މާލެ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތައް ނަގަން ފުލުހުން އަންގައިފިއެވެ.

ފުލުހުން ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި މާލެ ފުރަބަންދުކޮށްފައި އޮތްއިރު ޤަވާއިދާ ޚިލާފަށް ވެހިކަލް ޕާކުކޮށްފައި ހުރި ސަރަޙައްދުތައް ފާހަގަކޮށްފައެވެ. އަދި އެތަންތަނުން ވެހިކަލްތައް ނުނަގައިފިނަމަ ކުރިޔަށް އޮތްތަނުގައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުރަބަންދު ތެރޭގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރިނަމަވެސް ފިޔަވަޅު އަޅާފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ މިސްކިތްތައް ކައިރީގައި އާއި ކަފިހިހުރަސްތައް މަތީގައި އާއި ގޯޅިތަކުގެ ކަންމައްޗާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކުގެ އިތުރުން ބޭންކުތައް ކައިރީގައި ޤަވާއިދާ ޚިލާފަށް ވެހިކަލް ޕާކުކޮށްފައި ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. މީގެ އިތުރުން ފުލުހުންގެ ކޯނާއި ބެރިކޭޑު ބަހައްޓާފައި ހުންނަ ސަރަޙައްދުތަކުގައި އާއި ޚާއްސަ ހުއްދަ ލިބިގެން ޕާކު ކުރެވޭ ޒޯންތަކުގައި ވެސް ވެހިކަލް ޕާކުކޮށްފައި ހުންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތައް ނެގުމަށް އަންގާފައި މިވަނީ، ކޮވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ ފުރަބަންދުގެ ހާލަތަށް ލުއިދީ މާދަމައިން ފެށިގެން އާންމުންނަށް ހުއްދައާއި ނުލައި މަގުތަކަށް ނިކުމެވޭ ގޮތަށް ހަމަޖައްސާފައިވާ ދަނޑިވަޅެއްގައެވެ. މިއާއެކު ގިނަ ބަޔަކު މާދަމައިން ފެށިގެން މަގުތަކަށް ނިކުމެ އުޅޭނެ ކަމަށް ވަނީ ބެލެވިފައެވެ.

މާލެ ސަރަޙައްދު ފުރަބަންދުގައި އޮންނަތާ ދެމަހެއްހައި ދުވަސް ވެފައި ވާއިރު، މާދަމައިން ފެށިގެން ލިބިދޭ ލުއިތަކުގެ ދަށުން ކޮންމެ ދުވަހެއްގެ ފަތިހު 5:00 އިން ފެށިގެން ރޭގަނޑު 10:00 އާއި ހަމައަށް އާންމުންނަށް ހުއްދަނެތި ބޭރުގައި އުޅެވޭނެއެވެ.

މިގޮތަށް ހުއްދަ ދީފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އާ އާންމު ހާލަތަކަށް ދިއުމަށް އެކުލަވާލާފައިވާ ޕްލޭންގެ ދެވަނަ ފޭސްގެ ދަށުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 2035 މީހަކު ފައްސިވެފައިވާއިރު، މިހާރު ފަރުވާދެމުން އަންނަނީ 714 މީހަކަށެވެ. މި ބަލީގެ ނުރައްކާ ކުރިޔާއި އަޅާބަލާއިރު ރާއްޖެއިން ކުޑަވެފައި ވީނަމަވެސް އަދިވެސް ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.