އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ބ. އޭދަފުށީގައި ޕީސީއާރު ޓެސްޓު ހެދުމަށް ތައްޔާރުވަމުން އަންނަ ކަން ސަރުކާރުން ހާމަ ކޮށްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ މިހާރު އެންއީއޯސީން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ދަރުބާރުގޭގައި ކުރިއަށް ދިޔާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ނަޔާޒު އަހުމަދު ވިދާޅުވީ، އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީގެ އިތުރުން އޭދަފުށީގައި ޕީސީއާރު ޓެސްޓް ހެދުމަށް މެޝިން ބެހެއްޓޭނެ ކަމަށެވެ.

އެކަމަށް ބޭނުންވާ ޓެކްނީޝިއަނުން މާލެ ގެނެސް މިހާރު ތަމްރީނު ފުރިހަމަ ކުރުމަށް ފަހު ބައެއް ފަރާތްތަކުން ރަށަށް ގޮސްފައިވާ ކަމަށް ނަޔާޒު ފާހަގަ ކުރެއްވިއެވެ. އެގޮތުން އައްޑޫ ލެބްޓެކްނީޝަނުން އައްޑޫ އަށް ވަޑައިގެންފައިވާ ކަމަށާއި ކުޅުދުއްފުށީގެ ބޭފުލުން މާދަމާ ވަޑައިގެން ކަރަންޓީނުގެ މުއްދަތު ނިންމުމަށްފަހު ހިދުމަތް ދޭން ނިކުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕީސީއާރު މެޝިން 3 ތަނެއްގައި ގާއިމު ކުރެވޭނެ. އެއީ ކުޅުދުއްފުއްޓާއި އައްޑޫ އާއި ބ. އަތޮޅު އޭދަފުށި. އަޅުގަނޑުމެން ވާނީ މިހާރު ޕީސީއާރަށް އައްޑޫ އަތޮޅާއި ކުޅުދުއްފުށިން ކޮންމެ ހޮސްޕިޓަލަކުން 2 ލެބް ޓެކްނީޝިއަނުން ގެނެސް ޓްރޭނިން ކޮށްފަ" ނަޔާޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު