ސަރުކާރުން އިއުލާންކޮށްފައިވާ ފްލެޓްތަކަށް ފޯމް ދޫކުރަން މިއަދު ފަށާފައިވާއިރު، ކުރިން ފޯމް ނެގުމަކީ ފްލެޓް ދިނުމުގައި އިސްކަންދޭނެ ކަމެއް ނޫން ކަމަށް ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ފްލެޓްތަކަށް ފޯމް ދޫކުރުމާއި ބެހޭގޮތުން އިދިކޮޅު ފަރާތްތަކުން ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރަމުންދާތީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ ކުރިން ފޯމް ނެގުމަކީ ފްލެޓް ދިނުމުގައި އިސްކަން ދޭނެ ކަމެއް ނޫންކަމަށާއި އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ ހިތްތަކުގައި ކަންބޮޑުވުމާއި ހާސްކަން މިކަމުގައި ފެތުރުމަށް ދައްކަމުންދާ ހަގީގަތެއްނެތް ވާހަކަތައް ހުއްޓާލުމަށް އިލްތިމާސްކުރާ ކަމަށެވެ.

ފްލެޓްތަކަށް ފޯމް ދޫކުރަން މިއަދު ދަރުބާރުގޭގައި ފަށާފައިވާއިރު ފޯމް ދޫކުރުން ޖުލައި މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ. އަދި ފޯމް ބަލައިގަތުން ފަށާނީ ޖޫން މަހުގެ 03 ވަނަ ދުވަހު ފެށިގެންނެވެ. އަދި ފޯމް ބަލައިގަތުން ޖުލައި 31 އާއި ހަމައަށް ކުރިއަށްދާނެއެވެ.

ޖުމުލަ 17 ކެޓަގަރީ އަކުން ފްލެޓް ދޫކުރަން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެއްކޮޓަރި އާއި ދެ ކޮޓަރީގެ ފްލެޓްތަކެވެ. ކޮންމެ މީހަކަށްވެސް ފްލެޓަށް ކުރިމަތި ލެވޭނީ އެއް ކެޓަގަރީއަށް ކަމަށް މިނިސްޓަރު މުއިއްޒު މިއަދު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖުމްލަ 7،000 ފުލެޓް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން 1000 ފުލެޓް ސިވިލް ސާވިސް މުވައްޒަފުންނަށް ދޭން ވަނީ ކުރިން ނިންމައިފައެވެ.