ވެމްކޯއިން މާލެ ސަރަހައްދުގެ ގެތަކުން ނަގަމުން އަންނަ ކުނި އަންނަ މަހުގެ އެއްވަނަ ދުވަހާއި ހަމައަށް ނަގަމުން އަންނާނީ އިމާރާތުގެ ތިރިން ކަމަށް ވިދާޅުވެއްޖެއެވެ.

ވެމްކޯއިން ބުނީ، ކޮވިޑް-19 އާއި ގުޅިގެން ފުރަމާލެ ސަރަހައްދު ބަންދު 15 އޭޕްރިލް ގައި ބަންދުކޮށްފައިވާތީ، އެ ކޯޕަރޭޝަނުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ގޭބިސީ ތަކުން އެފައްދާ ކުނި ނެގުމުގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި ފާއިތުވި ދުވަސްތަކުގައި ކުނި ނަގުމަށް އަމަލު ކޮށްފައިވަނީ ހާއްސަ އުސޫލަކަށް ބަލައިގެން ކަމަށެވެ.

އެހެން ނަމަވެސް މިހާރުގެ ހާލަތަށް ރިއާޔަތް ކުރުމަށްފަހު، ސަރުކާރުން ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމުމާއި ގުޅިގެން، އެ ކޯޕަރޭޝަނުން ގޭބިސީތަކަށް ފޯރުކޮށްދޭ ކުނި ނެގުމުގެ ހިދުމަތްތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

އެގޮތުން އެކޯޕަރޭޝަނުން ބުނީ، މާދަމާއިން ފެށިގެން އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ކުރިން އަމަލު ކުރަމުން އައި އުސޫލުގެ ދަށުން ގޭބިސީތަކުން ކުނި ނަގަމުންދާނީ އިމާރާތުގެ ތިރިން ކަމަށާއި ކުނި ނެރުމަށް ހަމަޖެހިފައި ވަނީ، ކުރިއެކޭވެސް އެއްގޮތަށް ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން 14:00 އާ ދެމެދުގައި ކަމަށެވެ.

މިފަދަ ގަޑިތަކުގައި ވެމްކޯގެ މުއައްޒަފުންނަށް އިމާރާތަށް ވަދެ ނިކުމެވޭނެ އިންތިޒާމެއް ދުރާލާ ހަމަޖެއްސުމަށް ވަނީ އެދިފައެވެ. އަދި އެއްވެސް މުވައްޒަފަކު ކުނި ނެގުމަށް ވަކިވަކި ފަންގިފިލާއަށް ނާރާނެ ކަމަށް ވަނީ ބުނެފައެވެ.

ވެމްކޯއިން ބުނީ، މޮނިޓަރިންގައިވާ ގޭބިސީތަކުން ކުނި ނަގަމުންދާނީ ކުރިއެކޭ ވެސް އެއްގޮތަށް އެޗްޕީއޭގެ އިރުޝާދުގެ މަތިން އެ ކޯޕަރޭޝަންގެ ހާއްސަ ޓާސްކް ފޯހަކުން ކަމަށެވެ.

ވެމްކޯއިން ވަނީ ސަރުކާރުގެ ފަރާތުން ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދީފައިވީނަމަވެސް، މި ހާލަތުގައި ވެސް އެ ކޯޕަރޭޝަންގެ މުވައްޒަފުންނާއި، ހިދުމަތްތައް ހޯދާ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވާން ޖެހޭތީ، އެ ކޯޕަރޭޝަނުން އާންމުކޮށްފައިވާ ކުނި ބަންދުކުރުމުގެ މިންގަނޑާއި، ވަގުތުގައި ކުނި ނެރުމަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލއ

    އިމާރާތުގެ ތިރިން މަގުމަތިން ކުނި ނަގާ އިރުވެސް ހަމަ އެޕާޓްމަންޓް ދޮރުމަތިން ނަގާ އަގު ޗާރޖު ކުރަނީ

  2. އަޙްމަދު.

    މިހާރު 2 މަސްވީ ގެތަކުގެ ތިރިން ކުނި ނަގާތާ! އެކަމަކު ބަރާބަރަށް ކޮންމެ މަހަކު 150ރ ޗާޖުކުރަމުންދަނީ އަދިވެސް! މައުލޫމާތު ކުށްކަމުގައި ނުވަނީނަމަ ގެތަކުގެ ތިރިން ކުނި ނަގާނަމަ ޗާޖުކުރާގޮތަށް އޮންނަނީ 100ރ. ވަގުތު ޕްލީޒް މިކަން ބަލާދީބަލަ

  3. ސުވާލު

    މި ތިރިޔަށް ގެނެޔަސް ހަމަ 150 ގުޅީމަ އެމްޑީ އަށް މެއިލް ކުރާށޯ މިވެރިން އަގު ހެދި ގޮތެއް ކިޔާދެގަ

  4. އަނަސް

    ތިރިން ނަގަން އަގަކަށް ބަދަލެ އް ނާދޭތޯ