މާލެ ސަރަހައްދުގައި ހުއްދަ ދީފައިވާ ޓެކްސީތަކާއި ޕިކަޕް ސެންޓަރުތަކުގެ އިސް ވެރިންނާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރޭ ބައްދަލު ކުރައްވައި، އެ ބައްދަލުވުމުގެ ފޮޓޯތައް މީސްމީޑިއާގައި އާންމު ކުރައްވައިފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ކުރި ޓުވީޓެއްގައި ވަނީ ނަހުލާގެ ދެ ފޮޓޯއެއް އާންމުކޮށްފައެވެ. އެއް ފޮޓޯއަކީ ނަހުލާ ގޭގައި އިންނަވަނިކޮށް ނަގާފައިވާ ފޮޓޯއަކާއި ވެބްކޮންފަރެންސް މެދުވެރިކޮށް ޓެކްސީތަކާއި ޕިކަޕް ސެންޓަރުތަކުގެ ވެރިންނާ އެކު ނެގި ފޮޓޯއެކެވެ.

އެ ދެ ފޮޓޯއާ އެކުގައި ޓްރާންސްޕޯޓް މިނިސްޓްރީން ކުރި ޓުވީޓެއްގައި ވަނީ ޓެކްސީތަކާއި ޕިކަޕް ސެންޓަރުތަކުގެ ވެރިންނާ އެކު ނަހުލާ ބޭއްވެވި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކަށް މިދުވަސްވަރު ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމާއި ގުޅޭ ގޮތުން ކަމަށެވެ.

ޓްރާންސްޕޯޓުން މި ފޮޓޯތައް އާންމުކުރީ ނަހުލާ އާއި މިނިސްޓްރީން ކުރާ މަސައްކަތް މާބޮޑަށް ނުފެންނަނީ ފޮޓޯ ނަގައި އާއްމު ނުކުރާތީ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ނަހުލާ ވިދާޅުވެފައިވަނިކޮށެވެ. ޓްރާންސްޕޯޓު މިނިސްޓްރީގެ މަސައްކަތްތައް ނުހިނގާ ކަމަށް ވިދާޅުވެ، މެމްބަރުން ފާޑު ވިދާޅުވާން ފެއްޓެވުމުން ނަހުލާ ވަނީ އެކަމަށް ރައްދު ދެއްވައިފައެވެ.

ނަހުލާ ވިދާޅުވީ، ކޮވިޑް19 އާ ދެކޮޅަށް އިސްސަފުގައި މަސައްކަތް ކުރުމަށް ރައީސް އޮފީހުން ނެގި ޓާސްކްފޯސްގައި އޭނާ ހިމެނިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އެ ޓާސްކްފޯސްގައި ހިމެނޭ އެހެން މިނިސްޓަރުންނާ ގުޅިގެން ކުރަން ޖެހޭ ކަންކަން ޓްރާންސްޕޯޓް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. ފުރަބަންދުގައި ވެސް ހުއްޓުމެއް ނެތި މަސައްކަތްތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވެހިކަލް ކޮންޓްރޯލް ކުރަން ޓެކްސީގެ ވިޔަފާރި ހުއްޓުވައެއް ނުލެވޭނެ: ނަހުލާ

އޭގެ ފަހުން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ނަހުލާ ވިދާޅުވީ މާލޭގައި ވެހިކަލް ކޮންޓްރޯލްކުރުމުގެ ގޮތުން ޓެކްސީގެ ވިޔަފާރި ކުއްލިއަކަށް ހުއްޓުވާ ނުލެވޭނެ ކަމަށެވެ. އެކަމަކު، ވެހިކަލް ގިނަ ވުމުގެ މައްސަލައަކީ މާލެއަށް ދިމާވެފައިވާ އެންމެ ސީރިއަސް އެއް މައްސަލަ ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.