ކޮވިޑް-19 އާ ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން 77.3 މިލިއަން ރުފިޔާގެ މެޑިކަލް އިކުއިޕްމަންޓާއެކު، ޕީސީއާރު މެޝިނެއްވެސް ދިވެހިރާއްޖެއަށް ހަދިޔާ ކޮށްފިއެވެ.

މިތަކެތި ރާއްޖެއަށް ހަދިޔާ ކުރުމާ ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ޔޫއޭއީ އަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ޔޫ.އޭ.އީއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ރިއަލް ޓައިމް ޕީސީއާރް ސިސްޓަމްސް، ޕީސީއާރް އެކްސްޓްރެކްޝަން މެޝިން، ކޮވިޑް-19 ޑައިގްނޯސްޓިކް އެކްސްޓްރެކްޝަން ކިޓް، 30 ހާސް ޓެސްޓް ހެދޭނެ ޕީސީއާރް ކިޓް، ޕީޕީއީ އަދި ހޭންޑް ސެނިޓައިޒަރ ކަމަށެވެ.

މީގެ ތެރޭގައި ހިމެނޭ ޕީ.ސީ.އާރް މެޝިނުން ގަޑިއަކު 96 ޓެސްޓް ހެދޭނެ ކަމަށާއި މިއާއެކު ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ސްޕީޑް އަވަސްވެ، ބައްޔާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ޔޫ.އޭ.އީ އިން މިއަދު ރާއްޖެއަށް ހަދިޔާކުރި އެހީގެ ތަކެތީގެ ތަފްސީލް:
- 100،000 ސެނިޓައިޒަރ ފުޅި
- 225،000 ކޭ.އެން 95 މާސްކް
- 2،500،000 ސަރޖިކަލް މާސްކް
- 5000 އަންގި ފޮށި (ކޮންމެ ފޮއްޓެއްގައި 100 އަންގި)
- 75،000 ޑިސްޕޯސަބަލް ގައުންސް (ޝޫ ކަވަރ އާއެކު)
- 10،000 ފޭސް ޝީލްޑް
- ޕީ.ސީ.އާރް އެކްސްޓްރެކްޝަން މެޝިން
- 30،000 ޑައިގްނޯސްޓިކް އެކްސްޓްރެކްޝަން ކިޓް
- 2 ރިއަލް ޓައިމް ޕީ.ސީ.އާރް ސިސްޓަމް

ފޮރިން މިނިސްޓްރީން ބުނީ، ހިލޭ އެހީގެ ގޮތުގައި ޔޫ.އޭ.އީ އިން ފޯރުކޮށްދިން މި އެހީގެ ތަކެތީގެ ބަރުދަނުގައި 70 ޓަނު ހުރިއިރު، މިތަކެތި މިއަދު ރާއްޖެ ގެނެސްފައިވަނީ މިކަމަށް ޚާއްސަކޮށް ޔޫ.އޭ.އީއިން ފޮނުވި ޚާއްސަ މަތިންދާބޯޓެއްގައި ކަމަށެވެ.

"މިދިޔަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު މިނިސްޓަރ ޝާހިދު ވަނީ ޔޫ.އޭ.އީ ގެ ފޮރިން މިނިސްޓަރ ޝައިޚް އަބްދުﷲ ބިން ޒައިދް އަލް ނަޙްޔާން އާއި ފޯނުން ގުޅުއްވައި، ރާއްޖޭގެ ޙާލަތާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފައި އަދި ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާ ބެހޭ މައުލޫމާތު ޔޫ.އޭ.އީ ސަރުކާރަށް އެދުވަހު މިނިސްޓަރ ޝާހިދު ވަނީ އަރުވާފައި" ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ޔޫ.އޭ.އީގެ ވެރިންނާއި، ސަރުކާރާއި އަޚުވަންތަ ރައްޔިތުންނަށް މިއަދު ފޮނުއްވި އެހީއަށްޓަކައި ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޔޫއޭއީ އިން ހަދިޔާކުރި ތަކެތީގެ ސަބަބުން ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ޤާބިލްކަން އިތުރުކުރެވި، ޓެސްޓް ކުރެވޭ މިންވަރު އިތުރުކުރެވޭނެއެވެ. އަދި މިއީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދީ، 'ނިއު ނޯމަލް' އާ ދިމާއަށް ރާއްޖެއިން މިސްރާބު ޖަހާފައިވާ މިދަނޑިވަޅުގައި މިމަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

ފޮރިން މިނިސްޓްރީން ވަނީ ދިވެހި ރައްޔިތުންނަށް ބޭނުމެއް ޖެހޭ ކޮންމެ ހިނދެއްގައި އެހީތެރިވުމަށް ޔޫ.އޭ.އީ ސަރުކާރުން ދެއްވާ ޚާއްސަ އަހައްމިއްޔަތުކަން ފާހަގަކޮށް ދިވެހި ސަރުކާރުން ޝުކުރު އަދާކުރައްވާ ކަން ބުނެފައެވެ.

"1970 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ޔޫއޭއީ ސަރުކާރުން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިވަމުން. ޚާއްސަ ގޮތެއްގައި ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް އެޤައުމުން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކޮށްލެވޭ. އަދި މިދިޔަ މާޗް މަހުގެ 9 ވަނަ ދުވަހުވެސް ހިލޭ އެހީގެ ގޮތުގައި ޔޫ.އޭ.އީ އިން ރާއްޖެއަށް 771 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި މިނިސްޓަރ ޝާހިދު ވަނީ އަބޫދާބީގައި ސޮއިކުރައްވާފައި" މިނިސްޓްރީން ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއާ ޔޫ.އޭ.އީ އާ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑުތަނުން އިތުރަށް ހަރުދަނާވެފައިވާ ކަމަށެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ޔޫއޭއީއަށްވެސް ވަޑައިގެންފައިވާ ކަން އެ މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ. އޭގެ ފަހުން އެކި ފަހަރުމަތިން ޔޫއޭއީއަށް ވަޑައިގެން އެގައުމުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައި، މަޝްވަރާތައް ބާއްވަވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މިއަދު

    ތިމެސިން އަދިހަލާކެއްނުވޭތަ

  2. ރަބަރޭ

    ތި ސާމާނު ހަދިޔާ ކުރާއިރު ބޭނުން ކުރާގޮތް ދަސްކޮށްދޭން އަސްކަރިއްޔާ ސިފާއިންގެ ލަސްކަރެއްނުގެނޭބާ 2އަހަރަށް އެގްރިމެންޓް ކޮއްގެން މިހެން މިބުނީ މާގާތް ވެގެންނޭ ކިޔާގެން އުޅޭ ރަހުމަތް ތެރިކަމަށް ބުނާ ގައުމުތަކުން ތަކެތި ހަދިޔާކުރާއިރު ކަންތައް ހިގާ އުސޫލަށް ބަލާފަ

  3. މަދްޔަ

    ތިޔަ މެޝިނު ދާނީ ސީދާ އައިޖީއެމްއެޗަށް އެތާ ހުރި ހަލާކުވެފަ ހުރި ޕީސީއާރް މެޝިނުގެ ބަދަލުގަ

  4. ައަހުމަދު

    އެހީ އެބަދޭޤައުމުތަކުން ސުވާލަކީ ތިއެހީއަށް ސަރުކާރުން ކުރަނީ ކޮންކަމެއްހޭ މާސްކެއްވެސް ގަންނަން ޖެހެނީއަގުބޮޑުކޮށް ހިލޭނުލިބޭތާގައި އަގުހެޔޮކޮށްވެސް ވިއްކިދާނެތާ ، ސަރުކާރުން ބުޑުމުސާރަނަގައިގެން ތިބޭމީހުންނަށް އޯކޭ ވިޔަސް އަމިއްލަމަސައްކަތުން ކުޅޭ ނިކަމެތި ރައްޔިތުން ކީއްކުރާނީ ؟މަސައްކަތް ނުކުރެވި އަތްމަތިހުސްވެފައި މިތިބީ އެވަރުން ފާޑެއްގެ ޖޮބުސެންތަރެއްގެ ރަޖިސްޓްރީ ވެގެންވެސް އެއްޗެއްނުލިބޭ ބޮޑުން ބޭނުންބަޔަކަށް ނޫނީ ނުލިބޭ، ހިޔެއްނުވެ ދުނިޔޭގައިވެސް މިއަށްވުރެ ވަކިން ކޮރަޕްޓު ސަރުކާރުތައް އޮންނަ އެހެން ޤައުމެއް އޮންނަހެން. ހީވަނީ މީޤައުމަކީ އެމީހުންގަނެގެން މީހުން އާބާދުކޮށްގެން ގެންގުޅޭ ޤައުމެއްހެން.

  5. ހާށަވިޔަނި

    ޝާހިދުއަށް ހަދިޔާއަކށް ލިބުނީ ކޮންއެއްޗެއްބާ؟ ސަރުކާރަށް ލިބޭ ހަދިޔާއަށްވުރެ ގިނަ ހަދިޔާ ގެއަށްގެންދޭ. ބާ ކާޕެޓް ގަނޑެއްލިބުނަސް ގެއަށް.