"ރެދަން މޫވްމަންޓް"ގެ ނަމުގައި، ރާއްޖޭގައި އެކި ދުވަސްވަރު ލަމުންދާ ރެދަން އިޝްތިހާރުކޮށް، ޕްރޮމޯޓުކުރުމަށް ރ. ވާދޫ ޒުވާނަކު އިސްނަގައިގެން ހާއްސަ މަންސައެއް (ޕްލެޓްފޯމެއް) އިފްތިތާހުކޮށްފިއެވެ.

މި މަންސަ އިފްތިތާހުކޮށްފައިވަނީ ރ. ވާދޫ، ހަވާސާ، ޒިދާން މުޙައްމަދު (ލިޔާ ކުއްޖާ) އެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން، ޒިދާން ބުނީ، ރެދަނަކީ ފަތުރުވެރިން އެ އަށް މަރުދޭ އެއްޗެއް ކަމަށާއި، ރާއްޖޭގެ އެކި ރަށްރަށުގެ ގޮނޑުދޮށުގައި ރެދަން ލައި ދިއްލާލާފައި އޮންނަ މަންޒަރު ބަލާލަން ފަތުރުވެރިން ވަރަށް ޝައުގުވެރިވާ ކަމަށެވެ.

މި މޫވްމަންޓްގެ ބޭނުމަކީ، ރަށްރަށުގައި ރެދަން ލާފައި އޮންނަ މަންޒަރު ވީޑިއޯ އަދި ފޮޓޯގެ ޒަރިއްޔާއިން ދައްކާލުން ކަމަށް އޭނާ ބުންޏެވެ.

ރަނގަޅަށް ހިނގައިފި ނަމަ ރާއްޖޭގެ ފަތުރުވެރި ކަމަށް ވެސް އޭގެ މަންފާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒިދާން ނިސްބަތްވާ ރ. ވާދޫ އަކީ ރެދަން ލުމަށް މަޝްހޫރު ރަށެކެވެ.

ރަށްރަށުގެ ގޮނޑުދޮށުގައި ރެދަން ލަނީ ވަކި ދުވަސްވަރެއްގައެވެ. ރެދަން ލާ ދުވަސްވަރުގެ ރޭގަނޑުގެ ވަގުތުގައި ރ. ވާދޫގެ ގޮނޑުދޮށް އޮންނަނީ ނޫކުލައިގެ އަލިން ދިއްލާލައިފަ އެވެ. އިރުއޮއްސި އަނދިރިވުމާއެކު، އެ ރަށު ގޮނޑުދޮށަށް ބީއްސާލާ ކޮންމެ ރާޅަކާއެކު އެ އަލި ގަދަވެ އެވެ. އަދި އިރު އަރަންދެން ރަށުގެ ވަށައިގެންވާ ގޮނޑުދޮށުން ފެންނަނީ މި އަލިކަމެވެ.

މީގެ އަހަރުތައް ކުރިއަށް ބަލާ ނަމަ، ފަތުރުވެރިންނަށް ރ. ވާދޫ މާ ހާއްސައެއް ނޫނެވެ. އެކަމަކު އެ ރަށުގެ ގޮނޑުދޮށުގައި ރެދަން ލައި، ނޫކުލައިން ވިދާ ބަބުޅަނިކޮށް 2013 ގައި، ބޭރުގެ ފޮޓޯގްރާފަރަކު ނެގި ފޮޓޯއަކުން ދުނިޔޭގެ އެތައް ބައެއްގެ ޝައުގުވެރިކަން އެ ރަށަށް ހުއްޓުނެވެ. ދުނިޔޭގައި މަދުން ފެންނަ، ގުދުރަތީ މި އަޖައިބު ދެކިލުމަށް އޭރުއްސުރެ ވާދުއަށް މީހުން ދަނީ ކަޅި އަޅަމުންނެވެ.

ޒިދާން އެދެނީ މި ކަމުގައި އެންމެން ވެސް އޭނާއާ އެކު ބައިވެރިވުމެވެ. އަދި ރާއްޖޭގެ މި ރީތި ގުދުރަތީ މަންޒަރު މުޅި ދުނިޔެއަށް ދައްކާލުމެވެ.

އެހެންކަމުން ރެދަން މޫވްމަންޓްގެ ޓްވިޓާރ އަދި ފޭސްބުކް ޕޭޖަށް ފޮލޯކޮށްލަައި އޭނާއާ އެކު މި ކަމުގައި ބައިވެރިވަމާ ހެއްޔެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހިޔާލެއް

    ބޮޑާވެ ކިބުރުވެރިވުމަށްވުރެ އެކަމަށް ޝުކުރުވެރި ވުމުން ﷲ ހެޔޮޮ ގޮތް މިންވަރުކުރައްވާނެ..

  2. އަހްމަދު

    ރާއްޖޭގެ ރަށްތަށުގައި ރެދަން ލާ މޫސުމަކީ އިރުވައި މޫސުމް.

  3. އޮޅިގެން

    އޮޅިގެން އަލީ ވަހީދުގެ ކުރުފިލުމު 1.4މިޔަން މީހުނަށް ސެޔާކުރި ހަރަދު ވީވަރު ބުނެވުނީ އޮޅިގެން ވިއު ކޮއްފަވަނީ 128 ވިއު މީދެން ބޮޑުވަރު ދޮގާ މަކަރާ ހީލަތް ހެދިޔަސް އެހެންވެޔޭ ބުނަނީ މީ ހިނދުކޮޅުގަ ތިބޭ ބަޔެއްކަށް