މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން، އާދީއްތަ ދުވަސް ފިޔަވައި ރަސްމީ ހުރިހާ ދުވަހެއްގައި ބޭންކުތައް ހުޅުވާނެ ކަމަށް މޯލްޑިވިސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

މިކަން ހާމަކޮށް އެމްއެމްއޭއިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، މިގޮތުގެ މަތީން ބޭންކުތައް ހުޅުވުމަށް ނިންމާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށް ކަމަށާއި، ބޭންކުތައް ހުޅުވާފައި ހުންނާނީ ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 2:00 އާއި ހަމައަށް ކަމަށެވެ.

މީގެ އިތުރުން، ކޮވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ ފުރަބަންދުގެ ހާލަތަށް ސަރުކާރުން ދީފައިވާ ލުއިތަކާއި އެކު، ކުދި ރުފިޔާ ދޫކުރުމުގެ ޚިދުމަތާއި ވަކި ލާރި ދޫކޮށް ބަލައިގަތުމުގެ ޚިދުމަށް މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އަލުން ދިނުމަށް ނިންމާފައިވާ ކަމަށާއި، މި ޚިދުމަތް ދެމުންދާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ އަދި ބުރާސްފަތި ދުވަހު ކަމަށް އެމްއެމްއޭ އިން ބުނެފައި ވެއެވެ.

އެމްއެމްއޭއިން ބުނީ، ޚިދުމަތް ހޯއްދެވުމަށް އެދި އެ އޮތޯރިޓީގެ ނަމްބަރު 7919292 އަށް ޚިދުމަތް ހޯއްދެވުމަށް ވަޑައިގަންނަވާ ފަރާތުގެ ނަން، އައިޑީކާޑް ނަމްބަރު ނުވަތަ ޕާސްޕޯޓް ނަމްބަރު، މިހާރު ދިރިއުޅޭ އެޑްރެސް، ގުޅޭނެ މޯބައިލް ނަމްބަރު އަދި ހޯއްދެވުމަށް ބޭނުންފުޅުވާ ޚިދުމަތް ލިޔުއްވުމަށްފަހު އެސްއެމްއެސް ނުވަތަ ވައިބަރ މެދުވެރިކޮށް ފޮނުއްވުމުން، އެ އޮތޯރިޓީން މޯލްޑިވްސް ޕޮލިސް ސާވިސް އިން ހޯދަން ޖެހޭ ހުއްދަ އެފަރާތަކަށް ހޯދައިދޭނެ ކަމަށެވެ.

މިގޮތުން ހުއްދަ ލިބޭއިރު، އެ އޮތޯރިޓީއަށް ޚިދުމަތް ހޯއްދެވުމަށް ވަޑައިގަންނަވަން ޖެހޭ ތާރީޚާއި ގަޑި، ބަޔާންކޮށްފައިވާނެ ކަމަށް އެމްއެމްއޭއިން ބުނެފައި ވެއެވެ.

އެމްއެމްއޭއިން ވަނީ އެ އޮތޯރިޓީއަށް ވަޑައިގަތުމަށް ހުއްދަ ލިބިފައިވާ ތާރީޚާއި ގަޑިއަށް ސަމާލުކަން ދެއްވާ، ލިބިވަޑައިގެންފައިވާ ގަޑީގައި އޮތޯރިޓީއަށް ވަޑައިގަތުމަށް އެދިފައެވެ. އަދި ޚިދުމަތް ހޯއްދެވުމަށް ވަޑައިގަންނަވާ ފަރާތްތަކުން މާސްކު އެޅުއްވުމަށްވެސް އެދިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ޢާދިއްތަދުވަސް ރަސްމީބަންދަކަށް ހަދަންދޯ މިއުޅެނީ....

  2. ޔާޙޫ

    އާދިއްތަދުވަސް ސުޕަސަންޑޭއަށް ހަދަންތަ މިއުޅެނީ....

  3. ނަައީމް

    އެމީހުނަށްވެގެންވަންޏާ އާދީއްތަދުވަސް ސަރުކާރުބަންދުދުވަހަކަށް ހަދާނެ މިދިވެހިރައްޖެނޫން ހުރިހާ ގައުމެއްގަ ބަންދުދުވަހެއް އާދީއްތަދުވަހަކީ މިދުވަސްވެސް މިވެރިން ބަދަލުކުރާނެ