ޖަޕާނުން ރާއްޖެއަށް 600 މިލިއަން ޖަޕަނީޒް ޔެން (86.4 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު މެންދުރުފަހު ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، މި އެހީގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ މަރުކަޒުތަކާ ހޮސްޕިޓަލްތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް 10 ބެޑްސައިޑް އެކްސްރޭ މެޝިން، 65 ބެޑްސައިޑް މޮނީޓަރ، 19 ޕޯޓަބަލް އަލްޓްރާ ސައުންޑް އިމޭޖް ސިސްޓަމް، 200 އޮޓޮމޭޓެޑް އެކްސްޓަރނަލް ޑިފިބްރިލޭޓަރސް އަދި 160 ސިރިން ޕަމްޕް ހޯދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި ޖަޕާނުން ރާއްޖެއަށް މި ދިން ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރާއްވާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވިދާޅުވީ، ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މުހިއްމުކަމެއް ކަމަށެވެއަދި އެ އެއްބާރުލުން ޖަޕާނުން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ނިމިދިޔަ މަހުވެސް ޖަޕާނުން ވަނީ ޔުނިސެފް މެދުވެރިކޮށް 5.6 މިލިއަން ރުފިޔާ އަދި މޯލްޑިވްސް ރެޑް ކްރެސެންޓް މެދުވެރިކޮށް 2.9 މިލިއަން ރުފިޔާގެ އެހީވެސް ރާއްޖެއަށް ދީފައެވެ. އަދި ޔޫ.އެން.ޑީ.ޕީ މެދުވެރިކޮށް، ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް، ކުދި ވިޔަފާރިތަކަށް އެހީވުމަށް 21.5 މިލިއަން ރުފިޔާގެ އެހީވެސް އެގައުމުން ވަނީ ރާއްޖެއަށް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލާރިގަނޑު

    ތި އެހީތައް ލިބުނަސް ވާ ކަމެއް ނެތް.....
    އެއަށް ވާނުވާ އެއް ނޭނގޭ.....

    16
  2. ވަގު ކާޕެޓް

    އަވަހަށް ކާލާ ޖީވަންޓޭ.

    11
  3. ކާފަ

    ތި އަޅާތަނެއް އެބަޖެހޭބަލަން.

    16
  4. ރަބަރޭ

    (86.4 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ފެންފޮދަކާ ނުލާދިރުވާ ލާނެ

    10
  5. ހޯރަ

    4.2 ބިލިޔަން ރުފިޔާ ޖަހައިގެން ގެނެސް ވީތަން ނޭނގުނު . ދެން ތިވާނެތަ ކަހެރުވަކަކަށްވެސް.

  6. މާރިޔާ

    ކަލޯމެން މިހުރިހާ ރުފިޔާއައް ކިހިނެއްތޯހިއްދަވަނީ