ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިތުރު 586 މީހާކު އިއްޔެ މަރުވެއްޖެއެވެ. އިއްޔެ އެމެރިކާ އިން މަރުވި މީހުންގެ އަދަދު އާދީއްތަ ދުވަހު މަރުވި މީހުންނަށްވުރެ ގިނަ އެވެ. އާދީއްތަ ދުވަަހު އެމެރިކާ އިން ކޮވިޑް-19 ޖެހިގެން މަރުވީ 373 މީހުންނެވެ.

އިއްޔެ އެމެރިކާ އިން ކޮވިޑް-19 އަށް 19044 މީހަކު ވަނީ ފައްސިވެފައެވެ. އެމެރިކާ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 2,026,493 އަށް އަރާފައި ވާއިރު އޭގެ ތެރެއިން 113,055 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ. އެމެރިކާ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 773,480 މީހުންނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާޗް މަހުގެ މެދުތެރެއިން ފެށިގެން އެމެރިކާގެ ސްޓޭޓްތައް ފުރަބަންދު ކުރަން ފެށިއެވެ. ހާލަތު ރަނގަޅު ވާން ފެށުމުން މިހާރު ގިނަ ސްޓޭޓްތަކުން ވަނީ ފުރަބަންދަށް ބޮޑެތި ލުއިތައް ދީފައެވެ. ޖޯޖް ފްލޮއިޑްގެ މަރާއި ގުޅިގެން އެމެރިކާގައި ކުރިއަށް ދިޔަ މުޒާހަރާތައް ވެސް މިހާރު މަދުވަމުން އަންނާތީ، އެއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެވެ.

ފްލޮއިޑްގެ މަރާއި ގުޅިގެން މުޒާހަރާ ކުރަމުންދާ މީހުންގެ ތެރޭގައި ކޮވިޑް-19 ފެތުރިގެން ގޮސް، ބައެއް ސްޓޭޓްތަކުގައި ބަލި ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލުން ނައްޓާލައިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ. ނަމަވެސް މުޒާހަރާތަކުން ބަލި އިތުރަށް ފެތުރުނުކަން ކަށަވަރު ވާނީ ކުރިއަށް އޮތް ދެހަފްތާ ދުވަހުގެ ތެރޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުންނެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު މިއަހަރު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައި ވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެހަފްތާ ފަހުން ބޮޑު ސިޔާސީ އެއްވުމެއް ބާއްވާނެ ކަން އިއްޔެ އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު