ދާދި ފަހުން މާލެ ސިޓީގައި ގެސްޓް ހައުސްއެއްގައި 18 އަހަރު ނުފެރޭ ކުޑަ ދެ އަންހެން ކުދިން ރޭޕްކޮށްފައިވާއިރު، މިކަންތައް ވެގެން ދަނީ ރަނގަޅަށް ގެސްޓް ހައުސްތައް ނުބެލޭތީ ކަމަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން، (އާކް) އިން ބުނެފިއެވެ.

ރާއްޖޭގައި ގެސްޓް ހައުސްތައް ބަލަހައްޓަމުން ދަނީ ޓުއަރިޒަމް މިނިސްޓްރީންނެވެ. އެތަންތަނަކީ ޖިންސީ ގުޅުން ހިންގުން ފަދަ ބޮޑެތި ކުށްކުަށަށް އަރައިތުމަށް ފުރުސަތު ލިބޭ ތަނެއްގެ ގޮތުގައި ގިނަބަޔަކު ސިފަ ކުރެއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ގެސްޓް ހައުސްއެއްގައި ރޭޕްކޮށްފައި ވަނީ އުމުރުން 11 އަހަރުގެ އަންހެން ކުއްޖެކެވެ. އަދި މިދިޔަ މަހުގެ 28 ވަނަ ދުވަހު އުމުރުން 16 އަހަރު ނުވާ އަންހެން ކުއްޖަކު މާލެ ގެނެސް ގެސްޓް ހައުސްއެއްގެ ތެރޭގައި ރޭޕް ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި މި ދެ މައްސަލައާ ގުޅިގެންވެސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

ދެ ކޭސްއާ ގުޅޭގޮތުން އާކްރިން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކަމާއި ގުޅުން ހުރި އިދާރާތަކުގެ ހުއްދަ ނެތި އެތައް ތަނެއް ދުވަހު ކުއްޔަކަށް ދޭ ކޮޓަރީގެ ގޮތުގައި ހިންގަމުން އަންނަ ކަމަށެވެ. އަދި އެފަަދަ ތަންތަނަށް ރަނގަޅަށް މޮނީޓަރ ކުރެވިގެން ނުދާ ކަމަށް އާކް އިން ބުނެފައި ވެއެވެ.

އާކް އިން ވަނީ، ރާއްޖޭގެ ގެސްޓްހައުސްތައް ފަދަ ތަންތަނުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ އާއި ރޭޕް ކުރުމާއި، އެ ކުދިންގެ ނާޖާއިޒް ފައިދާ ނެގުން ފަދަ ކަންކަން ނުކުރެވޭނެ ގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

"އާކް އިން ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލަން ބޭނުންވަނީ، ނާޖާއިޒް ފައިދާ ނެގުމުގެ ބޭނުމުގައި ކުޑަކުދިން އެއް ރަށުން އަނެއް ރަށަށް ގެންދާކަމަށް ރިޕޯޓްކުރާ މައްސަލަތައް އިތުރުވަމުން އަންނައިރު، އިންސާނީ ވަގުފާރިން ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި ދަތުރުފަތުރުކުރުމާއި ބެހޭ ގާނޫނުތަކާއި ގަވާއިދުތައް އިތުރަށް ހަރުދަނާކުރުމަށް". އަކްގެ ބަޔާނުގައި ވެއެވެ.

އަދި އާކްއިން ވަނީ ރޭޕްގެ އެ ދެ މައްސަލަވެސް ރަނގަޅަށް ބެލުމަށް ގޮވާލާފައެވެ.

އަދި އާކް އިން ވަނީ މައިންބަފައިންވެސް ކުޑަކުދިންގެ ކަންކަމުގައި އިތުރަށް ސަމާލުވެ ތިބުމަށް ގޮވާލާފައެވެ. އަދި ކުޑަކުދިންނަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބޭނަމަ، އަދި އެފަދަ ކަމަކަށް ތުހުމަތު ކުރެވޭ ކަމެއް ފެނިއްޖެ ނަމަ ޗައިލްޑް ހެލްޕްލައިން 1412 އަށް ނޫނީ ފުލުހުންގެ ހެލްޕްލައިން 3000600 އަށް ގުޅުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޛޖ

    ބަލަ އެތަންތަން ހިންގަން ތި ބެނި ބިދެސިންްްްް ދެން

    13
  2. މާމީ

    މާލޭގެ ގިނަގެސްޓު ހައުސްްތަކަކީ ހަށިވިއްކާ ތަންތަން މީހުނާ އިދެގެން އުޅޭ އަންހެނުންނާ ފިރިހެނުން ވެސް ނަހަމަ ގޮތުގަ މީހަކާ އެއްކޮއް ދާ ނަމަ ބޭނުން ކުރާ ތަަންތަން ވަރައް ތަނަވަސް ކޮއް ހުޅުވިފަހުންނަ ތަން ތަން.