ކުުރިއަށް އޮތް ތިން މަހަށް ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގްތިސާދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް އެމްއެމްއޭ އިން 2.7 ބިލިއަން ރުފިޔާގެ އޯވަޑްރޯއެއް ސަރުކާރަށް ދޫކޮށްފިއެވެ.

އެމްއެމްއޭ އިން މެއި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް އޯވަޑްރޯގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ވަނީ ސަރުކާރަށް ދޫކޮށްފައެވެ. އެމްއެމްއޭ އިން މިފަދައިން އޯވަޑްރޯ ދޫކޮށްފައި މިވަނީ އެ އޯވަޑްރޯ ދޫކުރުމަށް މަޖިލީހުން ހުއްދަ ދީފައި އޮތުމުންނެވެ. މަޖިލީހުން ހުއްދަ ދިނީ 4.2 ބިލިއަން އޯވަޑްރޯ ކުރުމަށެވެ.

މަޖިލީހުން އެ އަދަދު ދޫކުރުމަށް ފާސްކުރީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އިސްތިސްނާ ވާން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެދިވަޑައިގަންނެވި ގޮތަށެވެ.

މިދިޔަ އޭޕްރީލް މަހުގެ 22ވަނަ ދުވަހު ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަށް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ ފިޒިކަލް ހަމަތަކަކީ، އެ ހަމަތަކަށް ފިނޭންސް މިނިސްޓްރީ އިން އަމަލުކުރުން ލާޒިމް ހަމަތަކެއް ކަމުގައި ވީނަމަވެސް، މިހާރު މުޅި ދުނިޔެއަށް އަދި ރާއްޖެއަށް ދިމާވެފައިވާ ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ސަބަބުން މިހާރު ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެކު، އެ ގާނޫނުގެ 32 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ހަމަތަކަށް އަމަލު ކުރުމަކީ މިދަނޑިވަޅުގައި އިގްތިސާދީ ގޮތުން ކުރެވިދާނެ ކަމެއް ނޫން ކަމަށެވެ.

މިނިސްޓަރު އަމީރު ވަނީ އެ ސިޓީއާ އެކުގައި ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދީ އަދި މާލީ ލޮޅުމާއި އެކު ދައުލަތުގެ ހަރަދުތަކަށް ބޭނުންވާ ކޭޝް ފްލޯ ހޯދުމަށް މަޖިލީހަށް ލިޔުމެއް ފޮނުވާފައެވެ. ފިނޭންސް މިނިސްޓްރީން ވަނީ މިހާރުގެ ހާލަތާއި ގުޅޭ ގޮތުން ތިން ސިނާރިއޯ އެއް އެކުލަވާލައިފައެވެ. އޭގެތެރެއިން މިނިސްޓަރު އަމީރު ވިދާޅުވަނީ މިހާރު ކުރިމަތިވާނެ ކަމަށް އެންމެ ބޮޑަށް ލަފާކުރެވޭ ސިނާރިއޯއަކީ ސިނާރިއޯ ތިނެއް ކަމަށެވެ.

ސިނާރިއޯ ތިނެއްގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު 50 އިންސައްތަ ދަށްވެ، ބެޑްނައިޓްސް 39 އިންސައްތަ ދަށްވާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ރާއްޖޭގެ ރިއަލް އިކޮނޮމީގެ އެހެން ސެކްޓަރތަކަށް ވެސް މީގެ އަސަރުކޮށް، އިގްތިސާދުގެ ޖުމުލަ ޑިމާންޑް ދަށްވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެއާއެކު، ރާއްޖޭގެ އިގްތިސާދު 2020 ވަނަ އަހަރު 5.11 އިންސައްތައިން ދަށްވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ފަތުރުވެރިކަމަށް އަންނަ ބޮޑު ހީނަރުކަމާއެކު، ދައުލަތުގެ އާމްދަނީ 2020 ވަނަ އަހަރުގެ ބަޖެޓުގައި އަންދާޒާކުރި މިންވަރާ އަޅައި ބަލާއިރު 49 އިންސައްތަ ދަށްވާނެ ކަމަށް ސިނާރިއޯ ތިނެއްގައި ވަނީ ލަފާކޮށްފައެވެ. އެ ސިނާރިއޯގައި، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 2020 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރެވެނީ 2.15 ބިލިއަން ރުފިޔާއެވެ. މި އަހަރު މިހާތަނަށް ލިބިފައިވަނީ 6.4 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ އާމްދަނީ އަށް އަންނަ ހީނަރުކަމާއެކު، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅިފައިވާ ކަމަށެވެ. މީގެ ތެރޭގައި ޑެޕިއުޓީ މިނިސްޓަރުން ލެވެލްއިން ފެށިގެން މަތީ ފަންތީގެ މުވައްޒަފުންގެ މުސާރަތައް 20 އިންސައްތަ ކުޑަކުރުމާއި، ދަތުރުފަތުރަށް ކުރާ ހަރަދު ކުޑަ ކުރުމާއި، މަރާމާތުތަކާއި ހަރުމުދާ ހޯދުން މަޑުޖައްސާލުމާއި، އެހެނިހެން ރިކަރަންޓް ޚަރަދުތައް ވެސް ކުޑަކުރުން ހިމެނެއެވެ.

އަދި އިތުރު ހަރަދުތަކަށް ކޮމިޓްނުކުރުމުގެ ގޮތުން އިތުރު މުވައްޒަފުން ނުނެގުމާއި، މަޝްރޫއުތައް އެވޯޑްކުރުން ވެސް މަޑުޖައްސާލެވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ލޯނު އަދާކުރުމަށް ކުރާ ހޭދަ ކުޑަކުރުމަށް ޑެޓް ރިލީފް އަދި މޮރެޓޯރިއަމް ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރަށް، 35،000 ރުފިޔާއަށް ވުރެ ބޮޑު ކޮންމެ ހަރަދެއް ކުރުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދުމަށް ދަންނަވާފައިވާނެ ކަމަށާއި އެ ދެންނެވުނު ފިޔަވަޅުތަކާއެކު، ދައުލަތުގެ ބަޖެޓު، 2020 ވަނަ އަހަރަށް ފާސްކޮށްފައިވާ 9.37 ބިލިއަން ރުފިޔާއިން 1.30 ބިލިއަން ރުފިޔާއަށް ކުޑަކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއަށްވުރެ ބޮޑަށް ހަރަދު ކުޑަކުރާނަމަ، ދައުލަތުން ފޯރުކޮށްދޭ މުހިންމު ހިދުމަތްތަކަށާއި ޕްރޮގްރާމްތަކަށް ބުރޫ އަރާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން ދައުލަތުން މުވައްޒަފުން މަދުކުރަން ނުވަތަ މުވައްޒަފުންގެ މުސާރައިން އުނިކުރަން ޖެހިދާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ދައުލަތުގެ ހަރަދުތައް އެކި ދިމަދިމާލުން ހިފެހެއްޓި ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ސިއްހަތަށާއި އިޖުތިމާއީ ރައްކާތެރިކަމަށާއި، ކާރިސާ މެނޭޖްކުރުމަށް ކުރާ ހަރަދު އިތުރުވެފައިވާ ކަމަށެވެ. އަދި ހާލަތު ބަދަލުވަމުންދާ ގޮތަށް ބަލައި، އެކަމަށް އިތުރަށް ފައިސާ އިތުރު ކުރަން ޖެހިފައިވާ ކަމަށެވެ. ހަމައެއާއެކު، އިގްތިސާދަށް އައި ބޮޑު ހީނަރުކަމާއި އެކު، ވިޔަފާރިތަކާއި ގޭބިސީތަކުން ވަނީ ދައުލަތުގެ އެހީއަށް ބޭނުންވެފައި ކަމަށް އަމީރު ވިދާޅުވިއެވެ. މިގޮތުން، މި ކާރިސާގެ ތެރޭގައި ކުރު މުއްދަތުގައި ވަޒީފާތައް ދެމެހެއްޓުމަކީ ދައުލަތުގެ މުހިއްމު މަގުސަދުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، އިގްތިސާދީ ރިލީފް ޕެކޭޖަށްވެސް ދައުލަތުން ހަރަދު އިތުރުކުރަން ޖެހިފައިވާ ކަމަށާއި އެ ހަރަދުތައް މި ވަގުތު ހަމަޖައްސަމުން ދަނީ 2020 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ކޮންޓިންޖެންސީއިންނާއި ބަޖެޓުގެ ތެރެއިން ރީއެލޮކޭޓް ކޮށްގެން ކަމަށް އަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީ އާއި ހަރަދަށް ބަލައި ބަޖެޓުގެ ޑެފިސިޓަށާއި ޑެފިސިޓް ފައިނޭންސް ކުރުމަށް ފައިސާ ހޯދަންޖެހޭ މިންވަރު ވަނީ ވަރަށް ބޮޑަށް
އިތުރުވެފައި ކަމަށެވެ. އެގޮތުން ސިނާރިއޯ ތިނެއްގައި، ބަޖެޓު ޑެފިސިޓް 13 ބިލިއަން ރުފިޔާއަށް އިތުރުވެ، ފައިނޭންސިން ހޯދަންޖެހޭ މިންވަރު 2.13 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާފަބޭ2020

    ބޭރުގެއެކިއެކިފަރާތްތަކުން ބިލިއަނުންބިލިއަނުން މިލިބޭހާފައިސާއިން ދެކޮޅުނުޖެހިގެން ޚަޒާނާއިންވެސް އެވަރަށްދަމައިފި 2 އަހަރުގެބަޖެޓުހުސްވެއްޖެ ލޯނުއެވަރަށްނަގައިފި ރައިއްޔަތަކަށް ލިބުނުމަންފާއެއްނެތްކަމަށް ނޫސްތަކުގަލިޔެފާމިހުންނަނީ!! އަނެއްކާ މިޑްޓާމްއިލެކްޝަނެއްއަންނަނީބާ؟ނޫނީ ..........

  2. ޝައިމްބެ

    އޯވަޑުރޯ ސަރުކާރެއް މިހާރު އޮތީ..ރައީސް ޔާމީން ޗާޕުކޮއްފަ ނުނެރި ހުރި ފައިސާ ނޫޓުތަކުން އޯވަޑުރޯ ކޮއްފަ މި ކިޔަނީ ޗާޕު ނުކުރާނަމޯ. މިއީ ދޯހަޅި ސަރުކާރެއް.. ތެލީގެ ފޫކަހަނީ..

  3. އާދިލް

    އައިޖީއެމްއެޗް އަށް ސޮފްޓްވެޔަރ އެއް ގަންނަން 1.5 މިލިއަންޑޮލަރު ވެސް ޙަރަދު ކޮށްފި. ބޮޑެތި ކޮރަޕްޝަން ހަމަ.