ރަށް ރަށުގައި މަސައްކަތް ކުރަމުންދާ އޮގްޒިލަރީ ފަޔަމަނުންނާއި މެދު ޑިފެންސް މިނިސްޓްރީން އަމަލުކުރަމުން އަންނަނީ "އަޅު ކުދިން"ގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް މިއަދު ތުހުމަތު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީފާ އާއި ބެހޭ ޤާނޫނަށް ބަހުސްކުރައްވަމުން އޭނާ ވަނީ 4500 އަކީ އަސާސީ މުސާރައިގެ ގޮތުގައި ހަމަޖައްސަން ތަޢީދު ނުކުރައްވާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ވެސް 5000 ރުފިޔާ ލިބެ އިރު މަސައްކަތްތެރިންނަށް އެއަށް ވުރެ ރަނގަޅު އުޖޫރައެއް ލިބެން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ސަނީފް ވިދާޅުވީ އޮގްޒިލަރީ ފަޔަމަނުންގެ ގޮތުގައި މަސައްކަތް ކުރަމުން ދާ ބައެއް ފަރާތްތަކުން ކޮންޓްރެކްޓް އުސޫލުން ދާއިމީ ނުވެ މަސައްކަތްކުރާތާ މިހާރު 10 އަހަރު ވެއްޖެ ކަަމަށެވެ. އެގޮތަށް ދާއިމީ ނުވެ މަސައްކަތް ކުރަން ޖެހޭތީ އެމީހުންނަށް އެތައް ހައްގެއް ގެއްލޭ ކަމަށާއި ޖަވާބުދާރީ ކުރުވާނެ ފަރާތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގައި ކޮންޓްރެކްޓް އުސޫލުން ވަޒީފާ އަދާ ކުރަމުންދާ 10 އަހަރުވެފައި ތިބި ކުދިންތަކެއް އެބަ ތިއްބޭ. ދުވަހަކުވެސް މި މީހުންގެ ވަޒީފާ ދުވަހަކު ޔަޤީނެއް ނުވޭ. އެންމެހާ ހައްގުތަކުން މަހުރޫމްވެފައި. އަދި މިކަން މި ކުރަނީ ދިވެހިރާއްޖޭގެ އެންމެ ރައްޔިތުންގެ އިތުބާރާއި އިއްޒަތާއި ގަދަރު އުފުލިގެންވާ މިނިސްޓްރީންކަންވެސް އަޅުގަނޑު ފާހަގަކޮށްލަން. ޑިފެންސް މިނިސްޓްރީއިން. " އޭނާ ވިދާޅުވިއެވެ.

އެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ލިބެނީ މަހަކު ގާތްގަނޑަކަށް 4،500 ރުފިޔާކަމަށާ، އެ މީހުންނަށް ވަޒީފާގެ ހައްގުތައް ވެސް ނުލިބޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ދަރިއަކު އުފަންވުމުން ލިބޭ ޗުއްޓީ ވެސް އޭގެތެރެއިން ބައެއް މީހުންނަށް ދިމާވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މި ޤާނޫނުގައި އަޅުގަނޑުމެން ބަޔާންކޮށްފައި މިއިން ވިހެއުމުގެ ޗުއްޓީ. އާދެ ރައީސުލްޖުމްހޫރިއްޔާގެ ވައުދެއްވެސްމެ. ދާދި އިހަކަށް ދުވަހުވެސް ތިނަދޫގެ ކުއްޖަކު އޭނާގެ އަންހެނުން ވިހައިގެން އޭނާ އަށް އެއްމަސްދުވަހުގެ ޗުއްޓީ ނުލިބި، އަޅުގަނޑު އަތުގައި ޗިޓްވެސް މިއަދުވެސް އެބައޮތް. ޖަވާބުދާރީ ވާނެ ފަރާތެއް ނެތް. ރައީސުލްޖުމްހޫރިއްޔާގެ ވައުދަށް ގޮންޖައްސަވާފައި،" ސަނީފް ވިދާޅުވިއެވެ.

ރަށްރަށުގައި ހަރަކާތްތެރިވާ އޮގްޒިލަރީ ފަޔަމަނުންނަކީ ޑިފެންސް މިނިސްޓްރީ އަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާ ބަޔަކަށް ވާއިރު ސަނީފްގެ ވާހަކައާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީން ބައެއް މިޑިއާތަކަށް ވިދާޅުވީ ކޮންޓްރެކްޓް އުސޫލުން ފަޔަމަނުން ގެންގުޅެނީ ގާނޫނީ ގޮތުން އެނޫން ގޮތެއް ނެތުމުން ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ވަނީ މަޖިލީހުން ގާނޫނު އިސްލާހު ކޮށްފިި ނަމަ ޑިފެންސް މިނިސްޓްރީން އެއާ އެއްގޮތަށް އަމަލުކުރާނެކަމަށް ވެސް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީއިމްރާން

    ތިޔަ ބުނާގާނޫނީ ހައްގު މިޔޮތީ 1978 އަހަރުން ފެށިގެން

  2. އަލީއިމްރާން

    ތިޔަވިދާޅުވާ ގާނޫނީ ހައްގުތައް ނިގުޅައިގެންފައި މިޔޮތީ މިމާލޭގެ ރައްޔިތުންނައް ނަސްލީ އިމްތިޔާޒެއްގެ ދަށުން 1978 އަހަރުން ފެށިގެން ރައްރަށުގަ ބިން ހިއްކާފަ ރައްރަށުގެ ޒުވާނާޔައް ހިލޭ ދެވިފައި މިމާލޭގެ ޒުވާނާޔައް ބިންހިކާފަ ގަންނަން މިޖެހެނީ ކޮބާތޯ ގާނޫނު އަސާސީގައޮންނަކަމައް ތިޔަވިދާޅުވާ ހަމަމަކަން ކުލަޔަކައް ވަހަކައް ރަހަޔަކައް ރަށަކައް ވަކިއާއިލާޔަކައް ދަރިކޮޅަކައް ތަފާތްކޮއްގެންނުވާނޭނޭ މިވާހަކަ ދައްކަވާ މިމާލޭގެ މެންބަރެއްވެސްނެއް ކޮބާތޯ އެމެމްބަރް މީހާގެ ހައްގާއި އަނބިދަރިންގެ ހައްގު ވޯޓް ހޯދަންވީމަ މާލޭގެ ޒުވާނާ ބޭނުންވަނީ ރައްރަށުގަޒުވާނާޔައްވެސް ދެވޭނީ އެއވޯޓް މިމާލޭ ޒުވާނާޔައްވެސް ދެވޭނީ އެއްވޯޓް ވީމާ ވޯޓް ދެއްވާއިރު މާލޭގެ ޒުވާނުން ވިސްނަންވީ މާމަ ދަރިންގެ ހައްގުގައި މިދަނީ އަޅުވެތި ވަމުން