ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނު މައްސަލައިގައި ފުލުސް އޮފީހަށް ހާޒިރު ކުރީ ސަރުކާރުން އޭނާ އަށް ބިރު ދައްކަން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ނޫމަޑި މައްސަލައިގައި މުއިއްޒު މީގެކުރިން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވެއެވެ. އޭރުގައި އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވަން ނިންމަވާފައި ވަނިކޮށެވެ.

މުއިއްޒު ރޭ ފުލުސް އޮފީހަށް ވަޑައިގަންނަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މުއިއްޒު "ވަގުތަށް" ވިދާޅުވީ ފުލުސް އޮފީހަށް މި ފަހަރު ހާޒިރު ކުރީ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ރައްޔިތުން ހަގީގަތް އޮޅުން ފިލުއްވައި ދެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދެވި ދަނޑިވަޅެއްގައި ކަމަށެވެ. މިއީ ސަރުކާރުން ފުލުހުންނާ ހަވާލު ކުރާ ކަމަކަށް ވިޔަސް، އޭނާ އާއި ފުލުހުންނާ ދޭތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ފައިސާ ހަމަޖެހުމުގެ ފުރުސަތު ހަނި: މުއިއްޒު

"ފުލުހުން ވެސް ސަރުކާރުން ހަވާލު ކުރާ ކަމެއް ކުރާނެ. އަޅުގަނޑުގެ އިހްތިރާމް އޮންނާނެ ފުލުހުންނަށް،" މުއިއްޒު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު ނުފުއްދޭ ކަމަށް ވިދާޅުވެ، މީގެ ދުވަސްތަކެއް ކުރިން މުއިއްޒު ވަނީ ޓުވީޓުތަކެއް ކުރައްވައިފައެވެ. އަދި ހިޔާ މަޝްރޫއުގެ ފްލެޓެއްގެ އަގުތަކާ ބެހޭ ތަފްސީލްތައް ވެސް މުއިއްޒު ދެއްވިއެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރު އައި ފަހުން އެއްވެސް ފްލެޓެއް ނިންމިފައި ނުވާ އިރު، އަލަށް ފްލެޓެއް ވެސް އަޅާފައި ނުވާ ކަމަށެވެ. އަދި ދާދި ފަހުން ބިންގާ އެޅި ހައުސިން މަޝްރޫއަކީ ރައްޔިތުންނަށް ދެއްކި ދަޅައެއްގެ ގޮތުގައި މުއިއްޒު ސިފަ ކުރެއްވިއެވެ.

ޑރ. މުއިއްޒު އަނެއްކާ ވެސް ފުލުހަށް ހާޒިރުވާން އަންގައިފި

ރައްޔިތުންނަށްޓަކައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި ފެންނަނީ ބަޖެޓުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ފައިސާ ދޭ ތަން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ބަދަލުގެ ގޮތުގައި ފައިސާދީ ބަޖެޓު ހުސްވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެކަންކަމާ ދެކޮޅަށް ވާހަކަ ދައްކާނަން. ރައްޔިތުންނަށް ފެނޭ ބަދަލުގައި ފައިސާ ދޭ ތަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ރޭ ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުންނާ އެކު. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މުއިއްޒު ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރުކޮށް ބައި ގަޑިއިރެއް ހާއިރު ތެރޭގައި ބަޔާން ނަގާފައިވާ ކަމަށެވެ. އަދި ފުލުސް އޮފީހަށް ހާޒިރުވާން ފުލުހުން އަންގާ ކޮންމެ ވަގުތެއްގައި ވެސް ދާން ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލް ކުރި މައްސަލައިގައި ބަދަލަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑި އަށް ދީފައެވެ.

ނޫމަޑީގެ މައްސަލައިގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ އާބިޓްރޭޝަންގައި މުއިއްޒު ދެއްވި ބަޔާން ބަދަލުކުރުމުގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެކުރިން ރައްޔިތުންގެ މަޖިލިހުގައި ވަނީ ވިދާޅުވެފައެވެ.

މުއިއްޒުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކުގެ ތެރޭގައި ދޮގު މައުލޫމާތު ދިނުމާއި އަދުލް އިންސާފަށް ހުރަސް އެޅުމާއި ދައުލަތުގެ އެކިއެކި މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތުހުމަތު ހިމެނެއެވެ. އެ ހުރިހާ ތުހުމަތުތަކަށް މުއިއްޒު އިންކާރު ކުރައްވައެވެ. މިއީ ސިޔާސީ މަގްސަދެއް ހާސިލް ކުރަން ސަރުކާރުން ކުރާ ކަމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތިރިބެ

    ކިތައްމެ ބޮޑުހިޔާނާތެއްވިޔަސް ތަހުގީގު ކޮއްފިއްޔާ އެއީ ބިރުދެއްކުން

    1
    17
  2. ރާޖޫ

    ތިއީ ފުލުހުން ބަލަން ޖެހޭ މައްސަލައެއް ބާ؟ ނޫނީ އޭސީސީން ބަލަން ޖެހޭ މައްސަލައެއް ނޫންބާ؟