ހައުސިން މިނިސްޓަރުގެ މަގާމަށް ކުރިމަތިލާ ކޮންމެ މީހަކަށް ރުހުން ދޭން ވޯޓު ދެއްވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް މިއަދު ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓަރުގެ މަގާމުން އާތިފާ ޝުކޫރު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ދެން ވަޑައިގަންނަވާނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ސްލޮޓެއްގައި އާތިފާ ވަޒީރު ކަމަށް ވަޑައިގެންނެވި އިރު، އޭނާ އިސްތިއުފާ ދެއްވީ ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވާތީ ކަން އެނގިފައިވެއެވެ.

ހައުސިން މިނިސްޓަރު އާތިފާ އިސްތިއުފާ ދެއްވައިފި

ފާރިސް މައުމޫން ވަޒީރު ކަމަށް ގެންނަން އުޅޭ ކަމުގެ އަޑުތައް ގަދަވި ނަމަވެސް އެމްއާރުއެމް އިން ވަނީ އެކަން ދޮގުކޮށްފައެވެ. އެ ޕާޓީން ބުނި ގޮތުގައި، ހައުސިން މިނިސްޓަރު ކަމަށް ފާރިސްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވާފައެއް ނުވެއެވެ.

ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުން އެދެނީ ބޯހިޔާވަހިކަމަކަށް ކަމަށާއި ހައުސިން މިނިސްޓަރު ކަމަށް ކޮންމެ މީހަކަށް ވޯޓު ދެއްވެން ނެތް ކަމަށެވެ. ޝަހީމްގެ ޓުވީޓުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ރަސްމީ ޓުވިޓާ އެކައުންޓާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމާއި ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސެއިން ޝަހީމް ޓެގް ކުރެއްވިއެވެ.

އާތިފާއަށް ވެރިކަން ކުރާ އެމްޑީޕީގެ ބައެއް ބޭފުޅުންގެ ފާޑު ކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވެއެވެ. އަދި މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލިހުގައި ނަގަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް އެމްޑީޕީގެ ބައެއް މެމްބަރުން ދެއްވާފައިވެއެވެ.

އާތިފާ އިސްތިއުފާ ދެއްވާފައި މިވަނީ ވުޒާރާއާ ހަވާލު ކުރާ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލްކަން ނެތް ކަމަށް ވިދާޅުވެ، އޭނާ މަގާމުން ވަކިކޮށް ދިނުމަށް މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ރައީސް އިބްރާހިމް ރިޔާޒްގެ ސިޓީއެއް، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވާފައިވަނިކޮށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންނެވި އެންމެ މުހިންމު އެއް ކަމަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމެވެ. ނަމަވެސް ވެރި ކަމަށް ދޮޅު އަހަރު ވެގެން ދިޔަ އިރުވެސް ބޯހިޔާވަހިކަމުގެ ވައުދު ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް މަސައްކަތެއް ކުރެވިފައި ނުވުމަކީ ގިނަ ބަޔަކު މި ސަރުކާރާ މެދުގައި ސުވާލު އުފައްދާ އެއް ކަމެކެވެ.

އަދި އެމްޑީޕީ ފިކުރުގެ ވަޒީރަކު، އެ ވުޒާރާއާ ހަވާލު ނުކުރެއްވުމަކީ ބައެއް މީހުން އޭރުގައި ވެސް ސުވާލު އުފެއްދި ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލި

    ރަތްޔަތުންނަށް ލާބަޔާ މަންފާވާގޮތަށް ވޯޓް ދޭބައެކު ތިކޮށީގަ އެބައުޅޭތަ މުޅިންވެސް ދޮގާ އޮޅުވާލުން ފިޔަވާ އިތުރު ކަމެއް ކުރާތަނެއް ނުފެނޭ

    26
    1
  2. ދިވެހިސޮރު

    އެމްޕީ މީ އަމިއްލަ އަށްވެސް ނަން ޖަހާއިރު ލިޔަންޖެހޭ އެއްޗެއްދޯ
    ބޮޑާކަން..އައިއޭމް އަ ޕާލިމަންޓް މެމްބަރ...

    3
    1
  3. ޝައްފަ

    އިބޫ ގެ ކްލާސްޓީޗަރު ޖެންޑަރ މިނިސްޓަރ ޢާއިޝާ އަކީ. ޢާއިޝާ އަކީ ކުރީގެ ސަރުކާރު ތަކުން ފެއިލްވެ، ޕާރފޯމަންސް އެއް ނުދެއް ކުނު މީހެއް. އިބޫ ގެ ކްލާސްޓީޗަރުން ނަށް މިނިސްޓަރު ކަން ދިނީމާ ޤައުމަށް ލިބޭނެ ގެއްލުން ވިސްނާ !