ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގަން ނިންމާފައިވާ ޕްރޮގްރާމްތައް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް މަޖިލީހަށް ހުށަހަޅުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީތަކުން ދިރާސާކުރުމަށްފަހު، އެ މައްސަލައާ ގުޅޭ ގޮތުން ކޮމިޓީތަކުން ފާހަގަކޮށްފައިވާ ހޯދުންތަކާއި ހުށަހެޅުންތައް އެކުލެވޭ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙަށް މިއަދު އަރުއްވައިފިއެވެ.

އެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވާފައި ވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ރިޕޯޓުގެ ބޭނުމަކީ، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭ މިހާރު އޮތް ޙާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރައްވަން ޤަސްދުކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ފެންނަ ލަފައެއް ސަރުކާރުގައި ދެންނެވުން ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ހުށަހެޅުންތަކުގައި، މިވަގުތު ދިވެހިރާއްޖެއަށް މާލީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކުގެ ތަފްޞީލާއި އަދި، ދައުލަތުގެ އާމްދަނީ ހުރި މިންވަރާއި، ދައުލަތުގެ އާމްދަނީއަށް އަންނާނެ ބަދަލާއި ދައުލަތުގެ އާމްދަނީއަށް ވެގެންދާނެ ކަމަށް އަންދާޒާކުރެވޭ ގޮތްތަކާއި އެކަމުގެ ތަފުސީލު ހިމަނާފައިވެއެވެ.

މީގެއިތުރުން، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، ވަޒީފާ ގެއްލޭނެ ކަމަށް އަންދާޒާކުރެވޭ މިންވަރާއި އަދި ވަޒީފާ ގެއްލޭނެ ކަމަށް އަންދާޒާކުރެވޭ ފަރާތްތަކާއި، އެކަމުގެ ސަބަބުން ކުރިމަތިވާނެ އިތުރު އިޖްތިމާޢީ މައްސަލަތަކާއި، ބޯހިޔާވެހިކަން ގެއްލޭނެ މިންވަރާއި، އެކަންކަން ގޮސްދާނެ މިސްރާބަކާ ގުޅޭ ދިރާސާތައް ވެސް ރިޕޯޓުތަކުގައި ހިމަނާފައިވެއެވެ. އަދި، މާލެއާއި އެހެން ރަށްރަށުގައި ބަންދުވެފައި ތިބި މީހުންނާއި، ވަޒީފާ ގެއްލޭ ފަރާތްތަކާއި، ބޯހިޔާވެހިކަން ގެއްލޭ ފަރާތްތަކަށް އެހީވެވިދާނެ ގޮތުގެ ލަފައެއްވެސް ހިމަނާފައިވެއެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކޮށްދެއްވި ބުރަ މަސައްކަތައް ރައީސް ސޯލިހު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހަބަރޭ

    ބޭކާރު ހަރަދު ފާޑު ފާޑުގެ ފޮތް ފޮތް ޕްރިންޓް ކޮއްގެން
    ދެރަވަރު

    22
  2. ައަންނި ކޮއްކޮ

    މީނާ ހިތުން މީނާ(ނަޝީދު) އަކީވެސް ސަރުކާރެއް ދޯ؟ މީނާ ވަކިސަރުކާރެއް ހިންގަނީ ދޯ؟ މީނާމީ ރާއްޖޭގެ ސްޕީކަރ ދޯ؟ މީނާ ހިތުން މީނާ އަކީ ބޮޑު ވަޒީރު.

    26
    1
  3. ދުންތަރި

    ތިޔަ ކެނެރީ މަޖިލީހުން ދިވެހި ޤައުމުހިންގާނީ އެހެން އެއްވެސް ބާރެއް އެއްވެސް ތާކަށްނޯންނާނެ ތިޔަ ކެނެރީ ބައިގަނޑުނޫނީ ކަމެއްކުރެވޭބަޔެއްނޯންނާނެ ޑުރަގު ޑިލަރުންނާ ގޭންގްސްޓަރުން މިޤައުމު ހިންގަންޖެހޭނީ

    23
  4. އަސީ

    އަނެއްކާ އަނެއްމީޑިޔާ ސްޓަންޓް މުޅިންވެސް ދެބޯގެރުދުއްވުން

    22
  5. Mahujanu

    މުޅި ގައުމު ހަލާކު ކުރަމުން ނުލަފާ އަރުވަމުން ދުވާނެކަމެއް ނެތް. ރައްޔިތުން މިތި ބީ ކަރުދާސްކޮޅު އަތަށް އަރާނެ ދުވަހަކަށް ކެތްމަދުވެފަ.

    21
  6. ފަރޫ

    ފޮޓޯނަގަން އަޅާމާސްކަކާ ވައްތަރީ?

    20
  7. އެކްޓަރ

    އަސްލު ކިހިނެއްތޯ މިވަނީ..
    1. ވެރިކަން ހިންގާ ބާރު ( ރައީސް) ރައްޔިތުންގެ ސީދާ ވޯޓް.
    2 ޤާނޫނު ހަދާ މަޖްލިސް..( ރައްޔިތުން އިންތިޚާބުކުރާ 87 ދާއިގެ މެންބަރުން އަދި ސްޕީކަރ އަކަށް މެންބަރުންގެ މެދުގައިނަގާ ސިއްރު ވޯޓެއްގެ 3/2 .
    3. ޝަރުއީ ބާރު.. މިއީ ރައީސް ނޮމިނޭޓް ކުރާ އުއްތަމަ ފަނޑިޔާރަކަށް މަޖްލިސްގެ ރުހުން ލިބިގެން ދެމި އޮންނަ ސްޕްރީމް ކޯޓްގެ ދަށުގައި ހިނގާ ބާރު.
    4. މީޑިއާ..މިއީ ޤާނޫނީ ވަކި ބާރެއްނޫން..ނަމަވެސް މިއީ ރައްޔިތުންނަށް ވާނުވާ އޮޅުން ފިލުވައިދީ އެންމެ ވަރުގަދަ ބާރު.....
    ..... ރައީސުލްޖުމްހޫރިއްޔާ އަށް ޤާނޫނު ހަދާ މަޖްލިސް އިން ޤައުމު ހިންގާނެގޮތާއި އިގުތިސާދު ރާވާނެގޮތުގެ ރޯޑް މަޕް ފާސްކޮށްފަ ދިނީމަ ހިންގުމުގެ ނިޒާމް ފާލުން ނެއްޓި މާކަނޑުގައި ހުންގާނެއްނެތި އޮތް އޮޑިއެއްފަދަ މީހަކަށް ރައީސް ހެދީތާ..... ލޯބިވާ ދިވެހި ދަރިންނޭވެ.. ޤައުމު ހަމަ އޮޔާދަނީއެވެ.. މިއީ އަހަރަމެންގެ ޤައުމެވެ.. މިޤައުމު ދެކެ އަހަރަމެން ލޯބި ނުވެއްޖެނަމަ ދެން ޤައުމު ދެކެ ލޯބިވާނީ ކާކުހެއްޔެވެ.. ޤައުމުގެ ކަނދުރާގަ ޚަންޖަރ އަޅުވާ ބުރިކޮށްލާތަން އާނ ހަމޭކިޔާ ބަލަންތިބޭނީ ހެއްޔެވެ...
    ހުރިހާ ބާރަކަށްވުރެ ރައްޔިތުން ބާރުގަދަވާނެ. .ޤާނޫނު އަސާސީގެ 4 މާއްދާ އެއީ މުތުލަގްބާރު....

    18
  8. އެމް ޝަމް

    ތި ގަބޫލު ނިކޮށްފިއޔާ ވެރިކަން ވަޓާލާނެ..

    15
    1
  9. ޓޮންނަ

    މަޖިލީހުގެ އިހްތިސާސް ތެރޭގައި ހިމެނޭ ކަމެއް ނޫން ތިއީ!

  10. އެމަންޖެ

    ނަސީދަކީ މިދިވެހިގައުމުގެ ހަލާކެވެ.

    5
    1
  11. ޑަރޭ

    މީނަ މަޖިލިސް ރައީސް ކަންލި ބުނުފަހުން މައިގަނޑު ގޮތެއްގަހުރީ ރިސޯސް ވޭސްޓް ކުރުމުގެ ކަންތައްތައް ހިންގާފަ. މިސާލަ: ބޭކާރު ޖަލްސާތައް، ޕުރިންޓިން، މަޖިލސް މެންޑޭޓުން ބޭރު ކަންތައްތއް.....

  12. ގައިދުރުކުރޭ

    ރައްޔިތުންގެ މަޖިލީހުގެ ރައީސްބައިވެރިވެހުރެގެން ކޮވިޑުއާގުޅުންހުރި ހުރިހާކަމަކަށް އެޅީހުރަސް ތީ ކޮންކަމެއްކުރެވޭތަނެއް ސާލިހުއާ ބައްދަލުކުރީ މަޖިލީހުގައި ހިންގިއުދުވާނުން ސަލާމަތްވާން ނުފޫޒުފޯރުވަން ސާލިހު ނުޖެހެއި ޝުކުރުއަދާކުރާކަށް

  13. ރާއްޖެ.

    އިބްރާހީމަށް ނޭގޭތީ ފޮތެއް ލިޔެފަ ހަދަން ޖެހޭ ހޮތް ބުނެ ދިނީ ދެއްތޮ؟ މިވެސް ވެރިކަމެކޯލަ

  14. ނިންޖާ

    ތިޔަކޮށްލެވުނީ ވާ ކަމެއް؟ ނަސީދުއަށް މެޑަލް ދޭންވާނެ މިވަފަރު.
    ކުޑަ ކުޑަ ގައުމެއްގައި ރައްޔިތުންނަށް އިހްލާސްތި ވެރިކަމެއް ކޮށްދެވޭވަރު މީހަކު ހަމަ ނެތީތަ؟