ކޮވިޑް-19 އަށް ޓެސްޓް ކުރުމުގައި އައިޖީއެމްއެޗުން ބޭނުންކުރަމުން ދިޔަ އެކްސްޓްރެކްޝަން މެޝިނެއް ހަލާކުވެ، އެ މެޝިނު ނުހެދި ދިގުލައިގެން ގޮސްފައިވާއިރު، އިތުރު އެކްސްޓްރެކްޝަން މެޝިނުތަކާއި ޕީސީއާރު މެޝިނުތައް ގެންނަން ދިގު މުއްދަތެއް ނަގާނެ ކަން ހާމަވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ މަހުގެ ފަހުކޮޅާ ހަމައަށް އައިޖީއެމްއެޗުގައި ހުރީ އެންމެ އެކްސްޓްރެކްޝަން މެޝިނެކެވެ. ނަމަވެސް ފަހުން އިތުރު އެކްސްޓްރެކްޝަން މެޝިނެއް ގެނެސް، ޓެސްޓް ކުރެވޭ ވަރު އިތުރު ކުރި އެވެ. އެކަމަކު އާ އެކްސްޓްރެކްޝަން މެޝިނު ބޭނުން ކުރަން ފެށިތާ މަހެއް ވެސް ނުވަނީސް އެތަނުން އެއް މެޝިނު ހަވާލުކުވުމުން، ކުރިއެކޭ އެއްގޮތަށް މިހާރު އައިޖީއެމްއެޗުގައި ހުރީ އެންމެ އެކްސްޓްރެކްޝަން މެޝިނެކެވެ.

އައިޖީއެމްއެޗުން ބޭނުން ކުރަމުން ދިޔަ އެކްސްޓްރެކްޝަން މެޝިނަކީ އެސްޓީއޯ އިން އަމިއްލަ ކުންފުންޏެއް ކަމަށްވާ މެޑިކިއުޕް އާ ހަވާލުކޮށްގެން ގެނެސްފައިވާ މެޝިނެކެވެ. އެ މެޝިނަށް ދިމާވި މައްސަލަ ހައްލު ނުކުރެވިގެން އުޅެނީ، މެޑިކުއިޕްގެ ސްޓޮކްގައި އެ މެޝިނަށް ބޭނުންވާ ބެކަޕް ސްޕެއާ ޕާޓްސް ނެތުމުންނެވެ. އެ މެޝިނަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ޓްރެއިން ވެފައިވާ ބަޔޯ މެޑިކަލް އިންޖިނިއަރެއް ވެސް އެ ކުންފުނީގައި ނެތް ކަމަށް ވެއެވެ.

އެ އެކްސްޓްރެކްޝަން މެޝިނު ހަލާކުވުމާ އެކު ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް މައުލޫމާތު އެނގޭ ބައެއް ބޭފުޅުން ވިދާޅުވެއެވެ. އަދި ސަޕްލަޔަރަށް އެ މެޝިނަށް ދިމާވި މައްސަލަ އަވަހަށް ހައްލު ނުކުރެވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް، އެކަމާއި ގުޅޭގޮތުން މައުލުމާތު ދެއްވި ސިއްހީ ދާއިރާގައި ބައެއް އޮފިޝަލުން ވިދާޅުވެއެވެ.

ޕީސީއާރު މެޝިނުތައް އިތުރުވި ނަމަވެސް، އެކްސްޓްރެކްޝަން މެޝިނު މަދުވުމުން ޓެސްޓް ކުރެވޭ ވަރު ވަރަށް ބޮޑަށް ލިމިޓުވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ. އެއީ ކޮންމެ ސާންޕަލް އަކީ ވައިރަސް އެކްސްޓްރެކްޓް ކުރުމަށް ފަހު ޓެސްޓް ކުރެވޭ އެއްޗަކަށް ވާއިރު، ސާންޕަލްތައް އެކްސްޓް ކުރެވޭ ވަރު މަދުވުމުން ޓެސްޓް ކުރެވޭ ވަރު ވެސް މަދުވާތީ އެވެ.

އެނގިފައިވާ ގޮތުގައި އެކްސްޓްރެކްޝަން މެޝިނަށް ދިމާވި މައްސަލަ ހައްލު ކުރަން އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަގެއް، މެޑިކުއިޕް އިން ހުށަހަޅާފައި ވާތީ އެ މެޝިނު ހެދުން މަޑުޖައްސާލަން އައިޖީއެމްއެޗުން ވަނީ ނިންމާފަ އެވެ. މެޑިކުއިޕް އިން އެ މެޝިނު ހަދަން ހުށަހަޅާފައިވަނީ 1.2 މިލިޔަން ރުފިޔާ ކަމަށް، ނަން ނުޖަހާ ގޮތަށް މައުލޫމާތު ދެއްވި އައިޖީއެމްއެޗުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ އަށް ވުރެ ހެޔޮ އަގެއްގައި، ޑަބްލިއު އެޗްއޯ ފަދަ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން އެޕްރޫވް ކޮށްފައިވާ އެހެން ބައެއް ބްރޭންޑްތަކުގެ އެކްސްޓްރެކްޝަން މެޝިނު ލިބެން ހުރި ކަމަށެވެ. އަދި އެ އަގުގައި އެކްސްޓްރެކްޝަން މެޝިނު ނުހަދަން ނިންމީ އެ ސަބަބާއި ހުރެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭގެ އިތުރުން ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން އިތުރު މެޝިނުތައް ގަންނަން ނިންމާފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް އެ މެޝިނުތައް ރާއްޖެ އަށް ގެނެވޭނީ އެންމެ އަވަސް ވެގެން ވެސް ދެ މަސް ދުވަހުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން އެންމެ އަވަހަށް ވެސް ޓެސްޓިން ކެޕޭސިޓީ އިތުރު ކުރެވޭނީ އަންނަ އޮގަސްޓް މަހުގެ މެދެއްހާ ތަނުގައި ކަމަށް އޭނާ ލަފާކުރައްވަ އެވެ. ނަން ނުޖަހާ ގޮތަށް މައުލޫމާތު ދެއްވި އައިޖީއެމްއެޗްގެ އިސް އޮފިޝަލް ވިދާޅުވީ މިހާރު އައިޖީއެމްއެޗްގެ ޓެސްޓިން ކެޕޭސިޓީ ހުރީ، ކޮވިޑް-19 މާލޭގައި ފެތުރެން ފެށި އިރު ވެސް ހުރި ވަރަށެވެ. (އެކްސްޓްރެކްޝަން ދެ މެޝިނު އޮޕަރޭޓް ކުރި އިރު ކެޕޭސިޓީ އަކީ ދުވާލަކަށް 700 ޓެސްޓް، މިހާރު އެ އަދަދު ހުރީ ދުވާލަކަށް 500 ވަރުގައި)

މިފަދަ ނާޒިކު ދަނޑިވަޅެއްގައި އައިޖީއެމްއެޗުން މުހިންމު މެޝިނުތައް ގަންނަ އިރު، އެ ތަކެއްޗަށް ދިމާވާ މައްސަލަތައް ހައްލު ކުރެވޭ ވަރުގެ ބަޔޯ މެޑިކަލް އިންޖިނިއަރުންގެ އިތުރުން، މުހިންމު ސްޕެއާ ޕާޓްތައް ސަޕްލަޔަރުގެ ސްޓޮކްގައި ހުރިކަން ކަށަވަރު ކުރުމުގެ އިންތިހާ އަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

އިގްތިސާދީ ހަރަކާތްތައް ފަށަން ތައްޔާރުވަމުން އަންނަ އިރު، ޓެސްޓިން ކެޕޭސިޓީ އިތުރު ނުކުރެވުމަކީ ބަލި ފެތުރި، ކޮވިޑް-19ގެ ދެ ވަނަ ރާޅެއްގެ ބިރު އިންތިހާ އަށް ބޮޑުވާނެ ކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ފަދަ އިދާރާތަކުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ލޮކްޑައުން އަށް ދެ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ޓެސްޓިން ކެޕޭސިޓީ އިތުރު ނުކުރެވި ހުރުމަކީ ސަރުކާރުން ކޮވިޑް-19 އަށް ތައްޔާރުވެފައިވާ ކަމަށް ބުނި ނަމަވެސް، އެ ކަމާއި މެދު އެތައް ބަޔަކު ސުވާލު އުފައްދަމުން އަންނަ ދަނޑިވަޅެއްގައި، އެ ތުހުމަތުތަކަށް ލިބޭ އިތުރު ބާރެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަހޫ

    ޢަފީފު އާއި ހިޔަލީމެންކުންފުނިދޯ

  2. ރައްޔިތުމީހުން

    ކޭސް ތައް މަދުވެގެން އުޅެނީ މިހެންވެ ދޯ.. ކޮންޓްރޯލް ވެގެންނެއް ނޫން އެއްގޮތަކަށްވެސް

    12
    1
  3. ފިލްވް

    1.2 މިލިއަން އެއީ ކޯންޗެއް؟؟ ރައްޔިތުންގެ ފުރާނަ މުހިއްމު. ވީމާ ކުރިއަށް ނުގެންދަންވީ ސަބަބެއް ނެތް. ގަންނަންވީ