ތ. ކަނޑޫދޫ ގޮނޑުދޮށުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެއެވެ.

އެ ރަށުން "ވަގުތު" އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށުގެ ދެކުނު ފަރާތު ގޮނޑުދޮށުން މިނި ކަށިތަކެއް ފެނުނީ އެ ސަރަހައްދަށް ނުކުމެ އުޅުނު މީހަކަށް ކަމަށެވެ. އެ ކަށިތައް ފެނިގެން ކައުންސިލަށް ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރު ހާއިރެވެ.

ކަނޑޫދޫ ކައުންސިލްގެ ނައިބު މުހައްމަދު ނަވާޒް ވިދާޅުވީ ރަށުގެ ދެކުނު ފަރާތުން ފެނުނު އިންސާނެއްގެ ބޮލުގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް ވެސް ފެނިފައިވާ ކަމަށެވެ. އެއީ ފުދޭވަރަކަށް ދުވަސްވެފައިވާ ކަށިތަކެއް ކަމަށް އޭނާ ލަފާ ކުރެއްވިއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން، ފުލުހުންގެ ޓީމެއް ރަށަށް ދަތުރުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި ނޭނގެ އެއީ ވަޅުލާފަ އޮތް މީހެއްގެ ކަށިގަނޑެކޭ ނުވަތަ، ލައްގާފަ އޮތް މީހެއްގެ ކަށިތަކެކޭ ބުނާކަށް ވެސް. މިހާރު ފުލުހުން ދަނީ މިކަން ބެލުމަށް ރަށަށް އައުމަށް ދަތުރުކުރަމުން" ނަވާޒް ވިދާޅުވިއެވެ.

ނަވާޒް ވިދާޅުވީ ކަށިތައް ދެކުނު ފަރާތަކީ މީގެ ކުރިން މީހުން ވަޅުލައިފައިވާ ސަރަހައްދަކާ ވެސް ފުދޭވަރަކަށް ކައިރި ތަނެއް ކަމަށެވެ.

ކައުންސިލުން "ވަގުތު" އާ ހިއްސާކޮށްފައިވާ ފޮޓޯ އިން ފެންނަ ގޮތުގައި ބޮލުގެ ކަށިގަނޑުގެ އިތުރުން އެހެން ކަށިތަކެއްވެސް އެސަރަހައްދުން ފެންނަން ހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރައްޔިތުން

    ތި ފޮޓޯ އަށް ބަލާއިރު އެ ފޮޓޯއިން އެބަހީވޭ އިންސާނެއްގެ ކަށިތަކާއި އަދި އެނޫން އެހެން މަޚްލޫގެއްގެ ކަށިތައް ފެންނަ ހެންވެސް، ތިކަން ބަލާ ހޯދާ ޓެސްޓްތައް ހަދައި ޔަޤީން ކުރަން ޖެހޭ މަރުވެފައި ގެއްލިފައި ވެއްޖެ އެތައް މީހުންނެއް. ވީމާ ފަރުވާ ކުޑަނުކޮށް ބަލަން ޖެހޭ، އަދި އެރަށުގެ އެންމެ މުސްކުޅިންނާއި ސުވާލުކޮށް އެސަރަޙައްދުގައި އެއްވެސް ޒަމާނެއްގައި މީހުން ވަޅުލާ ހެދިކަން ނުވަތަ ނޫންކަންވެސް ބަލަންޖެހޭނެ.

    21
  2. ޢޫޕްސް

    ކަންޑޫދޫ މިރުސް އަތްނުފޯރާ ވަރަށް އަގުބޮޑުވާ ސަބަބު މިޔޮތީ.

    5
    8
  3. އަމީދު

    ބޮޑައް ހީވަނީ ސިހުރުގެ ކަމެއް ކޮއްލަން ބަޔަކު ކޮއްފަ ހުރި ކަމެއްހެން.

  4. ކާފަރު

    އެއީ ހިޕަ ޕޮޓަ މަހެއްގެ ކަށިގަނޑު..

    1
    1