ވަކީލުންގެ ކަންކަން ބަލަހައްޓަން އުފައްދާފައިވާ ބާ ކައުންސިލަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނުސީދާ ފާޑުކިޔުންތަކެއް އަމާޒުވެެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވަނީ ގާނޫނީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ގާނޫނީ ވަކީލުކަމުގެ ފުރުސަތު ދިނުމަށް ބާއްވަން ޖެހޭ، ބާ އިމްތިހާންގެ އިންތިޒާމްތައް ހަމަޖެއްސިފައި ނުވާތީ ފާޑު ވިދާޅުވެފައެވެ.
ބާ ކައުންސިލްގެ މުގައްރިރެއް އެކުލަވާލާ، އެ އިމްތިހާން ބާއްވަން ދިގު އިންތިޒާރެއް ކުރަން ޖެހުމުން ނަޝީދު ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.
އެތައް ދުވަހެއް ދިނުމަށް ފަހު އެ އިމްތިހާން ނުބޭއްވުމުން ދެން ޖެހެނީ ގާނޫނު ބަދަލުކުރަން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ބާ ކައުންސިލްގައި ހިމެނޭ ވަކީލަކަށް ވުމަށް ކުރަން ޖެހެނީ ދެ ކަމެއް ކަމަށާއި އެއީ އިންޓަންޝިޕް ފުރިހަމަ ކުރުމާއި އިމްތިހާން ހެދުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
" އަޅުގަނޑުމެން މި ދެކޭ އެއް ދެކުމަކީ ބާ ކައުންސިލްގެ އިމްތިހާނެއް އެއީ މުގައްރިރެއް އެކުލަވާލާ އޭގެ އިމްތިހާނެއް ބާއްވަން އާޚިރަތާއި ހަމައަށް ތިބެން ޖެހޭނެ ކަމަށް. މިއީ ދުނިޔޭގައި އަލަށް ތައްޔާރުކުރާ އެއްޗެއް ނޫން. މިއީ އަލަށް ދުނިޔޭގައި ބާ ކައުންސިލެއް އުފައްދަނީއެއް ނޫން. ގާނޫނީ އިލްމުގެ އިމްތިހާނެއް އަލަށް އަޅުގަނޑުމެން ހަދަން އުޅެނީކީއެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.
ގާނޫނީ ވަކީލުންގެ ފެންވަރު ދެމެހެއްޓުމަށް މިފަދަ މަސައްކަތެއް ކުރެވޭ އިރު، ވަކީލުންގެ ތެރެއިން ޖިނާއީ ޝަރީއަތްތަކުގެ ދާއިރާގައި މަސައްކަތް ކުރަނީ މަދު ބައެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ބޮޑެތި މައްސަލަތަކުގައި ތިބީ މަދު ބައެއް ކަމަށާއި އެކި އޮފީސްތަކުގައި ގާނޫނީ އެހެން މަސައްކަތްތަކުގައި ވަކީލުން ގިނަ އަދަދަކަށް ހަރަކާތްތެރިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ބާ އިމްތިހާން މިއަހަރުގެ ފަހުކޮޅު ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށާއި އެ އިމްތިހާނުގެ ދާއިރާތައް ކަނޑައަޅާފައިވާ ކަމަށް އޭޕްރިލް މަހުގެ 22 ވަނަ ދުވަހު ބާ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
އެ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ބާ އިމްތިހާނުގައި، އިމްތިހާނު ކުރެވޭނީ އެއަށް ސަބްޖެކްޓު އޭރިޔާގެ ތެރެއިން ހަ ދާއިރާއަކުން ކަމަށެވެ. އަދި އެ ސަބްޖެކްޓު އޭރިއާތަކަކީ ކޮމްޕަލްސަރީ ދާއިރާތަކެއް ކަމުގައި ނިންމާފައިވާ ކަމަށް ބާ ކައުންސިލުގެ ބަޔާނުގައިވެއެވެ.
- ކޮންސްޓިޓިއުޝަން ލޯ / ޕަބްލިކް ލޯ
- ކޮންޓްރެކްޓް ލޯ
- ކްރިމިނަލް ލޯ
- ޓޯޓް ލޯ
- ލޭންޑް ލޯ / ޕްރޮޕަޓީ ލޯ
- މޯލްޑިވިއަން ލީގަލް ސިސްޓަމް
ބާ ކައުންސިލުން ބުނީ 2020 ވަނަ އަހަރުގެ ބާ އިމްތިހާނުގެ ގޮތުގައި، އިމްތިހާނު ކުރެވޭ އޭރިޔާތަކުގެ ގޮތުގައި ހިމެނިފައިވާ މޯލްޑިވިއަން ލީގަލް ސިސްޓަމަކީ ގާނޫނީ ދާއިރާއިން ޑިގްރީއަށް ކިޔަވައިދޭ ހުރިހާ ކޯހެއްގައި ކިޔަވައިދެވޭ މާއްދާއަކަށް ނުވާތީ، މިއަހަރުގެ ބާ އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކަށް މޯލްޑިވިއަން ލީގަލް ސިސްޓަމްގެ އިންޓެންސިވް ޕްރޮގްރާމެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
ގާނޫނީ ފަންނުގެ ގާނޫނު ބުނާ ގޮތުން ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރިޔަސް، ވަކީލުކަމުގެ ހުއްދަ ދެވޭނީ އެއް އަހަރުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުންނެވެ. އެ ތަމްރީނު ފުރިހަމަ ކުރުމަށް ފަހު ވެސް ބާ ކައުންސިލުން ދޭ ބާ އިމްތިހާނަކުން ފާސްވާން ޖެހެއެވެ.