ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ، އާ އާންމު ހާލަތަކަށް ދިއުމަށް ތައްޔާރުވަމުންދާއިރު މި ބަލި މީގެ ކުރިން ފެތުރެމުންދިޔަ މިންވަރާއި އަޅާ ބަލާއިރު، ބަލީގެ ނުރައްކާ ރާއްޖެއަށް ވަނީ ކުޑަވެފައެވެ. މިގޮތުން ކޮންމެ ދުވަހަކު އަލަށް ބައްޔަށް ފައްސިވާ މީހުންގެ އަދަދު ވަނީ ދަށްވާން ފަށާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާދެމުން ދަނީ 813 މީހެކެވެ. މިއީ ފާއިތުވެދިޔަ މަހެއްހާ ދުވަސް ތެރޭގައި މި އަދަދު މިހާވަރަށް ދަށްވެގެން ދިޔަ ފުރަތަމަ ފަހަރެވެ. މި ބަލީގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑުވެގެން ގޮސްފައި ވަނީ މިދިޔަ މޭއި މަހުގެ ތެރޭގައެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 1976 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މީގެ ތެރެއިން 1300 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައި ވަނީ މޭއި މަހުގެ ތެރޭގައެވެ. ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 1153 މީހަކު ވަނީ ރަނގަޅުވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 52.94 އިންސައްތަ އަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ. އެޤައުމުގެ 1046 މީހަކަށް ރާއްޖެއިން މި ބަލި ޖެހިފައި ވާއިރު، ފައްސިވީ ދިވެހިންގެ އަދަދު އުޅެނީ 686 ގައެވެ.

ރާއްޖެއިން ޖުމްލަ 1674 ފިރިހެނަކާއި 302 އަންހެނަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ އުމުރުން 21 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 306 މީހަކު އެބަތިއްބެވެ. އަދި އައިސޮލޭޝަންގައި 789 މީހަކު ތިބި ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖެއިން މި ބަލި ފެނުނުތާ ތިން ވަރަކަށް މަސް ވެފައި ވާއިރު، ބަލީގައި މިހާތަނަށް އަށް މީހަކު ނިޔާވެފައި ވެއެވެ.