މިދިޔަ ޑިސެމްބަރު މަހު ހުޅުވި، ނ. މާފަރު އެއާޕޯޓްގެ ރަންވޭ ބޮޑު ކުރަން ދިން ހުއްދައާ ގުޅިގެން އެތަނުގެ އެކްސްޓެންޝަން މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ހުޅުވާލި މުއްދަތު އަނެއްކާވެސް އިތުރު ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މާފަރު އެއާޕޯޓުގެ ރަންވޭ އެކްސްޓެންޝަންގެ މަސައްކަތް އީޕީސީ ޓާންކީ އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިއުލާނުގެ ސުންގަޑި ބަދަލުކޮށްފައިވާ ކަމަށެވެ.

އެގޮތުން މި ޕްރޮޖެކްޓާ ގުޅޭ އެއްވެސް ސުވާލެއް ވާނަމަ ޖޫން 25 ގެ ކުރިން ފިނޭންސް އަށް އީމެއިލް ކުރުމަށެވެ.

މާފަރު އެއާޕޯޓް ބޮޑު ކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މިދިޔަ އޭޕްރިލް މަހުވެސް ހުޅުވާލިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މާފަރު އެއާޕޯޓްގެ ރަންވޭ ބޮޑު ކުރުމުގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ޕްރީ ކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ޖުލައި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.

ބީލަމުގައި ބައިވެރިވާން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 500 ރުފިޔާ ދައްކަން ޖެހޭ ކަމަށާއި އެ ފައިސާ ޖޫން މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ބަލައިގަންނާނެ ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އަބޫދާބީ ފަންޑުގެ އެހީގައި ތަރައްގީކޮށްފައިވާ އެ އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737 ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. މާފަރު އެއާޕޯޓުގެ ރަންވޭ ބޯއިން 777 ޓްވިން ޖެޓް ޖެއްސޭ ވަރަށް ބޮޑު ކުރުމަށް ނިންމާ، އެ މަޝްރޫއަށް އަބޫދާބީ ފަންޑުން އެހީދޭން ވަނީ ނިންމައިފަ އެވެ.