މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) ގައި ހުރި ލޭ ހުސްވާތީ ލޭ ހަދިޔާކޮށްދިނުމަށް އެދިއްޖެއެވެ.

އެމްބީއެސް އިން ވިދާޅުވީ މިހާރު ސްޓޮކުގައި ހުރި ލޭ ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށާއި، އެހެން ކަމުން ވީހާވެސް ގިނަ ބަޔަކު ލޭ ހަދިޔާކުރުމަށް ކަމަށެވެ. އެގޮތުން ހުރިހާ ގްރޫޕެއްގެ ލޭ ވެސް އެ ތަނުގައި މަދު ކަމަށް އެމްބީއެސް އިން ވިދާޅުވިއެވެ.

މިހާރު ސްޓޮކުން ލޭ މަދުވެފައި ހުންނަތާ ދެ ހަފްތާއެއްހާ ދުވަސް ވެފައިވާ ކަމަށް އެމްބީއެސް އިން ވަނީ ވިދާޅުވެފައެވެ.

ތެލަސީމިއާ ޕޭޝަންޓުންނަށް ހަފްތާއަކު 160 ޔުނިޓުގެ ލޭ ބޭނުންވެއެވެ.

ކޮވިޑް-19 އާ ގުޅިގެން މީގެ ކުރިން ހިންގަމުން އައި ބްލަޑް ކޭޕްތައް ހުއްޓުމަކަށް އައުމާއި އެކު ލޭ ހަދިޔާ ކުރުން މަދުވި ނަމަވެސް، ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމް ހަމަޖައްސައި ދެމުން ދާ ކަން ފާހަގަކޮށްލެވެއެވެ.

ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން 3306089 އަށް ގުޅުމުން ލޭ ހަދިޔާ ކުރަން އައުމުގެ އިންތިޒާމް ހަމަޖައްސައިދެއެވެ. އުމުރުން 18 އަހަރު ފުރިފައިވާ، ބަރުދަނުގައި 45 ކިލޯ ހުންނަ މީހުންގެ ތެރެއިން، އެ މީހެއްގެ ހިމޮގްލޮބިން ކައުންޓް 12.5 އަށް ވުރެ މަތި މީހުންނަށް ލޭ ހަދިޔާ ކުރެވޭނެއެވެ.

މީގެ މަހެއްހާ ދުވަހުގެ ކުރިންވެސް ވަނީ އެމްބީއެސް އިން ލޭ މަދުވެގެން ލޭ ހަދިޔާކުރުމަށް އެދިފައެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ލޭ ހަދިޔާކޮށްފައެވެ.