ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ސިފަވަނީ މީހަކަށް ފެނުނު ހުވަފެނެއްގެ ގޮތުގައި ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މިއަދު އިންކާރު ކުރައްވައިފިއެވެ.

ފާރިސްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުމާއި ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގައި ބައިވެރިވި ކަމަށް ބުނެއެވެ. މީގެއިތުރުން އެ އަމުރު ނެރުމުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ލައްވައި ބައެއް ފުލުހުން މަގު މައްޗަށް ނެރެގެން ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރި ކަމަށް ވެސް ދައުވާގައި ބުނެފައިވެއެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި ދެ ވަނަ އަޑުއެހުމުގައި ފާރިސް ވިދާޅުވީ ދައުވާގައި ސާފުނުވާ ކަންތައްތަކެއް އެބަހުރި ކަމަށާއި މި ދައުވާ ބޮޑަށް ސިފަވަނީ މީހަކަށް ފެނުނުގެ ހުވަފަނެއްގެ ގޮތުގައި ކަމަށެވެ. އަދި ދުވަހަކު ވެސް ޖިނާއީ ކުށެއް ކޮށްފައިނުވާނެ ކަމަށް ވިދާޅުވެ ފާރިސް ވަނީ އެ ދައުވާގައި ހިމެނޭ ކަންކަމާއި ނުހިމެނޭ ކަންކަމަށް ވެސް އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން ފާރިސްގެ ވަކީލު އިބްރާހިމް ޝަމީލް ވަނީ މި ދައުވާގައި ފާރިސް ރިޝްވަތު ދެއްވީ ކޮން ފަނޑިޔާރަކަށްކަން ބަޔާންކޮށްފައި ނެތް ކަމަށް ވިދާޅުވެފައެވެ. އަދި ފާރިސް ރިޝްވަތު ދެއްވީ ރާއްޖޭގެ ހުރިހާ ފަނޑިޔާރުންނަށްތޯ ޝަމީލް ވަނީ ދައުލާތާއި ސުވާލު ކުރައްވާފައެވެ.

އޭގެ ޖަވާބުގައި ދައުލަތުގެ ވަކީލު އަހުމަދު ނައުޝާދު ވިދާޅުވީ ފާރިސް ރިޝްވަތު ދިނީ ވަކި ފަނޑިޔާރުންތަކަކަށް ކަމަށާއި އެކަން ހެކިންގެ ބަހުން ސާބިތުވާނެ ކަމަށެވެ. އަދި ދައުވާގައި ހުރިހާ ވާހަކަތަކެއް ހިމެނުމަކީ ގާނޫނީ ގޮތުން ލާޒިމު ކަމެއް ނޫންކަމަށްވެސް ނައުޝާދު ވިދާޅުވިއެވެ.

ވެރިކަން ވައްޓާލުމުގެ އެއް މޭސްތިރިއަކީ ފާރިސް ކަމަށާއި ފާރިސްގެ ބޭނުމަކަށް ވެފައި އޮތީ އެހެން ބަޔަކާއި ގުޅިގެން ވަކި ފިކުރެއްގެ މީހަކު ވެރިކަމަށް ގެނައުން ކަމަށްވެސް މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން ވަނީ ފާރިސްއާ ދެކޮޅަށް 32 ހެއްކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ސިއްރު 17 ހެކިވެރިއަކާއި ހަތް ފުލުހަކާއި ހަތަރު ސިއްރު ލިޔުމެއް ހިމެނެއެވެ.

މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދިފާއުގައި ހެކި ހުށަހެޅުމަށް ފާރިސް އަށް ފުރުސަތު ދެއްވުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާރިޔާ

    ދެންއަޅާނުލާ ބޯންއުޅުނުބޮޑިތިއޮތީލިބިފާ

  2. ހުސޭނުބޭ

    30 އަހަރުގެ އަރާމުގައި އުޅުއްވި ބޭފުޅަކަށް (ކުށެއް ކުރުމުން އެ ދުވަސްވަރު މުސްތަޙީލުވެފައިވާ ބޭފުޅަކަށް) މިއަދު ހަޤީޤީ ދުނިޔެ ފެންނާނީ ހުވަފެނެއް ފަދައިން.