މާލޭގައި "އާބަން ގާޑެނިން" ނަމޫނާއެއް ތަޢާރަފް ކުރުމަށް ފިޝަރިޒް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން މިއަދު ވިދާޅުވީ، މި ޕްރޮގްރާމަކީ "ކާނާގެ ޔަޤީންކަން" ކަށަވަރު ކުރުމުގައި ދަނޑުވެރިކަން ޙިއްޞާކުރާ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުސްބިމެއް ނުވަތަ ޓެރަސްއެއް ފަދަ ތަނެއްގައި ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ތަޢާރަފް ކުރެވޭ މޮޑެލް ބިނާވާނީ މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހޭ ތަނެއްގެ ބޮޑު ކުޑަމިނެއްގެ މައްޗަށް ކަމަށެވެ. އަދި ކުދި ޖާގަތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ހިފޭނެހެން ބައްޓަން ކުރެވޭ މިމޮޑެލްގައި ގަސްހެއްދުމަށް ވިހަ ކެމިކަލް އެކުލެވޭ ބާރުގަދަ ބޭސްތައް ބޭނުމެއް ނުކުރާނެ ކަމަށާއި، ގަސްކާނާގެ ގޮތުގައި މައިގަނޑު ގޮތަކަށް ބޭނުންކުރާނީ އޯގަނިކް ކޮމްޕޯސްޓްގެ ބާވަތްތައް ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ގޭބިސީތަކުން އުކާލާ ތަކެތި ބޭނުންކޮށްގެން ގަސްކާނާ އުފައްދާ އެތަކެތި ބޭނުންކުރުންވެސް މިޕްރޮގްރާމްގައި ހިމެނިފައިވެއެވެ. މި ޕްރޮގްރާމަށް ބޭނުންވާ ހުރިހާ ތަކެއްޗެއްވެސް ފޯރުކޮށްދޭނީ އެ މިނިސްޓްރީގެ ފަރާތުން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މިޕްރޮގްރާމްގެ ދަށުން ޤާއިމްކުރާ މޮޑެލް ގާޑަން އެފަރާތެއްގެ އަމިއްލަ ބިމުގައި ނުވަތަ އިމާރާތުގެ ޓެރަސްގައި ޤާއިމްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ހުށައެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މިކަމަށް އެދި ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ 25 ޖޫން ވަނަ ދުވަހުގެ މެންދުރު 1400 އެވެ.

މޮޑެލް ގާޑަން ޤާއިމްކުރާނެ ބިމެއް ނުވަތަ ޓެރަސްއެއް ޚިޔާރުކުރުމުގައި މިނިސްޓްރީން ބަލާނެ މައިގަނޑު ކަންތައްތައް:

– ހުށަހަޅުއްވާ ބިމަށް ނުވަތަ ޓެރަސްއަށް ވަދެ ނިކުތުމަށް ފަސޭހަ މިންވަރު

– ހުށަހަޅުއްވާ ބިން ނުވަތަ ޓެރަސްގެ ސެކިޔުރިޓީ ބަލަހައްޓާ މިންވަރު

– މިނިސްޓްރީން ޤާއިމްކުރާ މޮޑެލް އާންމުންނަށް ދައްކާ ޕްރޮމޯޓްކުރުމަށް ކުރާނެ މަސައްކަތްތައް

– ހުށަހަޅުއްވާ ބިން ނުވަތަ ޓެރަސްއިން ޖާގަ ލިބެން އޮތް މިންވަރު

– މޮޑެލް ގާޑަން ޤާއިމް ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެ މިންވަރު

– މޮޑެލް ގާޑަން ޤާއިމް ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުޞަތު އަވައްޓެރިންނަށާއި އެހެނިހެން އާންމުންނަށް ފަހިކޮށްދިނުމަށް ހުށަހަޅާ ގޮތް އަދި މިންވަރު

– ހުށަހަޅުއްވާ ބިން ނުވަތަ ޓެރަސްއަށް މޫދު ލޮނުގެ އަސަރުކުރާ މިންވަރު، އަވި ލިބޭ ނިސްބަތް

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަރަނި ދަންތުރަ

    މާވަހަރު ހޮވަން ވަޒީރުންގެ މަޖިލިސް ނުކުންނަށްވީ ނޫންތޯ މާލޭގެ މަހުޖަނުންގެ ގޭގެގައި ތިޔަބުނާ ހުސްބިމާ ޓެރަސް ހުއްނާނީ މަހުޖަނުންނަށް ދައުލަތުގެ ހަޒާނަ ދޭނެ ގޮތެއްނޭގިގެންތޯ ތިޔައުޅެނީ

  2. ހަމީޒާ

    ބަލަގަ މާލޭގަ އަބަދުވެސް ގޯތި ހުރިތަންތާގަ އަދި އިމާރަތްތަކުގަ މީހުން ގާޑަން ހައްދާ. ދެން ކޮންމެވެސް މޮޅުނަމެއް ކިޔާފަ އަލައް ތާރަފު ކުރީއޭ ބުނޭ.. ކަލޭމެންނައއ އަބަދުވެސް ވަނީ ތިވަރު.

  3. ދަޔާ

    ބެލް ކަނީގަ ނެހެއްދޭނެތޯ މަމެން ގޭގަ ހުރީ 1ފޫޓްފުޅާ 15 ފޫޓް ދިގު ބެލް ކަނީ އެއް

  4. އަބްދޫ

    ބޭކާރު ހަރަދު ކުރަނީ ކީއްވެ.މިއުޅެނީ އަސާސީ ހިދުމަތް ނުދެވިގެން. ދަރަނިނަގާ މިފަދަ ހަރަދު ކުރުމަކީ އިގްތިސާދު ހަލކު ކޮށްލުން

  5. ބޭޗާރާ

    ގެ ބެހީމާ ކުއްޖަކަށް ލިބުނީ 150 ވަރަކަށް އަކަފޫޓު. ފޮތިފޮތި ކުރި ގޯތީގައި ވަދެ ނުކުތުމަށް ހަނި ގޯޅިއެއް އޮންނާނެ. ހިނގާފައި ދާން އޮތް ގޯޅިތެރޭގައި އިންދިދާނެ. އޭރުން ގަސްތައް ހެދިގެން މޭވާތައް އަޅާނީ ދެފައިދެގޯޅީގައި.