އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ބޮއިކޮޓް ކުރައްވާފައިވާ އިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރުން ވެސް ޖަލްސާ ބޮއިކޮޓް ކުރެއްވި ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

އެކަމަކު، ނަޝީދުގެ އެ ތުހުމަތުތައް ޖުމްހޫރީ ޕާޓީން ދޮގު ކުރެއެވެ. އެ ޕާޓީން ބުނީ ޖުމްހުރީ ޕާޓީން ޖަލްސާތައް ބޮއިކޮޓް ކުރެއްވި ކަމަށް ނަޝީދު ވިދާޅުވި ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި އެ ޕާޓީގެ މެމްބަރުން ޖަލްސާގައި މިއަދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ނަޝީދު މަޖިލިހުގެ ޖަލްސާގައި ވިދާޅުވީ ތަޅުމުގައި ތިއްބެވި މެމްބަރުންނާއި ހާޒިރީ އަށް ބަލާއިރު ވެސް ޖުމްހޫރީ ޕާޓީން ޖަލްސާ ބޮއިކޮޓް ކޮށްފައިވާ ކަން ފާހަގަ ކުރެއްވޭ ކަމަށެވެ. އެކަމަކު، އެކަމާ ގުޅިގެން އިތުރު އެއްވެސް އެއްޗެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ.

މަޖިލީހުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވާ ގޮތަށް ފަސް މެމްބަރުން ތިއްބަވައެވެ.

އެއީ ގާސިމްގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނާއި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދެވެ.

ޕީއެންސީ/ޕީޕީއެމް ހިމެނޭ އިދިކޮޅު އިއްތިހާދުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، މިމަހުގެ ދެވަނަ ދުވަހުގެ މެންދަމު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނަޝީދު އިސްވެ ހުންނަވައިގެން ވަނީ މަޖިލީހުގެ ގަވައިދުގެ 65 ވަނަ މާއްދާ އާއި ހިލާފުވެފައި ކަމަށެވެ.

އެ ބަޔާނުގައި ވަނީ އެ ރޭ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވެވުމަށްފަހު މަޖިލީހުގެ ތަޅުމުން ބޭރުކުރުމަށް ނަޝީދު އިސްވެ ހުންނަވައިގެން މެންބަރުންނަށް އަނިޔާކުރުމަށް ހިތްވަރު ދީފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އެ މައްސަލަ އިދިކޮޅުން މިހާރު ވަނީ ކަމާބެހޭ އިދާރާތަކަށް ތަހުގީގުކުރުމަށް ހުށަހަޅުއްވައިފައެވެ.

އިދިކޮޅު މެމްބަރުން ޖަލްސާ ބޮއިކޮޓް ކުރެއްވީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށް ވިދާޅުވެއެވެ. ޝިޔާމަށް އެމްޑީޕީގެ މެމްބަރުން އަނިޔާކުރި ކަމަށް އިދިކޮޅުން ތުހުމަތު ކުރާއިރު، އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު، އެ މައްސަލަ ފުލުހުން ބަލާތީ އެކަމާ ދެކޮޅަށް ވެސް އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ވަނީ ނުކުންނަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނާ

    އިޝާﷲ މިބައިމީހުން ދާދިއަވަހައް ސައިޒުވާތައް ދިވެހިރައްޔިތުންނައްފެނިގެންދާނެ މުނާފިގުކަމާނުބައިނުލަފާމަކަރުވެރިކަމުން މިބައިމީހުންހިންގަމުންގެންދާޖަރީމާތައްވެސް ﷲގެ ރަހުމަތުންވަރައްއަވަހަެްފަޝީހަތްވެދާނެ..

    32