ކޮވިޑް-19 އާއި ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ ނާއިބުގެ މުސާރަ ގާނޫނަށް އެއްވެސް ބަދަލެއް ގެނައުމަކާއި ނުލާ ކުޑަ ކުރި މައްސަލަ ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފިއެވެ.

ރައީސް ސޯލިހާއި ނާއިބު ރައީސް ފައިސަލްގެ މުސާރަ 35 ޕަސެންޓު ކުޑަ ކުރުމަށް މަޖިލީހުން ނިންމީ މިދިޔަ މަހުގެ 20ވަނަ ދުވަހުއެވެ.

މަޖިލީހުން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް ރައީސް އާއި ނައިބު ރައީސްގެ މުސާރައިން 35 އިންސައްތަ އުނިކުރުމާއެކު ރައީސްގެ މުސާރައިން 35000 ރުފިޔާ އަދި ނައިބު ރައީސްގެ މުސާރައިން 26250 ރުފިޔާ އުނިކުރެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަސާސީ މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 100000 ރުފިޔާ އެވެ. މި މުސާރައިން 35 އިންސައްތަ އުނިކުރުމުން މިހާރު އެމަނިކުފާނަށް އަސާސީ މުސާރައިން ލިބިވަޑައިގަންނަވާނީ 65000 ރުފިޔާއެވެ. ނައިބު ރައީސްގެ އަސާސީ މުސާރައަކީ 75000 ރުފިޔާ އެވެ. އެމަނިކުފާނުގެ މުސާރައިން 35 އިންސައްތަ އުނިކުރުމުން ލިބިވަޑައިގަންނަވާނީ 48750 ރުފިޔާއެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ގާނޫނުގައި ވަކި ވަރެއް ކަނޑައަޅާ އެކަން ބަޔާންކޮށްފައި ވަނީ ބޭނުންހާ ވަގުތަކު އެ މުސާރަ [ރައީސާއި ނާއިބު ރައީސްގެ މުސާރަ] ކުޑަ ނުކުރެވޭނެ ގޮތެއް ހެދުމުގެ ގޮތުން ކަމަށެވެ. އެހެންކަމުން އެ ގާނޫނު އިސްލާހު ކުރުމެއް ނެތި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރި ރިޕޯޓަކަށް ބިނާކޮށް، ރައީސާއި ނައިބު ރައީސްގެ މުސާރަ މަޖިލީހުން ކުޑަކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ.

ސުޕްރީމް ކޯޓުން ބުނީ އެ މައްސަލަ އަކީ އެކޯޓުގެ ގަވާއިދުތަކާއި އެއްގޮތަށް ހުށަހަޅާފައިވާ މައްސަލައަކަށް ވާތީ އެ މައްސަލަ ބަލައިގަތުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތަކުރުފާނު

    އަޅުގަނޑުމެންގެރުހުންނުލިިބިއަޅުގަނޑު
    މެންގެފައިސާޕެންޝަންފަންޑައްނުލައްވާ
    އަޅުގަނޑުމެންމިތިބީޒަކާތްވާޖިބުވެއެވާ
    ޖިބުއަދާނުކުރެވި،ގޭގެފުރާޅުޓިޖަހަންޖެހިފަ
    ފަންޑުގައިލައްކައެއްހާރުފިޔާއެބަހުރި
    އަޅުގަނޑުމެންގެހައްުގުނުހިފހައްޓަވާ