ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދުވަސްނުފުރާ ވިހޭ އެންމެ ހަގު ކުއްޖާ އަށް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލަން ތައްޔާރުވެއްޖެއެވެ.

އެ އަންހެން މީހާގެ ބަނޑަށް 28 ހަފްތާގައި ވިހެއި އެ ކުއްޖާގެ ބަރުދަނުގައި ހުރީ އެއް ކިލޯއެވެ. ފުރަތަމަ އެ ކުއްޖާއަށް ފަރުވާދީފައި ވަނީ ވެންޓިލޭޓަރުގައެވެ. ނަމަވެސް ފަހުން އެ ކުއްޖާގެ ހާލު ރަނގަޅުވެ، ފަރުވާ ދެމުން ދިޔައީ އެންއައިސީޔޫގައެވެ.

އެ ކުއްޖާ ވިހޭތާ މިހާރު 51 ދުވަސް ވަނީ ވެފައެވެ.

ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ދާއޫދު ވިދާޅުވީ، އެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލަން ނިންމާފައި ވަނީ މާދަމާ ކަމަށެވެ. އަދި އެ ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް މިއަދު ވަނީ، ދުވަސް ނުފުރާ އުފަންވާ ކުދިންނަށް އެންމެ ފުރިހަމަ ގޮތުގައި ފަރުވާދިނުމަށް ސީޕެޕް، ސާފެކްޓެންޓް، މަލްޓީވިޓަމިން ޑްރޮޕްސް ހޯދުމަށް އެދިފައެވެ.