ހދ. ކުޅުދުއްފުށީގައި ހުންނަ އެ އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލްގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.

ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީީ)ގެ ތަރުޖަމާން މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ، ކުޅުދުއްފުށީ ހޮސްޕިޓަލްގައި ޕީސީއާރް މެޝިނެއް ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ގާއިމްކޮށް، ކޮވިޑް-19 އަށް ޓެސްޓު ކުރަން ފަށާނެ ކަމަށެވެ.

މިއަދު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައިވެސް ވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރަން ފަށާފައެވެ.

މަބްރޫކް ވިދާޅުވީ، މިހާރު އައްޑޫގައި ގާއިމްކޮށްފައިވާ މެޝިންއިން ކޮވިޑް-19 އަށް ޓެސްޓު ކުރެވެނީ ދުވާލަކަށް 24 ސުންކު ކަމަށެވެ.

އެހެން ނަމަވެސް އެ ހޮސްޕިޓަލްގައި ދުވާލަކަށް 100-150 އާ ދެމެދުގެ އަދަދަކަށް ސުންކު ޓެސްޓު ކުރެވޭނެ މެޝިނެއް 10 ދުވަސް ތެރޭގައި ބަހައްޓަން ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަދި މި ދެ ހޮސްޕިޓަލްގައިވެސް އެ މެޝިން ބޭނުން ކުރުމަށް ލެބް ޓެކްނޮލޮޖިސްޓުން މާލޭގައި ތަމްރީން ކޮށްފައިވާ ކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ.

އެ މީހުން މިވަގުތު ތިބީ ޓްރާންސިޓް ކަރަންޓީންގައި މި މެޝިންތައް އެކޮޅަށް ގެންދެވޭއިރު، އެ މީހުން ތިބޭނީ މަސައްކަތަށް ނުކުމެފައި". މަބްރޫކް ވިދާޅުވިއެވެ.

މީގެ ކުރިން ސަރުކާރުން ވަނީ އަތޮޅު ތެރޭގައިވެސް ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމްތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަޅުމަރިޔަނބު

    ދުވާލަކު 24 ސުންކު ޓެސްޓްކުރެވޭ މެޝިނެއް މުޅި ދުނިޔެއިންވެސް ހުރީ އައްޑޫ ހޮސްޕިޓަލްގަ އެކަނި. އައްޑޫ ކުދިން ބާރަށް އަތްޖަހާ!