ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި، ބައެއް ހިސާބުތަކަށް މޫސުން ގޯސްވުމާއި ގުޅިގެން ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސާވިސް އިން މި ސަމާލު ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން އެންމެ ދެކުނުގައި އޮންނަ އައްޑޫ ސިޓީއާއި ހަމައަށެވެ. މި ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ މިރޭ 3:00 އިން ފެށިގެން ހެނދުނު 8:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ސަމާލު ނެރެފައިވާ ވަގުތުތަކުގައި ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން ވެސް އެކަށީގެންވާ ކަމަށް އެ އިދާރާއިން ވިދާޅުވެފައި ވެއެވެ.

ރާއްޖެއަށް މޫސުން ކުރިޔަށް ލަފާކުރާ ގޮތް ހާމަކޮށް މޫސުމާއި ބެހޭ އިދާރާ އިން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި، އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.

"އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރު މިނަށް ވައި ގަދަވުން އެކަށީގެން ވޭ." މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވިއެވެ.

އެ އިދާރާއިން ވިދާޅުވީ، އުތުރާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މުސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިން އިލްތިމާކޮށްފައި ވެއެވެ.