ރައްޔިތުންގެ މަޖިލިހުން ދާދި ފަހުން ފާސް ކުރި ގާނޫނީ ފަންނުގެ ބިލަށް، ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު އިސްލާހުތަކެއް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މެދުގައި ބަހުސް ފަށާފައިވާ ބިލްގައި ވަނީ ބިލަށް އަމަލު ކުރަން ފެށުމަށް ފަހު، ގާނޫނީ ވަކީލްކަމުގެ ހުއްދަ ދޫކުރެވޭނީ އެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ކަމަށްވާ އިރު، އެ ގާނޫނުން މުޅިން އަލަށް ތައާރަފްކުރި ޝަރުތަކީ، ގާނޫނީ ޚިދުމަތްދޭ ތަނެއްގައި އެއް އަހަރު ދުވަހުގެ ތަމްރީން ފުރިހަމަކުރުމާއި އަދި ބާ އިމްތިހާނު ފުރިހަމަކުރުން ކަން ވަނީ ފާހަގަކޮށްފައެވެ.

އެކަންކަން އެގޮތަށް ހުރި އިރު ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް ފުރިހަމަކުރަންޖެހޭ އެއް އަހަރުގެ ތަމްރީން ފުރިހަމަކުރުމަށް ގާނޫނު ކިޔަވައި ނިންމި ދަރިވަރުންނަށް ހުރަސްތަކެއް ދިމާވެފައިވާކަން ނާޒިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ފާހަގަކުރައްވައިފައެވެ.

" އެ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ބާ އިމްތިހާންއަކީ، ރާއްޖޭގެ ބާ ކައުންސިލުގެ ފަރާތުން އެމެރިކާގެ ނެޝަނަލް ސެންޓަރ ފޯ ބާ އެގްޒެމިނަސް (އެންސީބީއީ) އާ ގުޅިގެން ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ އިމްތިހާނަކަށްވާ އިރު، އެކަން ކުރުމުގައި ބޮޑެތި ގޮންޖެހުން ތަކެއް ހުރިކަމަށް ރާއްޖޭގެ ބާ ކައުންސިލުން މައުލޫމާތު ދެއްވާފައިވާއިރު، އާ އިމްތިޙާނު މިއަހަރު ކުރިއަށް ގެންދެވުމަކީ ވުމަށްވުރެ ނުވުން ގާތްކަމަކަށްވެސް މިވަނީ ވެފައެވެ،" އެ ބިލުގައިވެއެވެ.

ނާޒިމް ވިދާޅުވީ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރުމަށްފަހު، ގާނޫނީ ފަންނުގެ ގާނޫނުގައި ބުނާ ޝަރުތު ފުރިހަމަނުވުމުގެ ސަބަބުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ 300 އަށްވުރެ ގިނަ ދަރިވަރުންނަށް އާމްދަނީ ހޯދުމަށް މަސައްކަތް ފެށުމަށް ދަތިވެފައިވާކަމަށެވެ.

މި ދަތިވަގުތުގައި ދިވެހި ރައްޔިތުންގެ ތެރެއިން ފަރާތްތަކާ ގުޅިފައިވާ އާއިލާތަކަށްވެސް މާލީ ގޮތުން ލުއި ފަސޭހަކަން ލިބެން އޮތް ގޮތަކީ، އެ 300 އެއްހާ ދަރިވަރުންނަށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބި، އެ މީހުންނަށް އާމްދަނީ ހޯދުމަށް މަސައްކަތް ކުރެވޭނޭ ފަދަ ގޮތެއް ހަމަޖެހުންކަމަށްވާތީ، އެކަމަށް މަގުފަހިކޮށް، ވަގުތީ ހައްލުތަކެއް ހޯދައިދިނުމަކީ އެ ބިލްގެ މަގްސަދު ކަމަށް ބުނެފައިވެއެވެ.

ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަކީ 27 ޖޫން 2019 ގައި އަމަލުކުރަން ފަށާފައިވާ، ރާއްޖޭގައި ގާނޫނީ ވަކީލުންނާ ގުޅޭ އެންމެހާ ކަންކަން ރެގިއުލޭޓް ކުރުމާ ގުޅޭ ގޮތުން އަމަލުކުރަންވީ ގޮތްތައް ބަޔާންކޮށްދީފައިވާ ގާނޫނެވެ.

މި ގާނޫނުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމުގެ އުޞޫލުތައް ބަޔާންކޮށްފައިވާއިރު، އެއީ އޭގެ ކުރިން އަމަލުކުރަމުން ގެންދިޔަ އުސޫލާއި ވަރަށް ތަފާތު އުސޫލުތަކެކެވެ.

ނާޒިމް ހުށަހަޅުއްވާފައިވަނީ އެ ޤާނޫނަށް ތިން އިސްލާހެއް ގެނައުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

1. ޤާނޫނީ ފަންނުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި މި ގާނޫނުގެ 31 ވަނަ މާއްދާ އަދި މި ގާނޫނުގެ 32 ވަނަ މާއްދާއަށް ޢަމަލުކުރަން ފަށާނީ 1 ޖަނަވަރީ 2021 އިން ފެށިގެން ކަމަށް ހަމަޖެއްސުން.

2. އެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (1)، (2) އަދި (3) ވަނަ މާއްދާތަކުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް، މި ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުވާކުރުމުގެ އިންތިޒާމް ގާނޫނަށް އަމަލު ކުރަންފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ހަމަޖައްސައި ދިނުން.

3. މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށް ހަމަޖެއްސުން.

ގާނޫނީ ފަންނުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައި ވަނީ ގާނޫނީ ވަކީލް ކަމުގެ ހުއްދަ ދޫކުރުމުގެ ޝަރުތުތަކެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • (1) ޢުމުރުން 21 (އެކާވީސް) އަހަރު ފުރިފައިވާ އަދި ބުއްދި ސަލާމަތުން ހުރި ދިވެހި ރައްޔިތެއްކަމަށް ވުން.
  • (2) ބާ ކައުންސިލުން ކަނޑައަޅާ ފުރިހަމަވާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއް ހާސިލްލުކޮށްފައިވުން.
  • (3) ވޭތުވެދިޔަ ފަސް (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި "ކުށެއް" ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  • (4) މި ގާނޫނުގައި ބުނެފައިވާ ތަމްރީނާއި، ބާ އިމްތިޙާނު ފުރިހަމަކޮށްފައިވާ މީހެއް ކަމުގައިވުން.