ކޮވިޑް-19 ގެ ސަބަބުން އިއުލާނު ކޮށްފައިވާ ފުރަބަންދަށް ލުއި ދިނުމުގެ ދެވަނަ މަރުހަލާ މިރޭ އިއުލާނު ކުރެވޭނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ވިދާޅުވެއްޖެއެވެ.

މާލެ އިން ކޮވިޑް-19 އަށް ދިވެއްސަކު ފައްސިވުމާ ގުޅިގެން މާލެ ސަރަހައްދު ވަނީ ފުރަބަންދަކަށް ގޮސްފައެވެ. އަދި ފުރަބަންދަށް 45 ދުވަސްވުމާ އެކު ސަރުކާރުން ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިތަކެއް ދިނުމަށް ނިންމައިފައެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގެ ލުއިތައް ދީފައިވަނީ މިދިޔަ މަހުގެ 30 އިން ފެށިގެން 2 ހަފްތާގެ މުއްދަތަކަށެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ސަރުކާރުން އިއްވާފައިވާ ފުރަބަންދުގެ އިތުތު ލުއިތަކުގެ މައުލޫމާތު ރޭ ހިއްސާ ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ޕޮލިސީ ލެވެލްގައި އަދިވެސް ބައެއް ކަންކަން ނިންމަމުން އަންނާތީ އެކަން ނުކުރެވުނީ ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، މިރޭ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ބައްދަލު ކުރައްވައި ސާފުކޮށް އެކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތް ކިޔާދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ކުރިއާލާ އެކަން ހިނގަން ޖެހޭ، އަދި ތިބޭފުޅުންނަށް އެ މައުލޫމާތު ލިބެންވެސް ޖެހޭ ތައްޔާރުވުމަށްޓަކައި، އެހެން ކަމުން މާދަމާ ރޭ އެކަން ކުރެވޭނެ ގޮތް އަޅުގަނޑު ރާވާނަން" މަބްރޫކު ވިދާޅުވިއެވެ.

ފުރަބަންދަށް ދީފައިވާ ލުއިގެ ފުރަތަމަ ފިޔަވަހީގައި ގޭބިސީތަކުން ބޭރަށް ދެވޭ މީހުންގެ އަދަދާއި ބޭރުގައި އުޅެވޭ ވަގުތު ވަނީ އިތުރު ކޮށްފައެވެ. މީގެއިތުރުން އުމުރުން ދުވަސްވީ މީހުންނަށް ކޮންމެ ދުވަހަކު ވެސް ވަކި ގަޑިއެއްގައި ބޭރަށް ދާން ހުއްދަ ވަނީ ދީފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1942 އަށް އަރާފައެވެ. އޭގެ ތެރެއިން 1010 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، 8 މީހަކު ވަނީ ބަލި ޖެހިގެން ނިޔާވެފއަިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިޔަލަ

    ސަރުކާރުން ކިތައްމެ ލުޔެއްދިނަސް ވިލިމާލޭގަ ލުޔެއް ނުލިބޭ މިތާތިބޭ ޕޮލިހުންގެ އޮންނަނީ ވަކި ސަރުކާރެއް

    6
    1
  2. މަބޭ

    ގޭންބޭރައްދާން ބޭނުންވާމީހަކު 48ގަޑިއިރުކުރިން މަޖެލިސްރައީސްއައް އަންގާ ހުއްދަހޯދަންޖެހޭގޮތައްތޯ އަނެއްކާ ގުޅުވާލަނީ މިހާރުކޮންމެކަމެއްވެސް މަޖުލިހުން ނިންމަންޖެހޭގޮތައް ކަންކަން ބައްޓަންވާތީ އުފެދޭސުވާލެއްމީ

    8
    3