އެއްވެސް ހުއްދައެއް ނެތި މާލެ ފިޔަވައި އެހެން ރަށްރަށުގައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމައިފިއެވެ.

މި ހުއްދަ ދޭން ނިންމާފައި ވަނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ، ކޮވިޑް-19 ގެ ވޭދަނަތައް (ކޭސްތައް) ނެތް ރަށްރަށުގެ މީހުންނަށް އެއްވެސް ހުއްދައަކާއި ނުލާ އެއް ރަށުން އަނެއް ރަށަށް ދެވޭނެ ކަމަށެވެ.

"އެހެން ނަމަވެސް މިހާރު ކޮވިޑް-19ގެ ވޭދަނަތައް ހުރީ މާލެއިން ކަމަށްވާއިރު،މާލެ އިން ފުރާ މީހުންނަށާއި، އަންނަ މީހުންނަށް ކޮންމެވެސް ވަރެއްގެ ރިސްޓްރިކްޝަންތަކެއް ހުންނާނެ، އަދި އެ އޮންނަ އުސޫލުގެ ދަށުން ކުރަން ޖެހޭ މަސައްކަތްތައް ކޮށްގެން، ފުރަން ޖެހޭ ފޯމްތަކާއި އެ އިންނަ ޕްރޮސެސް ފުރިހަމަ ކޮށްގެން އެއް ރަށުން އަނެއް ރަށަށް ދެވޭނީ"، ޝައިނާ ވިދާޅުވިއެވެ.

އެހެންކަމުން މާލެއަށް ދަތުރު ކުރަން ބޭނުންވާނަމަ އެ އޮންނަ އުސޫލުގެ ތެރެއިން ފުލުހުންނާއި، އެރަށެއްގެ ކައުންސިލްގެ ހުއްދަ ހޯދަން ޖެހޭނެއެވެ. އަދި ބަލި ހުރި ރަށްތަކަށް ނޫނީ ބަލި ހުރި ރަށަކުން އެހެން ރަށަކަށް ދަތުރު ކުރާނަމަވެސް ހުއްދަ ހޯދަން ޖެހޭނެއެވެ.

މީގެ އިތުރުން ބަލި ނެތް ރަށްތަކުގެ ޑޮމެސްޓިކް އެއާޕޯޓްތައް ހުޅުވައި، ދަތުރު ކުރުމަށް އަންނަ ހޯމަ ދުވަހުން ފެށިގެން ފުރުސަތު ދިނުމަށް ވަނީ ލަފާ ދީފައެވެ.