ހައުސިން މިނިސްޓަރ ކަމުގެ މަޤާމުން، މިނިސްޓަރ އާމިނަތު އާތިފާ ޝަކޫރު އިސްތިއުފާ ދެއްވަން ނިންމެވުމާއި ގުޅިގެން އެ މަޤާމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަލުން، ފާރިސް މައުމޫން ގެނައުމަށް ނަން ހުށަހަޅާފައި ނުވާ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

މިނިސްޓަރ އާތިފާ އަކީ އެ ޕާޓީގެ ސްލޮޓުގައި ހައުސިންގް މިނިސްޓް ކަމަށް ވަޑައިގެންނެވި ބޭކަނބަލެކެވެ. އެކަމަނާ މަޤާމުން ދުރުވެވަޑައިގަތުމަށް ނިންމާފައި ވަނީ ސިއްޙީ ހާލަތު ހުރި ގޮތުން ކަމަށް ވެއެވެ. މިނިސްޓަރ އާތިފާގެ މި ނިންމެވުން މިހާރު ރައީސުލްޖުމްހޫރިއްޔާ އަށްވެސް ސިޓީއަކުން ވަނީ ހުށަހަޅާފައެވެ.

އިއްޔެ މިނިސްޓަރ އާތިފާ މަޤާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައި ވަނިކޮށް ރޭ އެމްއާރްއެމްގެ ކޮމިޓީ ބައްދަލުވުމެއް ބާއްވާފައި ވެއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ކަމަށް ފާރިސް ގެންނަން ނިންމާފައިވާ ކަމުގެ އަޑުތަކެއް ފެތުރެމުންދާ މި ދަނޑިވަޅުގައި އެމްއާރްއެމް އިން ވަނީ އެކަން ދޮގުކޮށްފައެވެ.

އެ ޕާޓީން ބުނެފައި ވަނީ ރޭގެ ބައްދަލުވުމުގައި އެފަދަ ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ. ރޭގެ ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ ޕާޓީގެ ރައީސް، މައުމޫން އަބްދުލްޤައްޔޫމެވެ. މި ބައްދަލުވުމުގައި ފާރިސް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްއާރްއެމްގެ ފަރާތުން މިނިސްޓަރ އާތިފާ މަޤާމާ ހަވާލުވެވަޑައިގެންނެވި އިރުވެސް ގެންދެވީ ބައްޔަކަށް ބޭސް ކުރައްވަމުންނެވެ. މިގޮތުން މީގެ ކުރިން ރާއްޖެއިން ބޭރުންވެސް މި ބައްޔަށް އެކަމަނާ ފަރުވާ ހޯއްދަވާފައި ވެއެވެ. މިނިސްޓަރ ކަމާއި އެކަމަނާ ހަވާލުވެވަޑައިގެންނެވިއިރު ބަލީގެ ހާލަތު ރަނގަޅެވެ.

އެކަމަނާ ރަސްމީކޮށް އިސްތިއުފާ އިއުލާނުކުރައްވާނީ މާދަމާގެ ވަގުތެއްގައެވެ. އަދި މިކަމާއި ގުޅިގެން ރައީސް އޮފީހުން މާދަމާ ބަޔާނެއް ނެރޭނެ ކަމަށްވެސް ޚަބަރު ފެތުރިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބެއްޔާ

    ތިކަންދާނީ ތިހެން. އެކަމަކު އެމްޑީޕީގެ ރައީސް އެއްބަހެއްނުވަނެ.

  2. ޒުއްބަ

    މިބޭފުޅުން ދައްކާ ވާހަކައާއި އަމަލާ ދިމަލެއް ނުވާނެ. ވާހަކަ ދައްކާނީ ވަކި ގޮތަކަށް ވަރަށް ރީތިކޮށް. އަމަލު ކުރާނީ މުޅިން ތަފާތުކޮށް. 2013ގެ ޕީޕީއެމް ޕްރައިމަރީގައި އެހުރިހާ ދުވަހު މިއާއިލާގެ ހުރިހާ އެންމެން ކެމްޕއެިން ކުރީ އުމަރު ނަސީރަށް. އެކަމަކު އެންމެ ފަހު ވަގުތު ސްޓޭޖް މަތީގައި ތިބީ ޔާމީން އާއި އަތުގުޅާލައިގެން ފޮޓޮއަށް ހުއްޓިގެން. މި މީހުންގެ ވާހަކަ ޤަބޫލުކުރަން ހެޔޮނުވާނެ. މިހުރިހާ ގޭހެއް މިއަމބުރަނީ މިހާރު ވަޒީފާއެއް ނުވަތަ ގޮނޑިއެއް ނެތި ތިބި ރައީސް މައުމޫނުގެ ކުދިން ތަންތަނަށް ލެއްވުމަށް. އާތިފާ އާއި ޒަހާ އަކީ އެކަމަށްޓަކާ ޤުރުބާނަށް ހުށަހެޅި ދެ ކަމްބަޅި. މި ޤުރުބާނީ ތަކަށް ފެންދިނުމަށް ކަނޑައެޅި މުއްދަތަކީ 1 އަހަރު. އަހަރު ހަމަވުމުން ފުރަތަމަ ކަމްބަޅި(އާތިފާ) ޤުރުބާން ކުރެވިގެން އިއްޔެ އެދިޔައީ. ކުޑަ ދުވަސް ކޮޅަކުން އަނެއް ކަމްބަޅި(ޒަހާ) ވެސް ޤުރުބާން ކުރެވޭނެ. ފާރިސް ވެސް ދުންޔާވެސް އަދި ޣައްސާން ވެސް ތިބޭނީ ކޮންމެވެސް ބޮޑު މަޤާމެއްގައި. ބަލަން ތިބި ބަޔަކަށް މިކަން ފެންނާނެ!

    6
    6