ހަށިގަނޑުގައި ކޮވިޑް-19 ގެ އެންޓިބޮޓީ ހުރިތޯ ބެލުމަށް ހަދަން ޖެހޭ އެންޓިބޮޑީ ޓެސްޓަކީ މިހާރު ބަލި އޮތް ހާލަތުގައި ރާއްޖެއަށް މުހިންމު ޓެސްޓެއް ނޫން ކަމަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ފަހުގެ މަޢުލޫމާތު ހާމަކުރުމަށް ސަރުކާރުން ކުރިޔަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރޭ ވާހަކަ ދައްކަވަމުން އަފްއާލް ވިދާޅުވީ، އެންޓިބޮޓީ ޓެސްޓު މުހިންމު ވަނީ، ބަލިމަޑުކަމުގެ މި ހާލަތު ރަނގަޅުވުމުން ބަލީގެ ޕްރިވިއަލެންސް ހުރި މިންވަރު ބަލައި ދިރާސާ ކުރުމަށް ކަމަށެވެ.

"މީގެ ބޭނުން ކުރެވިދާނެ ގޮތްގޮތް އެބަހުރި. ވަކި ހިސާބަކުން މި އެޕިޑެމިކް ޑައުން ވެގެންދާއިރު ރާއްޖޭގައި މީގެ ޕްރިވިއަލެންސް ހުރީ ކިހާވަރަކަށްތޯ ބަލައި ދިރާސާތަކަށް ބޭނުން ކުރެވިދާނެ" އަފްއާލް ވިދާޅުވި އެވެ.

އެންޓިބޮޑީ ޓެސްޓު ހެދުމަކީ މުހިންމު ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވަމުން އަފްއާލް ވިދާޅުވީ، ރާއްޖޭގައި މި ޓެސްޓު ހެދުމުގެ ކެޕޭސިޓި އެބަހުރި ކަމަށެވެ.

އަދި ރާއްޖޭގެ ބައެއް ހިސާބުތަކުގައި އެއްވެސް ވަރަކަށް މި ބަލި ފެތުރިފައި ނުވާއިރު، އެ ހިސާބުތަކުގައި އެންޓިބޮޑީ ޓެސްޓު ހެދުމުގެ އިންތިޒާމްތައް ހަމަޖެއްސުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ނޫން ކަމަށްވެސް އަފްއާލް ވިދާޅުވިއެވެ.

ސަރުކާރުން ކުރިން ވިދާޅުވެފައި ވަނީ އެންޓިބޮޑީ ޓެސްޓުތައް ހެދުމަކީ އެހެން ބަލިތަކުގައި ވެސް ހަދާ ޓެސްޓަކަށް ވާއިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައިހެން މި ޓެސްޓު ހެދޭނެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ރަށްރަށަށް ނެދުވި މާލޭގައި ތާށިވެފައި ތިބި މީހުން އެމީހުންގެ ރަށަށް ފޮނުވާއިރު، އެމީހުންގެ އެންޓި ބޮޑީ ޓެސްޓް ހެދުމަށް ވަނީ ހަމަޖައްސާފައެވެ.

މިފަދަ ޓެސްޓްތަކުގައި އިންސާނާގެ ހަށިގަނޑަށް ގެއްލުންވާ ފަދަ ޓެސްޓްތަކެއް ހުންނާނެ ކަމަށާއި ރާއްޖޭގައި ހަދާ އެންޓިބޮޑީ ޓެސްޓަކީ ވަކި ޚާއްސަ މިންގަނޑު ތަކެއްގެ ތެރެއިން ޚާއްސަ އުސޫލެއްގެ ދަށުން ހަދަމުން އަންނަ ޓެސްޓެއް ކަމަށް ވެސް ކުރިން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފައްތާލު

    މާބޮޑަށް އެނގިފަ ތިހުރީ ޕްރޮވަލެންސް ބަލަނީ ތިޔަކުންނޫން