ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ، އާ އާންމު ހާލަތަކަށް ދިއުމަށް ތައްޔާރުވަމުންދާއިރު މި ބަލި މީގެ ކުރިން ފެތުރެމުންދިޔަ މިންވަރާއި އަޅާ ބަލާއިރު، ބަލީގެ ނުރައްކާ ރާއްޖެއަށް ވަނީ ކުޑަވެފައެވެ. މިގޮތުން ކޮންމެ ދުވަހަކު އަލަށް ބައްޔަށް ފައްސިވާ މީހުންގެ އަދަދު ވަނީ ދަށްވާން ފަށާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބަލިން ރަނގަޅުނުވެ ތިބީ 800 މީހުންނެވެ. މިއީ ފާއިތުވެދިޔަ މަހެއްހާ ދުވަސް ތެރޭގައި މި އަދަދު މިހާވަރަށް ދަށްވެގެން ދިޔަ ފުރަތަމަ ފަހަރެވެ. މި ބަލީގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑުވެގެން ގޮސްފައި ވަނީ މިދިޔަ މޭއި މަހުގެ ތެރޭގައެވެ.

މި ބަލި ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި މިހާރު ފަރުވާދެމުން ދަނީ ޖުމްލަ 8 މީހަކަށް ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 2003 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މީގެ ތެރެއިން 1300 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައި ވަނީ މޭއި މަހުގެ ތެރޭގައެވެ. ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ މީހުންގެ އަދަދު މިހާރު ވަނީ 1193 އަށް އަރާފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 52.82 އިންސައްތަ އަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ. އެޤައުމުގެ 1058 މީހަކަށް ރާއްޖެއިން މި ބަލި ޖެހިފައި ވާއިރު، ފައްސިވީ ދިވެހިންގެ އަދަދު އުޅެނީ 700 ގައެވެ.

ރާއްޖެއިން ޖުމްލަ 1696 ފިރިހެނަކާއި 307 އަންހެނަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ އުމުރުން 21 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 346 މީހަކު އެބަތިއްބެވެ. އަދި އައިސޮލޭޝަންގައި 734 މީހަކު ތިބި ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ރާއްޖެއިން މި ބަލި ފެނުނުތާ ތިން ވަރަކަށް މަސް ވެފައި ވާއިރު، ބަލީގައި މިހާތަނަށް އަށް މީހަކު ނިޔާވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބީރުމީހާ

    ދެން ނެތޭ ތޯހިރުފެނުން ކޮވުޑު ދޮވެލައިފި ރާއްޖެ ދެން އެކަކުވެސް ނެތޭ ފައްސިނުވެޔެޔޭ ކިޔާފަ މައިމޫނާ ގޭގަ ހުރޭ ކޮންމެ 1000 މީހަކުން 2 މީހުން ފެނުން އެއީ ފެނުމެއްނޫން އޮތަ
    ޢަޅުގަނޑުގެ ސުވާލަކީ އެދުވަހަކު ނަގާ ސާންޕަލްތައް އެދުވަހު ޓެސްޓުކުރެވޭހޭ ނޫނީ މާކުރީގެ ސާންޕަލްރަކެއްގެ ނަތީޖާހޭ ތިގެނެސްދެނީ ނޫނީ ޑީއެންއޭ ޓެސްޓްތައްހޭ ހަދަނީ