ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ހުޅުވުމަށް ތައްޔާރުވާން ފަށާފައިވާއިރު، އާ އާންމު ހާލަތާއި އެކީ ސްކޫލްތައް ހުޅުވާއިރު، ބަލީގެ އަލާމާތްތައް ހުންނަ ދަރިވަރުން އައިސޮލޭޓް ކުރުމަށް ވަކިން ހާއްސަތަނެއް ހުންނަން ޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ބުނެފައިވަނީ ސްކޫލްތަކަށް ފޮނުވާފައިވާ ގައިޑްލައިންގައެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ފޮނުވާފައިވާ މި ގައިޑްލައިގައި ވަނީ ސްކޫލުތަކުގައި ކިޔަވައިދޭން ފެށުމަށް ތައްޔާރުވުމަށް އަންގައި، އަމަލުކުރަންޖެހޭ އިރުޝާދުތައް ހިމަނާފައެވެ.

މި ގައިޑްލައިންގައި ބުނެފައިވާގޮތުން ސްކޫލުތައް އަލުން ހުޅުވާލާއިރު އަމަލުކުރަންޖެހޭ ސްކޫލުގެ ޕްރިންސިޕަލާއި މެނޭޖްމަންޓް ޓީމުން ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) އެއް ތައްޔާރުކޮށް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރަންޖެހޭނެ އެވެ. އަދި އެ ގައިޑްލައިނަށް ބަލައިގެން ސްކޫލުތަކުން އަމިއްލަ ގައިޑްލައިންތަކެއް ހަދައި ހިއްސާ ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

އޭގެ އިތުރުން ދިމާވާ ކުއްލި ކަންކަމުގައި ހަރަކާތްތެރިވުމަށް ސްކޫލުގެ މުވައްޒަފުން ހިމެނޭ ގޮތަށް ޓާސްކު ފޯސް އެއް އެކުލަވާލަން ޖެހޭނެ ކަމަށްވެސް ގައިޑްލައިންގައި ވަނީ ބުނެފައެވެ.

ގައިޑްލައިނުގައި ބުނެފައިވާ ގޮތުން، ސްކޫލުގެ ޓީޗަރުންނާއި ހެލްތު އެސިސްޓަންޓުންނާއި ސަޕޯޓް ސްޓާފުން އަދި އޮފީސް ސްޓާފުން މާސްކާއި އަންގި ބޭނުން ކުރަންޖެހޭނެއެވެ. އަދި ހެލްތު އެސިސްޓަންޓުން ފޭސް ޝިލްޑު ބޭނުން ކުރަންޖެހޭއިރު ސަޕޯޓް ސްޓާފުން ޕީޕީއީ ބޭނުން ކުރަންޖެހެއެވެ.

މި ގައިޑްލައިންގައިވާ ގޮތުން ސްކޫލްތައް ހުޅުވުމުގެ ކުރިން ބެލެނިވެރިންނާއި ގުޅިގެން ސްކޫލްތަކުން ދަރިވަރުންނަށް މާސްކް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެއެވެ. މި ގޮތުން ދަރިވަރުންނަށް ޑިސްޕޯސަބަލް ނުވަތަ ފޮތި މާސްކްވެސް ބޭނުން ކުރެވިދާނެ ކަމަށް ވަނީ ބުނެފައެވެ.

ސްކޫލްތަކުގެ ހުރިހާ މުވައްޒަފުންނާއި ދަރިވަރުން ސްކޫލްގައި އުޅޭ ހުރިހާ ވަގުތެއްގައި މާސްކް އަޅަންޖެހެއެވެ. އެހެންނަމަވެސް އުމުރުން ދެ އަހަރުން ދަށުގެ ކުދިން މާސްކު އަޅާކަށް ނުޖެހެއެވެ. މާސްކު އެޅުމުގައި އިސްތިސްނާ ވާނީ ހަމައެކަނި ނޭވާ ހިއްލުމުގެ މައްސަލަތައް ހުންނަ ދަރިވަރުން އެކަނި ކަމަށްވެސް ގައިޑްލައިންގައި ބުނެފައިވެއެވެ.

ދަރިވަރު އަޅައިގެން ދާ މާސްކު ބަދަލުކުރަން ޖެހިއްޖެނަމަ އެކަމަށް ކޮންމެ ދަރިވަރަކުވެސް ސްކޫލަށް ފޮނުވަންޖެހޭނީ އިތުރު މާސްކެއް ދީފައެވެ.

ގައިޑްލައިންގައި ބުނެފައިވަނީ ކޯވިޑް-19 ބަލީގެ އެއްވެސް ރިސްކެއް އޮތް އެއްވެސް ދަރިވަރަކަށް ނުވަތަ ސްޓާފަކަށްވެސް ސްކޫލަކަށް ނާދެވޭނެކަމަށެވެ. އަދި އެ ފަދަ ދަރިވަރެއްގެ ނުވަތަ ސްޓާފެއްގެވެސް މައުލޫމާތު ސިއްހީ ދައިރާތަކަށް ހިއްސާކޮށް ބަލަންޖެހޭނެ ކަމަށެވެ.

ގައިޑްލައިނުގައި ބުނެފައިވާ ގޮތުން ދަރިވަރުން ސްކޫލަށް އައުމުގެ 15 މިނެޓް ކުރިން މުވައްޒަފުން ސްކޫލަށް ހާޒިރުވާންޖެހެއެވެ. އަދި ދަރިވަރުން ސްކޫލަށް ވެއްދުމުގެ ކުރިން ހުން ބަލަންޖެހޭއިރު ބަލީގެ އަލާމާތްތަކާއެކު، ހަށިގަނޑުގެ ފިނި ހޫނު މިން 37 ޑިގްރީ ސެލްސިއަސް ނުވަތަ އެއަށްވުރެ މަތިނަމަ އެ ދަރިވަރަކު އައިސޮލޭޓްކޮށް، ސިއްހީ އިދާރާތަކުގެ ލަފަޔަކަށް އެދެންޖެހެއެވެ.

ގައިޑްލައިނުގައި ބުނެފައިވާ ގޮތުން، ކޯޑިނޭޝަން ބައްދަލުވުންތަކާއި ބެލެނިވެރިންގެ ބައްދަލުވުންތައް އަދި އެހެނިހެން ވެސް ބައްދަލުވުންތައް ކުރިއަށް ގެންދަންޖެހޭނީ އޮންލައިން ކޮށެވެ. އަދި އެއްވެގެން ބާއްވަންޖެހޭ ބައްދަލުވުންތައް ވެސް ބާއްވަން ޖެހޭނީ ގައިދުރުކަމަށް އިސްކަންދީގެން، އެ އުސޫލުގެ ތެރެއިން ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން ހާއްސަ އެހީތެރިކަަމަށް ބޭނުންވާ އާއިލާތަކުން އަންނަ ކުދިން ދެނެގަނެ އެކުދިންނަށް ސްކޫލުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭއިރު ދަރިވަރުން ސްކޫލަށް އައުމުގައި ރަސްމީ ޔުނީފޯމުގެ ބަދަލުގައި ސްޕޯޓްސް ޔުނީފޯމުގައި އައުމުގައި ލުއިތަކެއް ދޭން ވާނެ ކަމަށް ވެސް ގައިޑްލައިނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޞުރަނާނި

    ކަޑަ ބޮޑުތަނުން ކަޑަ ހުރިހާބެލެނިވެރިން ސަމާލުވޭ

    6
    2
  2. Anonymous

    އަހަރެންގެ ދަރިއަކު ކަލޭމެން ބޭނުންގޮތެއް ހަދަން ސްކޫލަށް ފޮނުވާކަށް ނެތިން. ބާރު އޮތް ފަރާތަކުން ބޭނުންގޮތެއް ހަދާ. ދަރިން ވަކިކޮށްފައި އައިސޮލޭޓު ކުރަން ނުފޮނުވޭނެ. ސްކޫލުތައް ހުޅުވުމުގެ ކުރިން ދައުލަތުގެ އެންމެހާ އިދާރާތައް ހުޅުވައި 24 ދުވަހަށް ޚިދްމަތްދީ ބަލި ފެތުރޭ މިންވަރު ބެލުމަށްފަހު ސްކޫލުތައް ހުޅުވަންޖެހޭނީ. ރައްުޔިތުންގެ ވިންދާއި އެއްގޮތަށް މަސައްކަތް ނުކުރެވޭނަމަ މިނިސްޓަރު އިސްތިއުފާ ދެއްވާ