އޭޑިކޭއިން ކޮވިޑް-19ގެ ޓެސްޓެއް ހަދައިދޭ އަގަކީ މިވަގުތު ރާއްޖޭގައި އެ ޓެސްޓު ހަދައިދޭ އެންމެ ހެޔޮ އަގުކަމަށް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އައްފާލް ވިދާޅުވެއްޖެއެވެ.

އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓެއް ހަދައިދޭ އަގަކީ 675 ރުފިޔާ އެވެ. އެ އަގު ބޮޑުވެގެން ގިނަ ބަޔަކު ގެންދަނީ މީސް މީޑިއާގައި އެކަމަށް ފާޑުކިޔަމުންނެވެ. އެހެން ނަމަވެސް އޭޑީކޭއިން ވަނީ އެއަގު ނަގަމުން ދާގޮތުގެ ތަފްސީލް ހާމަކޮށްފައެވެ.

މިހާރު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އައްފާލް ވިދާޅުވީ، މިވަގުތު ރާއްޖޭގައި ކޮވިޑް-19ގެ ޕީސީއާރް ޓެސްޓެއް އެންމެ ކުޑަ އަގަކަށް ހަދައިދެނީ އޭޑީކޭން ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ޔަގީން ކަމާއެކު ދަންނަވަން ކެރިދާނެ އެއީ މިވަގުތު ދިވެހި ރާއްޖޭގައި ކޮވިޑް ޓެސްޓެއް ހަދައިދޭނެ އެންމެ ހެޔޮ އަގު" އައްފާލް ވިދާޅުވިއެވެ.

އައްފާލް ވިދާޅުވީ، ޕީސީއާރް ޓެސްޓް ކުރެވޭނެ މެޝިނެއް ގެނެސް ބެހެއްޓުމަކުން ކޮވިޑް-19ގެ ޓެސްޓެއް ނެހެދޭ ކަމަށާއި، ވަރަށް ގިނަ މަރުހަލާތަކެއްވެސް ޓެސްޓް ކުރުމުގެ ކުރިން ކުރިއަށްދާ ކަމަށެވެ.

"ހަގީގަތުގައި ލެބެއްގެ ތެރޭގައި އާ ލެބެއް ގާއިމް ކުރަން އަޅުގަނޑުމެން ޖެހެނީ، އެހެންވީމަ މިއީ ވަރަށް ބައިވަރު މަސައްކަތްތަކެއް ކޮށްގެން ކުރަން ޖެހޭ ކަމެއް، ޕީސީއާރް މެޝިނެއް ހޯދަން އަޅުގަނޑުމެން އޯޑަރު ކޮށްފިން ފެބްުރުއަރީގައި، ދުނިޔޭގެ މީގެ ޑިމާންޑާއި އަޅުގަނޑުމެންނަށް މީގެން އެއްޗެއް ލިބެން ހުރި ދަތިކަމަކީ މި މެޝިން އަޅުގަނޑުމެންގެ އަތާއި ހަމައަށް މި އައީ މެއި މަހު، އެހެންވީމަ ވަރަށް ބޮޑު މަރުހަލާއެއްގެ ތެރޭގައި މިކަން މި ކުރަނީ" އައްފާލް ވިދާޅުވިއެވެ.

އައްފާލް ވިދާޅުވީ، ޓެސްޓެއް ހަދާއިރުގައި މަދުވެގެން ތިން މުވައްޒަފުން ބޭނުންވާ ކަމަށާއި، ކޮންމެ މުވައްޒަފަކު ހުންނާނީ ފުލް ޕީޕީއީގައި ކަމަށެވެ. އަދި ޕީޕީއީ ކިޓެއްގެ އަގު ގާތްގަނޑަކަށް 1000 ރުފިޔާއަށް އަރާއިރު، ޓެސްޓު ކިޓާއި، އެ ނޫންވެސް ހުރިހާ ތަކެތީ ޔުނިޓް އަގުތައް ހަދާލާއިރު، އޭޑިކޭއިން ކޮވިޑް-19ގެ ޓެސްޓެއް ދޭ އަގަކީ ކުޑަ އަގެއް ކަމަށް އައްފާލް ވިދާޅުވިއެވެ.

"މި ކޮސްޓުގައި އަޅުގަނޑުމެން މިކަން ކޮށްދޭ އެންމެ ބޮޑު އެއް ސަބަބަކީވެސް އަޅުގަނޑުމެންގެ އެންމެ ބޮޑު ޒިންމާއަކަށްވީ މިފަދަ ހާލަތެއްގައި އަޅުގަނޑުމެން ތިބިއިރެއްގައި އެންމެ ރަނގަޅަށް މިކަން ކޮންޓްރިބިއުޓް ކުރެވި ދައުލަތުން އެބޭފުޅުން ކަނޑައަޅާފައިވާ ނިޒާމުގެ ތެރޭގައި ބައިވެރިވެެގެން އެންމެ ރަނގަޅު ހިދުމަތެއް އެންމެ ފުޅާ ދާއިރާއެއްގައި ދެވޭނެތޯ ބެލުން" އައްފާލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮތަރު

    ތިޔަ ތަނުން ދެއްވާ ހުރިހާ ޚިދުމަތެއްވެސް ތިޔަ ދެއްވަނީ ގާތްގަނޑަކަށް މުޅިން ހިލޭ ނޫންތޯ؟

  2. ދުންތަރި

    އޭޑީކޭ ސަރުކާރުން ކުޑައަގުގަ ބިމާ ޢިމާރާޓް ހޯދައިގެން ރައްޔިތުންގެ ލޭބޮއިގެން ތަންގުފެންވަރ މަތިކުރިޔަސް ޚިދުމަތަކަށްވުރެބޮޑަށް ރައްޔިތުން ފެލަނީ އަވަށްޓެރި ޤައުމުތަކުގެ ފެންވަރު ރަނގަޅު ހޮސްޕިޓަލުގެ އަގުތަކާ ޚިދުމަތްކާ އަލާ ލިޔާލީމައެނގެނީ ތިޔަ ހޮސްޕިޓަކލެއް ހުޅުވިފަހުން އޭޑީކޭ ނާޝިދު މަހުޖަނަކަށްވެއްޖެ