ކޮވިޑް-19 އާއި ގުޅިގެން އަތޮޅުތަކުގެ ރަށްތަކުގައި އަޅާފައިވާ ހުރިހާ ފިޔަވަޅެއް ޖޫން 15 ވަނަ ދުވަހުން ފެށިގެން ބާތިލް، ސަރުކާރުން ކުރިން އިއުލާން ކޮށްފައިވާ ގޮތައް މާލޭގެ ފުރަބަންދަށް ލުއިތަކެއް ދީފައިވާކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

ދެންމެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އެންގުމުގައި ވަނީ ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ދިން ފުރަބަންދުގެ ލުއިތަކުގެ ތެރޭގައި މޭލެ ސަރަހައްދުގައި އުމުރުން 60 (ފަސްދޮޅަސް) އަހަރުން މަތީގެ ފަރާތްތަކަށް (އެހީތެރިޔަކު ބޭނުންވާނަމަ، އެ އެހީތެރިޔަކާއެކު) ފަތިހު 5:00 އާއި 8:00 އާ ދެމެދު 3 (ތިނެއް) ގަޑިއިރު ގެއިން ބޭރަށް ނުކުމެ އުޅުމަށް ވަނީ ހާއްސަ ކޮށްފައެވެ.

ކުޑަކުދިން (އެހީތެރިޔަކާއެކު) ހަވީރު 4:00 އިން 6:00 އާ ދެމެދު 2 (ދޭއް) ގަޑިއިރު ގެއިން ބޭރަށް ނުކުމެ އުޅުމަށް ޚާއްޞަކޮށްފައި ވާއިރު ކަސްރަތު ކުރުމަށްޓަކައި ހަވީރު 6:00 އިން ރޭގަނޑު 9:00 އާ ދެމެދު 3 (ތިނެއް) ގަޑިއިރު ގެއިން ބޭރަށް ނުކުމެ އުޅުމަށް ވަނީ ހާއްސަކޮށްފައެވެ.

މީގެ އިތުރުން އެންގުމުގެ މުއްދަތުގެ ތެރޭގައި ޞިއްޙީ ޚިދުމަތް ދިނުމަށް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ޞިއްޙީ ޚިދުމަތް ދޭ ތަންތަނުން ޚިދުމަތް ދިނުމަށް ވެސް ވަނީ އަންގާފައެވެ.

އަދި ފިހާރަތަކާއި އަމިއްލަ އޮފީސްތަކާއި އެހެނިހެން މަސައްކަތްތައް ކުރާ ތަންތަން، އެކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ޚިދުމަތް ދިނުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ.

މީގެ އިތުރުން ކޮންސްޓްރަކްޝަން މަސައްކަތްތައް، މާލޭ ސިޓީ ކައުންސިލާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން ހުއްދަ ލިބިގެން ކުރިޔަށް ގެންދިއުމަށާއި ހޮޓާތަކާއި ކެފޭތަކުން ޑެލިވަރީއާއި ޓޭކްއަވޭގެ ޚިދުމަތް، އެކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ކުރިޔަށް ގެންދިޔުން އަދި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ޕާކުތަކާއި މައިޒާންތައް ހުޅުވައިލުމަށް ވެސް ވަނީ ނިންމާފައެވެ.

މުލުއިތަކުގެ ތަފުސީލުތައް، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކުރާނެ ކަމަށް ވެސް އެންގުމުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު