މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި 83 އަހަރުގެ މީހަކު ހިމެނޭ ކަމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީީ) އިން މިރޭ ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެންސީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި 22 މީހުންގެ ތެރޭގައި 83 އަހަރުގެ ދިވެއްސަކު ހިމެނޭ ކަމަށެވެ. އަދި އެ މީހާއަކީ ދިގުމުއްދަތަށް ބަލިތަކަށް ބޭސް ކުރަމުން އަންނަ މީހެއް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"ހައިޕާ ޓެންޝަން އަދި އިތުރު ބަލިތަކަށް ދިގުމުއްދަތަކަށް ބޭސް ކުރަމުން އަންނަ ބަލިތައް، މި ބަލިތަކުގެ ސަބަބުން ވޭދަނަ ވަކިން ސީރިއަސް ވާ ކަހަލަ ބަލިތަކެއް ހުރި ބޭފުޅެއް،". މަބްރޫކް ވިދާޅުވިއެވެ.

ރޭ އިއުލާނު ކުރި ވޭދަނަތަކުގެ ތެރޭގައި 92 އަހަރުގެ މީހަކުވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މަބްރޫކް ވިދާޅުވީ، މި ބަލީގެ ނުރައްކާ އަދިވެސް ނުކެނޑޭ ކަމަށާއި،ބައްޔާއި މެދު ވަރަށް ބޮޑަށް އަދިވެސް ސަމާލުވާން ޖެހޭ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 2035 އަށް އަރާފައެވެ. މީގެ ތެރެއިން ބައްޔަށް ބޭސް ކުރެވެމުން ދަނީ 714 މީހަކަށެވެ. އޭގެ ތެރެއިން ނުވަ މީހަކަށް ވަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 1311 މީހެކެވެ. އަދި މި ބަލީގައި ނިޔާވެފައި ވަނީ އަށް މީހެކެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުފާ

    ކޮރޯނާ ވައިރަސް މާލެއަށް ފެތުރުނީ މާލެ މީހުންގެ ބޮޑާކަމުން. ކޮރޯނާ ވައިރަހަކީ ހަމަ މާލެ މީހުނަށް ރަނގަޅަކަށް ވިކަމެއް.