ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އައްޑޫ ސިޓީ އިން ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެެއްސުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރު އަބްދުﷲ ސޯދިގު ރޭ ވިދާޅުވެއްޖެއެވެ.

"ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ސޯދިގް ވިދާޅުވީ އައްޑޫ އިން ކޮވިޑް-19 އަށް ޓެސްޓް ކުރަން ބޭނުންވާ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ޕީސީއާރު މެޝިނު ވެސް އަވަސް މުސްތަގުބަލެއްގައި އައްޑޫއަށް ގެނެވޭނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވައިފައެވެ.

"ޕީސީއާރު މެޝިން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ބަހައްޓައި ޓެސްޓު ހެދޭނެ ކަމުގެ ޔަގީންކަން މިހާރު ވަނީ ލިބިފައި" ސޯދިގް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ޓެސްޓު ކުރެވެނީ ތިން ތަނަކުންނެވެ. އެއީ އައިޖީއެމް ހޮސްޕިޓަލާއި، އޭޑީކޭގެ އިތުރުން ފުލުހުންގެ ލެބްގައެވެ.

އައްޑޫގައި އިއްޔެ ވަނީ އަލަށް ކޮވިޑް-19 އަށް މީހަކު ފައްސިވެފައެވެ. އެއީ އީކުއޭޓަ ވިލެޖުގައި ކަރަންޓީނުކޮށްފައި ހުރި މީހެކެވެ.

ނެޝަނަލް އެމެޖެންސީ އޮޕަރޭޓިން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ، އައްޑޫ އިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 65 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އެ އަންހެން މީހާ އަކީ، އޭނާއަށް މާމަ ކިޔާ އަންހެން ދަރިފުޅާއެކު ކަރަންޓީންގައި ހުރި މީހެކެވެ. ނަމަވެސް އޭނާއަށް މާމަ ކިޔާ ދަރިފުޅު އެ ބައްޔަށް ނައްސިވެފައި ވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.