ފެބުރުއަރީ 1 ވަނަ ދުވަހުގެ އަމުރު ނެރެން ޖެހުނު ސަބަބު އެ އަމުރުގައި ސޮއިކުރެއްވި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޝަރީއަތުގެ މަޖިލީހުގައި މިއަދު ވަރަށް އަސަރާއެކު ކިޔައިދެއްވައިފިއެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެން މިއަދު ކުރިއަށް ދިޔަ އިބުތިދާއީ އަޑުއެހުމުގައި ދައުވާއަށް އިންކާރު ކުރައްވަމުން ފަނޑިޔާރު އަލީ ހަމީދު ވިދާޅުވީ މިދިޔަ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އެބޭފުޅާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގައި ބަޔާންކުރާ އެއްވެސް ކަމަކީ ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށާއި ދައުލަތުން ދައުވާ އުފުލާފައިވާ މައްސަލައާ ގުޅިގެން ހިތާމަ ކުރައްވާ ކަމަށެވެ.

އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލަން ޖެހުނު ސަބަބުތައް ދައުލަތުން ވިދާޅުވުމުން ކީރިތި ކުރައްވަމުން އަލީ ހަމީދު ވިދާޅުވީ އުމުރުން އެންމެ 25 އަހަރުން ފެށިގެން މިއަދާ ހަމައަށް 54 އަހަރުވަންދެން ދައުލަތުގެ އެންމެ މުހިއްމު އެންމެ އިސް މަގާމުތަކުގައި މަސައްކަތް ކުރެއްވީ އިހުލާސްތެރިކަމާއެކުގައި ކަމަށާއި އެބޭފުޅާއަކީ އެއްވެސް އިރެއްގައި ރިޝްވަތުގެ ބޭނުން ހިއްޕެވުމަށްފަހު އަމިއްލަ މަންފާއަށް އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ސާބިތުކަމާއެކު ދައުލަތަށް ޚިދުމަތް ކޮށްދެއްވުމުގައި ގިނަ ދުވަސްތަކެއް ވަންދެން ދެމި ހުންނަވަނިކޮށް ދައުލަތުން އުފުލާފައިވާ ދައުވާގައި ކުރާ ތުހުމަތުތައް އަޑު އެއްސެވީ ވަރަށް ހިތާމައާ ހިތްދަތި ކަމާއެކު ކަމަށް ވިދާޅުވިއެވެ.

އަލީ ހަމީދު ވިދާޅުވީ، ފެބްރުއަރީ އެކެއްގައި ނެރުނު އަމުރަކީ އަދުލު އިންސާފު ގާއިމު ކުރުމުގެ އެންމެ މަތީ ފަރާތަކީ ސުޕްރީމް ކޯޓް ކަމަށް ވެފައި، ރާއްޖޭގައި އަދުލު އިންސާފު ނެތް ކަމަށާއި ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް އެދި ރެއަކާއި ދުވާލު 50 ހާއި 100 ދެމެދުގެ އަދަދަކަށް ޝަކުވާގެ ސިޓީތައް ލިބެމުން ދިއުމާއި ގުޅިގެން އެކަން ކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަކީ އަދުލު އިންސާފުގެ އެންމެ އިސް ފަރާތްތަކަށް ލާޒިމް ކަމެއް ކަމުގައި ދެކެވަޑައިގެން، އެކަން ކަމާއި މެދު ފަނޑިޔާރުންގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމަށްފަހު ނެރުއްވި އަމުރެއް ކަމަށެވެ.

އަލީ ހަމީދު އިތުރަށް ވިދާޅުވީ ދައުލަތަށް ގެއްލުންވާނޭފަދަ އެއްވެސް ކަމެއް އެބޭފުޅާ ނުކުރައްވާނޭކަން ދައުލަތުގެ އިސް ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ކަމަށާއި، ސްޕްރީމް ކޯޓުގެ އަމުރު ނެރުމުގައި އިތުރު އެހެން އެއްވެސް ނިޔަތެއް ނޯންނާނެ ކަން މާތް ﷲ ދެނެވޮޑިގެންވާނެ ކަމަށެވެ.

އެކަމަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް މުހައްމަދު ނައުޝާދު ވިދާޅުވީ، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުވާކޮށްފައިވަނީ ސްޕްރީމް ކޯޓުން އަމުރެއް ނެރުމުން ނޫން ކަމަށާއި އެ އަމުރު ނެރުއްވީ ރިޝްވަތު ނެންގެވުމަށްފަހު އޭގެ މުގާބިލްގައި މަންފާތަކެއް ހޯއްދަވާ، ބޭރު ގައުމުތަކުން ފްލެޓްގަނެ، މަގާމާއި ނުފޫޒް ބޭނުން ކުރައްވައިގެން އެހެން ކޯޓްތަކަށް ބާރު ފޯރުއްވުމާއި، އަމުރު ތަންފީޒު ކުރެއްވުމަށް އާރާއި ބާރުގެ ބޭނުން ކުރެއްވުމާއި، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފްއާއި ގުޅި ވަޑައިގެން ބައެއް ފުލުހުން މެދުވެރި ކުރައްވާ އިތުރު ފުލުހުންނާއި ކުރިމަތިލެއްވުމަށްފަހު މަގުތައް ހަލަބޮލިކޮށްލެއްވުމަށްފަހު، ގާނޫނީ ސަރުކާރު މަގުމަތިން ވައްޓާލަން މަސައްކަތް ކުރުމާއި އަމިއްލަ މަންފާއާއި އިތުރު ފަރާތްތަކެއްގެ މަންފާއަށް ބަޔަކާ ގުޅިގެން ސަރުކާރު ބަދަލުކުރުމަށް މަސައްކަތް ކޮށްފައިވާތީ ކަމަށެވެ.

ފަނޑިޔާރު އަލީ ހަމީދުގެ ގާނޫނީ ވަކީލުންގެ ގޮތުގައި ތިއްބެވި މަހުފޫޒު ސައީދާއި ސަފާ ޝަރީފު ވަނީ ސްޕްރީމް ކޯޓުގެ އަމުރުގައި ސޮއި ކުރެއްވީ 2 ފަނޑިޔާރުން ނޫން ކަމަށާއި ސްޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުންނަކީ ވެސް އަމުރުގައި ސޮއިކުރެއްވި ފަނޑިޔާރުން ކަމަށް ވިދާޅުވެފައެވެ. އަދި އަމުރުގައި ސޮއިކުރެއްވި 5 ފަނޑިޔާރުންގެ ތެރެއިން ދެ ބޭފުޅަކާމެދު ދައުވާ އުފުއްލެވުމަށްފަހު އަނެއް 3 ފަނޑިޔާރުންގެ ތަހުގީގެއްވެސް ކުރިއަށް ނުގެންދަވަނީ ކީތްވެގެންތޯ ތަކުރާރުކޮށް ސުވާލު ކުރައްވާފައެވެ.

ދިފާއީ ވަކީލުން އުފެއްދެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަކީލް ނައުޝާދު ވިދާޅުވީ، އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ސްޕްރީމް ކޯޓުގެ އަމުރުގައި ސޮއިކޮށްގެން ނޫން ކަމަށާއި، އެ ދެ ފަނޑިޔާރުންނާއި ދެކޮޅަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން ދެ ފަނޑިޔާރުން ހައްޔަރުކުރުމުގެ ކުރިން ވެސް މައްސަލައަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވާތީ ކަމަށެވެ. އެހެން ނަމަވެސް ދިފާއީ ވަކީލުން އިނގިލި ދިއްކުރައްވާ އަނެއް ތިން ފަނޑިޔާރުންނާ ދެކޮޅަށް އެފަދަ އެއްވެސް ކަމެއްގެ ހެކި ފެނިފައި ނުވާ ކަމަށާއި ތަހުގީގަށް އެފަދަ ކަމެއް ފާހަގަކުރެވިފައި ނުވާކަމަށްވެސް ނައުޝާދު ވިދާޅުވިއެވެ.

ދައުލަތުގެ ޖަވާބުތަކަށްފަހު ދައުވާ ސާފުވެއްޖެ ކަމަށް ވިދާޅުވަމުން ދިފާއީ ވަކީލު މަހުފޫޒު ވިދާޅުވީ އަލީ ހަމީދު ދައުވާއަށް އިންކާރު ކުރައްވާ ކަމަށާއި ސްޕްރީމް ކޯޓުގެ އަމުރު ނެރުމުގައި އަލީ ހަމީދުގެ ނުބައި ނިޔަތެއް ނުގެންގުޅުއްވާ ކަމަށެވެ. ދައުވާއަށް އިންކާރުކުރުމުން ދައުލަތުން ވަނީ ސިއްރު ހެކިތައް ހިމެނޭ ގޮތަށް ފަނޑިޔާރު އަލީ ހަމީދާއި ދެކޮޅަށް 32 ހެއްކެއް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

ގާޒީ ހައިލަމް މިއަދުގެ އަޑު އެހުން ނިންމަވާލެއްވީ ދެން އޮންނަ އަޑުއެހުމެއްގައި ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމާއި ދިފާއީ ހެކިން ހުށަހެޅުމަށް ވިދާޅުވަމުންނެވެ. އަދި އެކަމަށްޓަކާ ތިން ދުވަހުގެ މުއްދަތެއް ދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބީވާ

  އިންސާފުން އެއްކިބާވެ ނެރެފައިވާ ހުކުމް ތަކަށް ވާތީ އެތަށް ބަޔަކު ހައްގު ހޯދުމަށް ސުޕުރީމް ކޯޓަށް ލިޔާތީ އެކަން ކުރަން ޖެހުނީ. ކާނަލް ނާޒިމްގެ ކޭސް ގަ އޭނަގެ ފިންގަ ޕްރިންޓް ނޫން ކަމަށް މިހާރު ފުލުހުން ބުނާއިރު ވެސް އޭނާ ޖަލުގަ. މިކަހަލަ އެތަށް ކަމެއް. އެތަށް ބައެއްގެ ހައްގު ނިގުޅައި ގަތީމާ އެކަން ހައްލު ކުރަން ސްޕްރީމް ކޯޓަށް މަޖްބޫރު ވާނެ.

 2. ޙަފްޞާ / މާލެ

  އަނެއްކާ ތިޔަ ޢަލީޙަމީދު އަތަށް ގޮއްވާލީއެވެ. ޢަދުލުއިންސާފްނެތްކަމަށް ބަޔަކު ޝަކުވާކުރީމާ އޭގެ މާނަކަމަށް ތިޔަ ނެގީ ބަންދުގައިތިބި ޓެރަރިސްޓުން ދޫކޮށްލުންކަމަށްހެއްޔެވެ؟ ބޯ ތިހުރީ ގޮވާފައެވެ. އުނުގަނޑުންތިރި ތިހުރީ އައްސިވެފައެވެ.

 3. ލަތީފު

  ހެހެހެހެ ކީރިތިކުރާނެކަމެއްނެތް..ދެންއޮވޭ...ޖަގިޔާ

 4. އަން

  ތިޔަވާހަކަ ދެއްކި މީހާ އާއި އަލީހަމީދު އާއި ހާދަ ވައްތަރޭދޯ. މިހާރު މިއުޅޭކުދިން ހާދަމޮޅޭ މޭކަޕްކުރަން