ގއ. ކޮނޑޭ އިން އެ އަތޮޅު ގެމެނެފުއްޓަށް ދަތުރު ކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައިފިއެެވެ.

މި ލޯންޗް ބަންޑުން ޖަހާލާފައި ވަނީ މީގެ ދެ ގަޑިއެއްހާ އިރު ކުރިންނެވެ. މި ލޯންޗް ބަންޑުން ޖަހާލީ ގެމެނަފުށީ ނެރުން ވަންނަނިކޮށެވެ.

ގެމަނަފުށީ ކައުންސިލްގެ ޒިންމާދާރު ވެރިޔާ ޝިޔާމް "ވަގުތު"އަށް ވިދާޅުވީ، އެ ސަރަހައްދަށް ވަރަށް ބޮޑަށް ވިއްސާރަވެ ކަނޑު ގަދަ ކަމަށާއި، ލޯންޗް ބަންޑުން ޖަހާލާފައި ވަނީ މިއަދު ހަވީރު 16:30 ހާއިރު ކަމަށެވެ.

އެ ލޯންޗް ބަންޑުން ޖަހާލިއިރު، އޭގާއި ހުރީ ހަމައެކަނި ކެޕްޓަން އެވެ. އެ ލޯންޗަކީ 12 މީހުންގެ ޖާގައިގެ ލޯންޗެކެވެ. އެ ލޯންޗް ބަންޑުން ޖަހާލާފައި ވަނީ ކޮނޑޭއަށް ދަތުރެއް ހުސްކޮށްލުމަށް ފަހު އައި ވަގުތު އެވެ.

"އެ ލޯންޗްގައި އެގަޑީގައި އޭނާ އެކަނި ހުރީ، ދަތުރެއް ހުސްކޮށްލާފައި، އެނބުރި އައި ތަނުން މިއީ، އެއީ ދެން ހަމަ ނަސީބެއް، އޭގައި އެއްވެސް ބަޔަކު ތިބި ނަމަ ހަމަ ސަލާމަތެއް ނުވާނެ، އޭނާގެ ނަސީބު ހުރި ގޮތުން އޭނާ ލޯންޗްގެ ތެރެއިން ދެމެގަނެވިއްޖެ ބޭރަށް، ދެން އޭނާއަކީ ފުދޭވަރަކަށް ކަނޑަށް ފަރިތަ މީހެއް". ޝިޔާމް ވިދާޅުވިއެވެ.

ކޮނޑޭ އާއި ގެމަނަފުއްޓާއި ދެމެދުގައި ލޯންޗެއްގައި ދަތުރު ކޮށްލަން ނަގާނީ 10 ވަރަކަށް މިނިޓެވެ.

އެ ލޯންޗް ބަންޑުން ޖަހާލި މަންޒަރު ފެނުނީ އެރަށުގެ ތުނޑީގައި މޫދަށް ގޮސް އުޅުނު ބަޔަކަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އޭނާ މާރެހާ ކަނޑުން ވަދެފައި، މިރަށަށް ވަންނަން ވެގެން ކަނޑުއޮޅިން ޅަނބާލިތަނާ އަސްލު ބަންޑުން ޖަހާލީ،އެ މަންޒަރު ފެނެނުނީ މޫދަށް ގޮސް އުޅުނު ކުދިންތަކަކަށް، ވަރަށް ވިއްސާރަ ވަރަށް ވާރޭ ވެހޭ، ދެން އެ ކުދިން އައިސް ކައުންސިލަށާއި، މީސް މީހުންނަށް އެންގީ، ނަސީބު ކަން ދިމާކުރި ގޮތުން ފުލުހުންގެ ބޮޑު ލޯންޗެއްވެސް އޮތް،އެ މީހުންވެސް ނުކުތީ، ރަށު އެހެން މީހުންވެސް ނުކުތީ، ނުކުމެފައި އޭނާ ސަލާމަތް ކުރީ". ޝިޔާމް ވިދާޅުވިއެވެ.

އެ ހާދިސާގައި އެ މީހާއަށް މާބޮޑެތި އަނިޔާތަކެއް ވެފައެއް ނުވެއެވެ. ނަމަވެސް ލޯންޗަށް ވަނީ ގެއްލުންތަކެއް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަބޫ

    އޭނަ އެކަނި ދަތުރު ކުރުމަކީ ފުރަތަމަ މަނާކަމެއް. ގަވާއިދާ ޚިލާފަށް އުޅެގެން
    ތިކަހަލަ ބޮނޑި ބޮވޭނެ. އިތުރުމީހަކު ހުރިނަމަ ދެވަނަ ވިސްނުމަކަށްވެސް ދާން ފުރުސަތު އޮންނާނެ

  2. ކައުންސެލަރު

    އެކަނި ދަތުރު ކުރުމަކީ ގަވައިދުގައި މަނާކޮށްފައިވާކަމެއް. އެންމެ މަދުވެގެންވެސް 2 މީހުން ތިބެންވާނެ ދަތުރު ކުރާއިރު