ކެންސަރަށް ފަރުވާ ދެމުން ދަނިކޮށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރަކު ނިޔާވެއްޖެއެވެ.

އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ އެ ހޮސްޕިޓަލުގެ ކަށީގެ ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރު، ރާޖަޝް އަޗާރިޔާ އެވެ. އޭނާ އަށް ފަރުވާ ދިނުމަށް މާލެ ގެނެސްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަލީ ނަޝީދު "ވަގުތު" އަށް ވިދާޅުވީ، ޑޮކްޓަރު ގަމު ހޮސްޕިޓަލަށް އައި އިރުވެސް ކެންސަރު ޖެހިފައިވާ ކަމަށް މީސްމީޑިއާގައި ދެކެވެމުން އަންނަ ވާހަކަ އަކީ ދޮގު ވާހައެއް ކަމަށާއި އޭނާ ކެންސަރު ޖެހިފައިވަނީ މިދިޔަ އަހަރު ކަމަށެވެ.

"ގަން ރީޖަނަލް ހޮސްޕިޓަލަށް އައީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހު. ކެންސަރު ޖެހިފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު" އަލީ ނަޝީދު ވިދާޅުވިއެވެ.

އަލީ ނަޝީދު އިތުރަށް ވިދާޅުވީ، ރަޖެޝްގެ އަންހެނުންނަކީ އެ ހޮސްޕިޓަލުގެ އަންހެނުންގެ ޑޮކްޓަރެއް ކަމަށާއި އޭނާގެ 2 އަންހެން ކުޑަކުދިން ތިބޭ ކަމަށެވެ.

އޭނާ ވިދާޅުވީ، މިވަގުތު ރަޖެޝްގެ އާއިލާ ވީ މާލެގައި ކަމަށެވެ.