ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ލެބޯޓްރީ ޓެސްޓުކުރުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)އިން 5000 ޓެސްޓްކިޓް ހަދިޔާކޮށްފިއެވެ.

މިއަދު ހަދިޔާކުރި ކޮވިޑް-19 ގެ ޓެސްޓްކިޓްތަކާއެކު ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް މިހާތަނަށް ހަދިޔާކުރި ޓެސްޓް ކިޓްތަކުގެ އަދަދު މިހާރު ވަނީ 41،000 އަށް އަރާފައެވެ.

މި ޓެސްޓްކިޓްތައް ހަދިޔާ ކުރުމާއި ގުޅިގެން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ ޑަބްލިވްއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރުއާއި މިއަދު ބައްދަލުކުރައްވައި، އެޖަމިއްޔާގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ޑަބްލިވްއެޗްއޯގެ ރާއްޖެ އޮފީހުން ބުނީ، ކުރިއަށް އޮތް ތަނުގައިވެސް މެދުކެނޑުމެއްނެތި ދިވެހިރާއްޖެއަށް ޓެސްޓްކިޓް ލިބެމުންދާނެކަމަށެވެ. އަދި ޓެސްޓްކިޓްގެ ޢަދަދު އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އެ ޖަމިއްޔާގެ ރާއްޖެ އޮފީހުން ބުންޏެވެ.

ދިވެހިރާއްޖެއިން ކޮވިޑް-19 ބައްޔާއި ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ ޑަބްލިވްއެޗްއޯއިން ދަނީ އެކިގޮތްގޮތުން ރާއްޖެއަށް އެހީވަމުންނެވެ.

މިގޮތުން ފަންނީ އެހީތެރިކަމުގެ އިތުރަށް، ދިވެހިރާއްޖޭގެ އެކިސަރަޙައްދުތަކުގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި، އެކިކަހަލަ އާލާތްތައް ހޯދުމާއި އެހެން ޖަމާޢަތްތަކުގެ އެހީ ރާއްޖެއަށް ހޯދުމުގައިވެސް އެޖަމިއްޔާއިންދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހހހހ

    މިގައުމުގައި މިހާރު ކޯވިޑް އެއް ނެތެއްނު. ދެން ޓެސްޓް ކިޓް އެކްސްޕޯޓް ވޮޔަފާރި ފަށާ.

  2. ައަހުމަދު

    ޤައުމުތަކުން ކިތަންމެ އެހީވިޔަސް ރައްޔިތުންނަށް ވާފައިދާއެއް ނެތް އެކަމަކު ކޮވިޑަށް ބިލިޔަނަކާގާތަށް ޚަރަދުކޮށްފި މިވަރަށް އޭހީދޭއިރު ވާނުވާއެއްވެސް ނޭގެ.