްވެސް ނެގިދާނެ އެކަމަކު ދުވަލަކު 100 ޓެސްޓް ހެދޭނަމަ، ކުރާނެ ކަމެއް ނޯންނާނެ.

 4. ކެޔޮޅު

  މިކަންވެސް ނިމިގެންދާނީ ބޮނޑުނަގުލަށް ކަން ޔަގީން. އެބަޔަކު ބޭނުންވާކަންކަން އެބަޔަކަށް ހާސިލްވެއްޖިއްޔާ އޯކޭ. ރައްޔިތުން ވަރިހަމަ ކިތަންމެ ބިކަ ހާލެއްގަ ޖެހުނަސް. ފެސިލިޓީސްތަކާ މެޝިނަރީތަކުން ބޮޑުބައި އެތެރެ ކޮށްލެވިއްޖެ. މިހާރު އާދައިގެ އަރިދަފުސް ރޯގާއަކަށްވުރެ ކޮވިޑްގެ ބާރު ދައްކަމަށް ބެލެވޭހެން ހީވާންފަށައިފި.