ގދ. ވާދޫގައި އޭޓީއެމްއެއް އަދި، ނަރުދަމާ ނިޒާމް ގާއިމްކުރެވިފައި ނެތުމުން އެރަށުގެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

"ވަގުތު"އަަށް މައުލޫމާތު ދެއްވަމުން ވާދޫ ކައުންސިލްގެ ނައިބު ރައީސް ސައީދު އަލީ ވިދާޅުވީ، ވާދޫގައި އޭޓީއެމް އެއް ގާއިމްކޮށްފައި ނެތުމަކީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، އަދި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން ފުރަބަންދުކޮށްފައި އޮތުމުން އެކަމުގެ ދަތިކަން އިންތިހާއަށް ތަހައްމަލު ކުރަން ޖެހިފައިވާކަމަށެވެ.

ވާދޫ އަކީ މަސައްކަތްތެރި ރަށެއްކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ، ފައިސާ ނެގޭނެ ގޮތެއް ރަށުގައި ނެތް އިރު ކޭޝްކާޑު އަދި އޮންލައިން ބޭންކިން މެދުވެރިކޮށް އެރަށުގައި ވިޔަފާރި ކުރެވެނީވެސް މަދު ފިހާރަތަކެއްގައި ކަމަށެވެ.

އެރަށާއި އެންމެ ކައިރިން ދެން އޭޓީއެމްއެއް ހުންނަނީ ގދ. ފަރެސްމާތޮޑާގައި ކަމަށާއި، ފަރެސްމާތޮޑާ އަށް ދަތުރެއް ކުރާކަމުގައި ވާނަމަ އަތުން ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން އޭޓީއެމް ހުންނަ އެހެން ރަށަކަށް ދަތުރެއް ކޮށްލާ ނަމަވެސް އަތުން އެދަދޭ ގާތްގަނޑަކަށް 700 އާއި 2500 ދެމެދުގެ އަދަދަކަށް ފައިސާ، ހަމައެކަނި ލޯންޗު ހަރަދަށް" ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، މިހާރު އޮތް ހަލަތާއި ގުޅިގެން ސާފު ތާހިރު ކަމަށް އިސްކަން ދިނުމަށް އެޗްޕީއޭއިންނާއި އެހެނިހެން ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރަމުން އަންނަ އިރު، ވާދޫގެ ނަރުދަމާ ގާއިމްކުރެވިފައި ނުވާއިރު، ވާރޭ ވެހިއްޖެ ކަމުގައިވާނަމަ ގޭގޭގެ ނަރުދަމާ ބަންޑުންވެ މަގުމައްޗަށް ނަޖިސް ނިކުންނަ މައްސަލަތައް ވެސް އިންތިހާއަށް ދިމާވަމުން އަންނަ ކަމަށާއި، މިއީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

''ކޮވިޑް-19އިގެ މި ބަންދަށްފަހު އަލުން ލޯކަލް ޓުއަރިޒަމަށް ހުޅުވާލާއިރުވެސް މިހެން ރަށުގެ ހާލަތު އޮތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް. ރަށަށް މީގެ ކުރިން އައި ފަތުރުވެރިންގެ ފަރާތުންވެސް ނަރުދަމާގެ ސަބަބުން ރަށުގެ ތާހިރުކަން ގެއްލިފަ އޮތުމުން ޝަކުވާތައް އެބަ ހުށަހަޅާ'' ސައީދު ވިދާޅުވިއެވެ.

އަދި މިކަމުގެ ސަބަބުން ރަށުގެ އާންމު ސާފްތާހިރުކަން ގެއްލިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.